ޔޫރޯ 2024 ގެ ފެވަރިޓުންގެ ތެރޭގައި ހިމެނޭ ފްރާންސް އުނދަގުލުން އޮސްޓްރިއާ އަތުން މޮޅުވެއްޖެ އެވެ. 1-0 ން ފްރާންސް މެޗު ކާމިޔާބުކުރީ ބައި ގޯލަކުންނެވެ.
ފްރާންސް މޮޅުވި ލަނޑަކީ 37 ވަނަ މިނިޓްގައި އެމްބާޕޭ އަރިމަތިން އޭރިޔާ ތެރެއަށް ވަދެ ހުރަސްކޮށްލި ބޯޅަ އޮސްޓްރިއާގެ ޑިފެންޑަރ ވޮބާ ބޮލުން ބައިކޮޅަށް ވަދެގެން ފްރާންސަށް ކާމިޔާބުކުރެވުނު ލަނޑެކެވެ.
އޭގެކުރިން 8 ވަނަ މިނިޓްގައި އެމްބާޕޭ ކުރިއަށް އަރާ އޭރިޔާ ތެރެއަށް ވަދެ ބޯޅަ ބޭރު ފޮނުވާލެވުނީ ބޭރު ދާގަނޑަށެވެ. 35 ވަނަ މިނިޓްގައި އޭރިޔާ ތެރެއިން އޮސްޓްރިއާގެ މާސެލް ސަބީޓްޒަރ، ކްރިސްޓޮފް ބޯމްގާޓްނާ އަށް ޖައްސާލިބޯޅަ ގޯލަށް ފޮނުވާލި ނަމަވެސް ކީޕަރު ގައިގަ ޖެހި ދިޔައީ ބޭރަށެވެ.
ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި އޭރިޔާ ތެރެއިން އެމްބާޕޭއަށް ލިބުނު ބޯޅަ ވެސް ބޭނުން ނުކުރެވުނެވެ. 54 ވަނަ މިނިޓްގައި އެކަނި ކުރިއަށް އަރާ އޭރިޔާ ތެރެއަށް ވަދެ ވެސް ޖެހުނީ އަރިމަތިން ބޭރަށެވެ. 66 ވަނަ މިނިޓްގައި ޑިފެންޑަރ ތިއޯ ހެނާންޑޭޒް ގޯލްއޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅަ ގޯލަށް ނުވަނީ ބޯޅައަށް އަރާހުރި ގްރިޒްމަންއަށް ފައި ޖައްސާ ނުލެވިގެންނެވެ. 67 ވަނަ މިނިޓްގައި ގޯލް އޭރިޔާ ކަނާ ދިމާއިން ޑެމްބެލޭ ފޮނުވާލި ބޯޅަ މަތަކުރީ އޮސްޓްރިއާގެ ކީޕަރެވެ.
86 ވަނަ މިނިޓްގައި މާކަސް ތުރާމް އަރިމަތިން ގޯލަށް ފޮނުވާލި ބޯޅަ ވެސް އޮސްޓްރިއާ ކީޕަރު ދިފާއުކުރި އެވެ. 87 ވަނަ މިނިޓްގައި އަނިޔާވެ ފްރާންސް ކެޕްޓަން އެމްބާޕޭ ބަދަލުކުރި އެވެ. ބަދަލުކުރިއިރު އޭނާގެ ނޭފަތުން ދިޔައީ ލޭ އަންނަމުންނެވެ. މިއީ ގައުމީ ޓީމްގެ ކެޕްޓަން ބޭންޑް އަޅައިގެން އޭނާ ނިކުއިން ފުރަތަމަ މުބާރާތެވެ.
މި މެޗަކީ މިމުބާރާތުގައި މިހާތަނަށް އެންމެ ގިނަ ކާޑް ދެއްކި މެޗެވެ. އަދި އިތުރު ވަގުތު އެންމެ ގިނައިން ދެއްކި މެޗުވެސް މެއެވެ. މެޗުގައި ހަތް ކުޅުންތެރިއަކަށް ރީނދޫ ކާޑް ދެއްކި އެވެ. އޭގެތެރެއިން ފަސް ކާޑް ދެއްކީ އޮސްޓްރިއާ ކުޅުންތެރިން ނަށެވެ. ފްރާންސުން ކާޑް ދެއްކީ އެމްބާޕޭ އާއި ޑެމްބެލޭ އަށެވެ. އިތުރު ވަގުތުގެ ގޮތުގައި 9 މިނިޓް ދެއްކި އެވެ.
ފްރާންސުން މެޗަށް ނެރުނު ފުރަތަމަ އެގާރައިގައި ރެއާލްގެ ދެ މިޑްފީލްޑަރުން ކަމަށްވާ ކަމަވިންގާއާއި ޗުއަމެނީ ނުހިމެނެ އެވެ. އޭގެ ބަދަލުގައި ފުރުޞަތު ދިނީ ސައުދީ ލީގުގައި ކުޅެމުން އަންނަ ކާންޓޭ އަށެވެ. ކާންޓޭ މެޗުގައި މޮޅަށް ކުޅުނެވެ. ފަހު ވި މިނިޓަށް ކަމަވިންގާ އަށް ފުރުޞަތު ދިނެވެ.
މިގްރޫޕްގައި ދެން ހިމެނެނީ ނެދަލެންޑްސްއާއި ޕޮލެންޑެވެ. އެދެޓީމް ވާދަކުރި މެޗު ކާމިޔާބުކުރީ ނެދަލެންޑްސް އެވެ.