މުބާރާތުގެ ކުރިން ސުޕަ ކޮމްޕިއުޓަރުގެ ދިރާސާއިން ދެއްކީ މި ފަހަރުގެ ޔޫރޯ ކާމިޔާބު ކުރުމުގެ ފުރުސަތު އޮތް ހަތް ގައުމުގެ ތެރެއިން އެއް ގައުމަކީ ބެލްޖިއަމް ކަމަށެވެ. އެއީ 4.47 ޕަސެންޓުންނެވެ. ނަމަވެސް ޑިފެންޑަރު ޓިމޮތީ ކަސްޓަގްނޭ ބުނީ ބެލްޖިއަމަކީ މުބާރާތުގެ ފެވަރިޓެއް ކަމަށް ދައްކާ ވާހަތަކަށް އެމީހުންގެ ފަރުވާލެއްނެތް ކަމަށެވެ.
ބެލްޖިއަމްގެ ރަންޖީލު ކަމަށްވާ ބުނާ ޓީމުގެ މުހިންމު ބައެއް ކުޅުންތެރިން މިހާރު އޮއްސިއްޖެ އެވެ. ކެޕްޓަން އެޑެން ހަޒާޑް ކުޅުން ހުއްޓާލިއިރު ވެސް އޭނާ ބީހިލާނެ ތައްޓެއްގައި ނުލިބުނެވެ. ބޮޑު އަނިޔާއަކަށް ފަހު ގޯލްކީޕަރު ތިބައޫ ކޯޓުއާ ފިޓްކޮށް ހުރި ނަމަވެސް ކުލަބަށް އިސްކަން ދިނުމުގެ ގޮތުން ޔޫރޯގައި ނުކުޅެން ވަނީ ނިންމާފަ އެވެ. ރަންޖީލުގެ ބާކީތިބި ގިނަ ކުޅުންތެރިންނަކީ މިހާރު އޮއްސެމުންދާ ތަރިންނެވެ. މިހެންވެ މިއީ ތައްޓެއް ހޯދަން އެމީހުންނަށް ލިބޭ އެންމެ ފަހު ފުރުސަތަކަށް ވެދާނެ އެވެ.
ކަސްޓަގްނޭ ބުނީ ކޯޓުއާ ފަދަ ބައެއް ކުޅުންތެރިން ނެތަސް މުޅި ޓީމު އޮތީ ވަރަށް ގުޅިގެން އެއް އާއިލާއެއް ފަދައިން ކަމަށެވެ. އެންމެންގެ ވިސްނުމަކީ ވެސް ތަށި ހޯދުން ކަމަށާއި ބޭރުތެރޭގައި ދައްކާ ވާހަކަތަކަށް ކުޅުންތެރިންގެ ސަމާލުކަމެއް ނެތް ކަމަށެވެ.
ކޯޗު ޑޮމެނިކް ޓަޑެސްކޯގެ ކޯޗުކަމުގައި ބެލްޖިއަމް މިހާތަނަށް ބަލިވެފައިނެތެވެ. އޭނާ ވަނީ ކުރީގެ ކޯޗު ރޮބާޓޯ މާޓިނޭޒް ގެންގުޅުނު ވަރަށް ގިނަ އުސޫލުތަކަށް ބަދަލު ގެނެސްފަ އެވެ. ބެލްޖިއަމް މިހާރު ކުޅެނީ 4-3-3 ފޯމޭޝަނެވެ. މިކަމުން އެނގެނީ މާޓިނޭޒް ކުޅުވި ތިން ސެންޓްރަލް ޑިފެންސްގެ ފޯމޭޝަން މިހާރު މާޒީވެއްޖެކަމެވެ.. އެއަށްވުރެ ބޮޑަށް ބެލްޖިއަމްގެ މިހާރުގެ ޓީމަކީ ބުރަކޮށް މަސައްކަތް ކުރާ ހަލުވި ޓީމެކެވެ.
ބެލްޖިއަމާ އަޅާ ބަލާއިރު ސްލޮވާކިޔާ އަކީ ޔޫރަޕުގެ ތިން ވަނަ ފަންތީގެ ޓީމެކެވެ. މި ޓީމުގެ ކޯޗަކީ އިޓަލީގެ ނަޕޯލީގެ ކޯޗު ފްރެންޗެސްކޯ ކަލްޒޯނާ އެވެ. އޭނާ ވަނީ ކޯޗުކަމާ ހަވާލުގެ ކުޅުންތެރިންގެ އިތުބާރު ވަރަށް ބޮޑަށް ހޯދައިފަ އެވެ. ސްލޮވާކިޔާގެ އެތެރެއިން އޭނާ އަށް އަމާޒުވާ ފާޑުކިއުމަކީ މާބޮޑަށް އިޓަލީ ވަންތަ ޑިފެންސިވް ގޭމެއް ކުޅުވާ ކަމުގެ ޝަކުވާ އެވެ. ނަމަވެސް މިއިން އެއްވެސް ކަމަކަށް ފަރުވާލެއް ނުބަހައްޓައި ކަލްޒޯނާ މިރޭގެ މެޗަށް ޓީމު ސެޓްކުރާނީ މަދުވެގެން ޕޮއިންޓެއް ހޯދުމަށެވެ. ކޯޗު ބުނީ މެޗުގެ ފެވަރިޓުނަކީ ބެލްޖިއަމް ކަމަށާއި އެކަކު ވެސް ސްލޮވާކިޔާ އަށް ހިތްނުކިޔާނެ ކަމަށެވެ އަދި ހެވެއްވެސް ނޭދޭނެ ކަމަށެވެ ނަމަވެސް އޭނާގެ ކުޅުންތެރިން ތިބީ މެޗު ހަމަހަމަކޮށްގެން ޕޮއިންޓެއް ހޯދަން ކަށިން ހިތްވަރު ނެރެން ތައްޔާރަށް ކަމަށެވެ.
މިރޭގެ މެޗަކީ ބައިނަލް އަގްވާމީ ފުޓްބޯޅައިގައި މި ދެ ގައުމު ބައްދަކުރާ ފުރަތަމަ މެޗެވެ. މި މެޗުގައި އެއްބަޔަކު ސްލޮވާކިޔާއާ ދެކޮޅަށް ސިޔާސީ ގޮތުން އަޑު އުފުލުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ސްލޮވާކިޔާގެ ބޮޑު ވަޒީރު ރޮބަޓް ފިކޯ އަށް ހުސްވި ހަފުތާގައި ބަޑިން ހަމާލާދީ ޒަހަމްކޮށްލީ ޔުކްރޭން – ރަޝިޔާ ކުރަމުންދާ ހަނގުރާމައިގައި އޭނާގެ ހިފެހެއްޓުމެއްނެތް ތާއީދު ރަޝިޔާ އަށް ދެމުންދާތީ އެވެ. މިހެންވެ މި މެޗަކީ ރަޝިޔާ އާއި ސްލޮވާކިޔާއާ ދެކޮޅަށް ވެސް އަޑުއުފުލައި ހަދަން ބޭނުންވާ ބަޔަކު ތިބިނަމަ އެބަޔަކަށް ލިބޭނެ ރަނުގެ ފުރުސަތަކަށްވެދާނެ އެވެ. ފުޓްބޯޅައިގެ މާހައުލުގައި ސިޔާސީ ހަރަކާތްތައް ހިންގުމަކީ މަނާކަމަށްވި ނަމަވެސް މި ފަހަރުގެ ޔޫރޯގައި ދޭދޭ ގައުމުތަކުގެ މެދުގައިވާ އަރައިރުންތައް ފެނިގެންދާނެ ކަމީ ޝައްކެއްއޮތް ކަމެއްނޫނެވެ. ސްލޮވާކިޔާ އާއި ޔުކްރޭން އަދި ޖޯޖިއާގެ މެޗުތަކަކީ ސިޔާސީ ކުލަވަރުން ފުރިގެންވާ އެތައް ކަމެއް ހިނގައިދާނެ މެޗުތަކެއްކަން ދަނެ ޔޫއޭފާ އާއި ޖަރުމަނުގެ ފުލުހުން ވެސް ތިބީ ތައްޔާރަށެވެ.