ކުޅިވަރު

އަންދްރޭ ޝެވްޗެންކޯ މި ދައްކައިދެނީ ޔުކްރެއިންގެ ފުޓްބޯޅައިގެ "ނިކަމެތި" ހާލަތު!


މަތީގައިވާ ފޮޓޯ އަށް ބަލާލާށެވެ. ރޮމޭނިޔާ އަތުން ޔުކްރެއިން ބަލިވި މެޗު ބަލަން ޔުކްރެއިން ފުޓްބޯޅަ ލެޖެންޑް އަދި ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް އަންދްރޭ ޝެވްޗެންކޯ އެހުންނެވީ ޖަރުމަނުގެ މިޔުނިކް ފުޓްބޯޅަ އެރީނާގައެވެ. އެކަމަކު ޝެވްޗެންކޯ ހުއްޓިހުރި ތަނުގެ ހާލަތަށް ވިސްނާ ނަޒަރު ހިންގާލާށެވެ.

ހުއްޓި ހުރި ތަނުން އެދައްކައިދެނީ ޔުކްރެއިންގެ ފުޓްބޯޅައިގެ މިއަދު ހާލަތެވެ. ރަޝިޔާ ހަނގުރާމައިގެ ސަބަބުން މުޅި ޔުކްރެއިންއާއި ފުޓްބޯޅަވެސް އޮތް 'ނިކަމެތި' ހާލަތެވެ. ފޮޓޯއިން އެފެންނަ ވީރާނާވެފައިވާ ގޮނޑި ތަކަކީ 2012 ވަނަ އަހަރު ޕޮލެންޑާއި ޔުކްރެއިންގައި އޮތް ޔޫރޯއަށް ތައްޔާރުކުރި ޔުކްރެއިންގެ ކާކިވް ސްޓޭޑިއަމްގެ ގޮނޑިތަކެވެ. އެގޮނޑިތައް މިހާރު ހުރި ހާލަތެވެ. ރަޝިޔާއިން 2022 ވަނަ އަހަރު ދިން ހަމަލާތަކުގައި އެވަނީ މުޅިން ހަލާކުވެ ވީރާނާ ވެފައެވެ. އެގޮނޑިތައް މިއުނިކަށް ގެނެސް ބަހައްޓާފައި އެހުރީ ޔުކްރެއިންގެ ފުޓްބޯޅައިގެ މިއަދުގެ ހާލަތު ދުނިޔެއަށް ދައްކަދި އިނުމަށެވެ.

ހަނގުރާމައިގެ ސަބަބުން ޔުކްރެއިންގައި ހާލުގައި ޖެހިފައިވާ ފަރާތްތައް ހިމެނޭ ގޮތަށް ރެފިއުޖީންނާއި، ސަޕޯޓަރުން ވަނީ 25 ގަޑިއިރުގެ ދިގު ދަތުރެއްކޮށް ނުލާއި ރީނދޫ ކުލައިގެ އެގޮނޑިތައް ދެކިލަން މިޔުނިކްގެ ސްޓޭޑިއަމްއާ ހަމައަށް ދަތުރުކޮށްފައެވެ. މެޗަށް ޔުކްރެއިން ޓީމް ނިކުތުމުގެ ގަޑިއިރުތަކެއް ކުރިން ސަޕޯޓަރުން ދަތުރުކުރިއެވެ.

2021 ވަނަ އަހަރު ޔޫރޯ ކޮލިފައިންގ އަށް އަންދްރޭ ޝެވްޗެންކޯގެ އިރުޝާދުގެ ދަށުން ޔުކްރެއިން ޓީމް ތައްޔާރުވިއިރުވެސް ކާކިވް ސްޓޭޑިއަމްގައި ޕްރެކްޓިސް ކުރިއެވެ. އެހަނދާންތައްވެސް ޝެވްޗެންކޯ ވަނީ އާކޮށްފައެވެ. ޔުކްރެއިން ފުޓްބޯޅައިގެ އެންމެ އިސް މަސްއޫލިއްޔަތާ ހަވާލުވެ ހުރި ޝެވްޗެންކޯ ބުނީ އެސްޓޭޑިއަމް ހަލާކުވެ ވީރާނާވެފައިވާ މަންޒަރު ފެނުމުން އިހުސާސްވަނީ އަމިއްލަ ގެ ވީރާނާވެފައިވާ ކަމުގެ އިހުސާސް ކަމަަށެވެ.

ޝެވްޗެންކޯ ބުނީ ކޮންމެ ހާލަތެއްގައިވެސް ގައުމުގެ ދިފާއުގައި، ޓީމްގެ ދިފާއުގައި ފަހަތުގައި ތެދުވެ ތިބޭނެ ކަމަށެވެ. ޔޫރޯއަށް ކޮލިފައިވެ ޔުކްރެއިން މުބާރާތުގައި ވާދަކުރުމަކީވެސް އޭގެ ހެއްކެކެވެ. އެކަމަކު މުބާރާތުގެ ފުރަތަމަ މެޗުގައި ހަގީގަތުގައި ފެނުނީ ޔުކްރެއިން ވީރާނާވެފައި އޮތް މިންވަރެވެ.