ކުޅިވަރު

ލުކާކޫގެ ލަނޑު ބަލައިނުގަތް ސްނިކޯމީޓަރަކީ ކޯއްޗެއް؟


ޓީވީއެމުން ރޭ ބެލްޖިއަމާއި ސްލޮވާކިޔާ މެޗު ބަލަމުންދިޔަ މީހުންނަށް ލިބުނު އެންމެ ބޮޑު ހައިރާންކަމަކީ ބެލްޖިއަމްގެ ރޮމެލޫ ލުކާކޫ ޖެހި ލަނޑު ވީއޭއާރު މެދުވެރިކޮށް ބެލުމަށްފަހު، ކުޅުންތެރިޔާގެ އަތުގައި ބޯޅަ ޖެހުނުކަން ކަށަވަރުކުރުމަށް ރެފްރީ އަޑު ޗެކްކުރުމުންނެވެ. ޓީވީ ސްކްރީންގެ ތިރިއަށް ޓަޗް ޑިޓެކްޝަން ސްކްރީން އަރުވައި ތިޔަބޭފުޅާ އާއި އަޅުގަނޑުވެސް ގޮތް ނިންމަން ފުރުސަތު ދިނުމުންނެވެ.

އާއްމުކޮށް ދިވެހިންނަށް މި ފަދަ އަޑު ޓެސްޓްކުރުމުގެ މަންޒަރު ފެންނަނީ ހޮސްޕިޓަލްތަކުންނެވެ. މައިމީހާގެ ބަނޑުގައި އޮންނަ ދަރިފުޅުގެ ވިންދު ދެނެގަތުމާއި އިންސާނާގެ ހިތުގެ ހިނގުން ފަދަ ކަންކަން ދެނެގަތުމަށް މި ވަސީލަތް ބޭނުންކުރާކަން އެތައް ދިވެހިންނެއް ވެސް ވަނީ ތަޖުރިބާކޮށްފަ އެވެ. ހޮސްޕިޓަލަށް ވަނުމާއެކު ހީވާގި ނަރުހުން އެންމެ ފުރަތަމަ ވެސް ކުރާ ކަމަކީ މިއީ އެވެ.

ތުރުކީގެ ރެފްރީ އުމުތު މެލާ ކުޅުންތެރިޔާގެ އަތުގައި ބޯޅަ ޖެހުނުތޯ ބަލަން ބޭނުންކުރި ޓެކްނޮލޮޖީ އަކީ ސްނިކޯ މީޓަރެވެ. މިއީ އެކަތި އަނެއްކާ ޖެހުމުން ކިޔާ އަޑު ދެނެގަންނަ ވަސީލަތެކެވެ. އެންމެ ފުރަތަމަ މި ޓެކްނޮލޮޖީ ބޭނުންކުރީ ކްރިކެޓް މެޗުތަކުގަ އެވެ. އެއީ ކުޅުންތެރިޔާ އުކާ ބޯޅަ ބެޓްގައި ޖެހިފައި ދިޔަތޯ އާއި ވިކެޓްގައި ހޭކުނުތޯ ކަށަވަރުކުރުމަށެވެ. ކްރިކެޓްގައި 1990 ވަނަ އަހަރު މި ޓެކްނޮލޮޖީ ބޭނުންކުރަން ފެށީ ސަޕޯޓަރުންނަށް ކުޅުންތެރިޔާ ނުބައިވި ސަބަބު ސާފުކޮށްދިނުމަށާއި ދެ ޓީމުގެ ކުޅުންތެރިންނަށް ވެސް އަމްޕަޔަރުގެ ނިންމުމުގެ ސައްހަކަން ކަށަވަރުކޮށްދިނުމަށެވެ.

ފުޓްބޯޅައިގައި މިކަން ކުރުމަށް ޔޫއޭފާއިން ނިންމީ ވީއޭއާރުގެ ބަލައިގެން އެކި ފަހަރު އެކި ގޮތަށް ނިންމަންޖެހޭ މައްސަލަގައި ހިލާފު އުފެދެން ފެށުމުންނެވެ. ރެފްރީގެ ނިންމާ ނިންމުންތަކުގެ ބަހުސް އިމުން ބޭރުވުމުންނެވެ. ސައި ހޮޓާތަކާއި ސިޓިންރޫމުތަކުގެ ހިޔާލުތައް ކަފިކަފިވެގެން އުފެދޭ އަރައިރުންތަކުން ދޭދޭ ގުޅުމަށް އަސަރުކުރަން ފެށުމުންނެވެ. އެހެން ހުރިހާ ކުޅިވަރަކަށްވުރެ ފުޓްބޯޅަ އަކީ ތިމާގެ ލެޔާ ކުޅެލާ ކުޅިވަރެކެވެ. ތިމާ ސަޕޯޓްކުރާ ޓީމު ބަލިވާކަށް އެކަކު ވެސް ބޭނުމެއްނުވެ އެވެ.

މިފަދަ އެއް މިސާލަކީ އެންމެ ފަހުގެ ވޯލްޑްކަޕުގައި ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ދިމާވި ގޮތެވެ. ބުރޫނޯ ފެނާންޑޭޒް ނެގި ހުރަހަށް ފުންމައިގެން އަރައި ބޮލުން ގޯލެއް ޖެހި ކަމަށް ހަދާފައި ރޮނާލްޑޯ އުފާފާޅު ކުރަން ދުއްވައިގަތުމުން އެންމެވެސް ނިންމީ އެއީ އޭނާ ޖެހި ގޯލެއް ކަމަށެވެ. ނަމަވެސް ޓީވީ ރީ ޕްލޭއިން ރޮނާލްޑޯގެ ބޮލުގައި އެބޯޅަ ނުޖެހޭކަން ސާފުކޮށް ފެނުނެވެ. ރޮނާލްޑޯ އަށް ތާއީދު ނުކުރާ އެތައް ބަޔަކު ވަގުތުން އޮފްސައިޑް ދިދަ ނެގި އެވެ. މި ބަހުސް އެންމެ ފަހުން ބޮޑު އަރައިރުމަކަށްވެ ފީފާއިން ނިންމީ އެއީ ރޮނާލްޑޯގެ ބޮލުގައި ނުޖެހޭ ބޯޅައެއް ކަމަށެވެ. އެކަމާ އޭނާ ހުރީ ތުންފިއްތައިގެންނެވެ. ސަޕޯޓަރުން ބުނަނީ ބޯޅަ ދިޔައީ ރޮނާލްޑޯގެ އިސްތައްޓެއްގައި ކޭއްތިލާފައި ކަމަށެވެ.

އެކަމަކު މި ފަހަރުގެ ޔޫރޯގައި މިފަދަ ބޮޑު ދޮގެއް ހަދަން އެކަކަށް ވެސް ނުކުރޭނެ އެވެ. ހުރިހާ މަކަރެއް ފަޅާ އަރުވާލާނީ ސްނިކޯ މީޓަރެވެ. ޔޫރޯ ފުޓްބޯޅަ މުބާރާތް ކުޅޭ ބޯޅައިގެ ތެރޭގައި ވާ ޗިޕް ކުޅުންތެރިޔާ ބޯޅައިގައި ޖަހާ ވަގުތާއި އޭގެ މިސްރާބާއި މަންޒަރު 500 ގުނަ އަވަހަށް ސްނިކޯ މީޓަރަށް ފޯރުކޮށްދޭނެ އެވެ.