ކުޅިވަރު

ޔޫކްރެއިން އޮތް ހާލަތަކީ ކުޅުންތެރިންނަށް ލިބޭ މޯޓިވޭޝަނެއް: ރެބްރޯވް


މިފަހަރުގެ ޔޫރޯގައި ރޫމޭނިއާ އާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސްގައި ޔޫކްރެއިންގެ ކޯޗު، ސަރްހެއި ރެބްރޯވް ބުނީ، ރަޝިޔާ އިން ޔޫކްރެއިންގައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން އޭނާގެ ޓީމަށް އިތުރު މޯޓިވޭޝަނެއް ލިބޭ ކަމަށެވެ.

މި އުނދަގޫ ދަނޑިވަޅުގައި އެންމެ ބޮޑު އުފަލެއް ލިބެނީ ދަނޑަށް ނިކުމެ މެޗެއް ކުޅުލަން ލިބުމުން ކަމަށް ރެބްރޯވް ބުންޏެވެ. އޭނާގެ ޓީމުގެ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން އެކުގައި މަސައްކަތްކުރަމުންދާތާ އަހަރެއްހާ ދުވަސްވެފައިވާއިރު، އެއީ ވަރަށް މުހިއްމު ކަމެއްގެ ގޮތުގައި ފާހަގަކުރިއެވެ.

ކޯޗު ރެބްރޯވް ބުނީ، ރޫމޭނިއާ ޓީމުގައި ހަލުވި ކުޅުންތެރިން ތިބޭ ކަމަށާއި، ޔޫރޯ އަށް ކޮލިފައިވުމުގައި މުހިއްމު ދައުރެއް އަދާކުރިކަމަށެވެ.

އޭނާ އިތުރަށް ބުނީ، ޔޫކްރެއިނުން ޖަރުމަނުގައި ކުޅެން ލޯބިކުރާ ކަމަށާއި، އެ މެޗުތައް ކުޅޭއިރު އަމިއްލަ ގައުމުގައި ކުޅެވުމެކޭ އެއްފަދައަކަށް ކުޅުންތެރިންނަށް ހިތްހަމަޖެހުން ލިބޭކަމަށެވެ.

ޔޫކްރެއިންގެ ޑިފެންޑަރު، އިލިއާ ޒަބާނީ ބުނީ، އޭނާ ގަބޫލުކުރާ ގޮތުގައި ރޫމޭނިއާގައި މޮޅު އެޓޭކިންގ ކުޅުންތެރިން ތިބި ކަމަށެވެ. އެ ކުޅުންތެރިންނާ ކުރިމަތިލުމަށް ޔޫކްރޭނުން އޮތީ ފުރިހަމަ އަށް ތައްޔާރުވެފައިވާ ކަމަށް ވެސް ޒަބާނީ ބުންޏެވެ. އަދި ޒަބާނީ ބުނީ، ކޮންމެހެން މި މެޗު ކާމިޔާބުކުރަންޖެހޭ ކަމަށެވެ. ހުރިހާ އެންމެންނަށް ވެސް އެކަމުގެ މުހިއްމުކަން އެނގޭނެކަމަށް ޒަބާނީ ބުންޏެވެ.

މުބާރާތުގެ ގްރޫޕް އީގެ ފުރަތަމަ މެޗުގައި ޔޫކްރޭނުން މިއަދު ނިކުންނާނީ ރޫމޭނިއާ އާ ދެކޮޅަށެވެ. މި މެޗު ފަށާނީ ރާއްޖޭގަޑިން އިރުއޮއްސި 6 ޖަހާއިރު އެވެ.