ޑެންގީ ހުން ޖެހިގެން ގޭގައި ފަރުވާ ދޭއިރުވެސް، ހުން މަޑުވާން ފެށުމުން ޚާއްސަ ސަމާލުކަމެއް ދެއްވުމަށް ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރ އަޙްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.
ޑޮކްޓަރ ފައިސަލް ވިދާޅުވީ، ޑެންގީ ހުން މަޑުވާ ފުރަތަމަ 48 ގަޑިއިރުގެ ތެރޭގައި ސަމާލުކަން ދޭންޖެހޭ ކަންކަމަށް ސަމާލުކަން ނުދެވިއްޖެނަމަ އޭގެ ސަބަބުން ފުރާނައަށްވެސް ނުރައްކާވެދާނެކަމަށެވެ.
މޫސުމީ ހުމާއި ރޯގާއާއި މަދިރީގެ ޒަރިއްޔާއިން ޖެހޭ ބަލިތައް ރާއްޖޭގައި އެކި ދުވަސްވަރު އިތުރުވެއެވެ. މީގެ ތެރެއިން ގިނަ ހުންތަކަކީ ގިނަ ބަޔަކަށް އޭގެ ނުރައްކަލެއް ނެތް އަދި ކުރު މުއްދަތެއްގައި އެބަލިން ރައްކާތެރިކަން ލިބިގެންދާ ބަލިތަކެވެ. އެހެންނަމަވެސް މަދިރީގެ ޒަރިއްޔާއިން ޖެހޭ ބަލިތަކުގެ ތެރޭގައި ޑެންގީ ހުމަކީ އޭގެ ނުރައްކާ ފުރާނައަށް ކުރިމަތިވުމުގެ ފުރުޞަތު އޮތް ބައްޔެކެވެ.
ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރ އަޙްމަދު ފައިސަލް ވިދާޅުވީ، ގިނަ ބަޔަކު ކަންބޮޑުވަނީ ހުން މަޑުނުވެގެން ނުވަތަ ހުން ތިރި ނުކުރެވިގެންކަމަށެވެ. އެހެންނަމަވެސް ޑެންގީގައި ޙަގީގަތުގައި ނުރައްކާ ބޮޑުވަނީ ބަލި ފަސޭހަވެ ހުން މަޑުވާން ފެށުމުންކަމަށެވެ.
"ޑެންގީ ސައިންތައް އެގިފައި ހުރުން ވަރަށް މުހިއްމު. ޑެންގީގައި މިދިމާވަނީ ދެކަމެއް. އެއްކަމަކީ ލީކޭޖް. އެއީ ލޭނާރު ތެރޭގައި ހުންނަންޖެހޭ ފެން ބޭރުވުމުގެ ސަބަބުން މީހާ ދުޅަވުމާއި ފުއްޕާމެއަށް ގޮސްފިނަމަ ނޭވާލާން އުދަނގޫވެސްވޭ. އޭގެ އިތުރުން ލޭގެ ޕްރެޝަރ ދައްވެގެން ދިމާވާކަމެއް ލީކޭޖްމިއީ. ލީކޭޖާއި ގުޅިގެން ފެންނާނެ ޢަލާމާތްތަކަކީ އަތްފައި ފިނިވުމާއި، ހުން ރަނގަޅުވިޔަސް ގައިގެ ވަރުދެރަވުމާއި ވާނުވާ ނޭނގުން ހިމެނޭ." ފައިސަލް ވިދާޅުވިއެވެ.
ޑރ. ފައިސަލް ވިދާޅުވީ، ކިޑްނީއަށް ލޭ ދިޔުމުގެ ސަބަބުން ކުޑަކަމު ނުދެވި ގިނަ އިރުވާކަމަށެވެ. އެގޮތުން 10 ގަޑިއިރުވާއިރުވެސް ނުވަތަ މުޅި ދުވަހުވެސް ކުޑަކަމު ނުދެވި ހުންނަކަމަށެވެ.
މީގެއިތުރުން ބަނޑަށް ތަދުވުމާއި ހޮޑުލުންވެސް ކުރިމަތިވާކަމަށް ޑޮކްޓަރ ވިދާޅުވިއެވެ. އަދި ލޭ ލީކްވުމުގެ ސަބަބުން ނޭފަތުންނާއި ހިރުގަނޑުންނާއި އަދި ކުޑަކަމުދިޔުމުގައި އަދި ބޮޑުކަމުދިޔުމުގައިވެސް ލޭ އަންނަ ގޮތް މެދުވެރިވާކަމަށެވެ. ހަމައެއާއެކު ބައެއް ފަހަރު ހަންގަނޑާއި މަސްގަނޑާއި ދެމެދު ލޭ ލީކުވުމުގެ ސަބަބުން ކަޅު ނުވަތަ ރަތްކުލައިގެ ތިކިތަކެއް ފެންނަން ފަށާކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ.
ޑރ. ފައިސަލް ވިދާޅުވީ، މިއިން ޢަލާމާތެއް ފެނިއްޖެކަމުގައިވާނަމަ ވީ އެންމެ އަވަހަކަށް ސިއްޙީ އެހީތެރިއެއްގެ އެހީ ހޯދަންވާނެކަމަށެވެ. އެއީ މިފަދަ ޢަލާމާތްތައް ފެންނަން ފަށާތާ 24 ގަޑިއިރު ތެރޭ އެކަށީގެންވާ ފަރުވާ ނުދެވިއްޖެނަމަ ފުރާނަ ސަލާމަތްކުރުމަށް އެއަށްފަހު އޮންނަ 24 ގަޑިއިރުގެ ތެރޭގައި ބޮޑެތި ދަތިތަކެއް ކުރިމަތިވާކަމަށެވެ. ޑެންގީގެ ސަބަބުން ފުރާނަ ގެއްލިފައިވާ ބައެއް ކޭސްތަކަކީ ފެންނަ ޢަލާމާތްތަކަށް ފަރުވާ ކުރުން ލަސްވުމުގެ ސަބަބުން ރިކޯޑުކުރެވިފައިވާ ކެސްތަކެއްކަންވެސް ޑޮކްޓަރ ވަނީ ފާހަގަކުރައްވާފައެވެ.
މިވަގުތުވެސް އައިޖީއެމްއެޗްގައި 7 ކުއްޖަކު އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ. އެހެންނަމަވެސް މިވަގުތު ތިބި ކުދިންގެ ޙާލު ސީރިއަސް ނޫންކަމަށް ޑޮކްޓަރ ވިދާޅުވިއެވެ.
ރާއްޖޭގައި މި ދުވަސްވަރު ޢީދާއި ގުޅިގެން ގިނަ ބަޔަކު ދަތުރުކުރަމުންދިޔުމާއެކު މަދިރީގެ ޒަރިއްޔާއިން އަދި ގައިންގަޔަށް އަރާ ބަލިތަކުން ރައްކާތެރިވުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރައްވައެވެ. އަދި ޢާއްމު ސާފުތާހިރުކަމަށް ޚާއްސަ އިސްކަމެއް ދިނުމަށާއި މަދިރިން ރައްކާތެރިވުމަށް މަދިރި އާލާވާފަދަ ތަންތަން ނައްތާލުމަށްވަނީ އިރުޝާދު ދެއްވާފައެވެ.