ޚަބަރު

ދީނީ ޝިޢާރުތައް ރަމްޒުވާ 2 މޮނިއުމެންޓެއް ތިނަދޫ ސިޓީގައި ހުޅުވައިފި


  • 1 މޮނިއުމެންޓު ފަރުމާކޮށްފައިވަނީ މާތް ﷲގެ އިސްމުފުޅު ރަމްޒުވާ ގޮތަށް

  • އަނެއް މޮނިއުމެންޓު ފަރުމާކޮށްފައިވަނީ ކީރިތި ރަސޫލާގެ ނަންފުޅު ރަމްޒުވާ ގޮތަށް

ދީނީ ޝިޢާރުތައް ރަމްޒުވާ ފަދަ ގޮތަކަށް ފަރުމާކޮށްފައިވާ 2 މޮނިއުމެންޓެއް ތިނަދޫ ސިޓީގައި ހުޅުވައިފިއެވެ.

މި މޮނިއުމަންޓުގެ ތެރެއިން ފުރަތަމަ މޮނިއުމެންޓު ފަރުމާ ކޮށްފައިވަނީ މާތް ﷲގެ އިސްމުފުޅު ރަމްޒުވާފަދަ ގޮތަކަށެވެ. އަދި ދެވަނަ މޮނިއުމެންޓު ފަރުމާކޮށްފައިވަނީ ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވައްސަލަމަގެ ނަންފުޅު ރަމްޒުވާފަދަ ގޮތަކަށެވެ. މި މޮނިއުމެންޓުތައް އަޅާފައިވަނީ ކޮންކްރީޓު ބޭނުންކޮށްގެންނެވެ.

މި މޮނިއުމެންޓުތައް ހުޅުވުމަށް ތިނަދޫގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ތިނަދޫ ސިޓީގެ މޭޔަރ ސަޢުދު ޢަލީ ވިދާޅުވީ، މިފަދަ މޮނިއުމެންޓެއް ތިނަދޫގައި ޤާއިމްކުރެވިގެން ދިއުމަކީ ތިނަދޫގެ ރައްޔިތުން ފަޚުރުވެރިވެ އުފާކުރަންޖެހޭކަމެއް ކަމަށެވެ. އަދި މިފަދަ ދީނީ ޝިޢާރުތައް ރަމްޒުވާފަދަ މޮނިއުމެންޓެއް ބެހެއްޓުމުގެ ބޭނުމަކީ ދީނީ އަޚުވަންތަކަމާއި އެއްބައިވަންތަކަމަށް ބާރުއެޅުންކަމަށް މޭޔަރ ވިދާޅުވިއެވެ.

"މި ބިނާ ޤާއިމް މި ކުރެވުނީ ދިގު އިންތިޒާރަކަށްފަހު. މި ރަށުގައި މިފަދަ މޮނިއުމެންޓެއް ޤާއިމްކުރެވިގެން ދިއުމަކީ އެހެން ރަށްތަކަށް ނަމޫނާއެއް. އަޅުގަނޑުމެން މި މޮނިއުމެންޓު ހިމެނޭ ސަރަހައްދު ގްރީން ޒީނަކަށް ބަދަލުކުރާނަން." ތިނަދޫ މޭޔަރ ސަޢުދު ވިދާޅުވިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި މޮނިއުމެންޓު ހަދާފައިވަނީ ތިނަދޫ ސިޓީ ކައުންސިލުން އިސްނަގައިގެން ކައުންސިލްގެ ބަޖެޓުން ޚަރަދު ކޮށްގެންނެވެ. އަދި މި މޮނިއުމެންޓު ހެދުމަށް 3 މަސް ދުވަސް ނެގިކަމަށް މަޢުލޫމާތު ލިބެއެވެ. މި ދެ މޮނިއުމެންޓުގެ އުސްމިނުގައި ގާތްގަނޑަކަށް 12 ފޫޓު ހުރެއެވެ.

ތިނާދޫގައި މި ދެ މޮނިއުމެންޓު ހުޅުވާފައިވަނީ މިފަހަރުގެ އަޟްޙާ ޢީދުގެ ހަރަކާތްތައް ފެށުމުގެ މުނާސަބަތާ ގުޅުވައިގެންނެވެ.

ރަށްރަށުގެ ނަން، އެރަށަކަށް ޚާއްސަ ސިފައެއް ނުވަތަ ކަމެއް ރަމްޒުވާގޮތަށް ބަނދަރުމަތީގައި ތަފާތު މޮނިއުމެންޓްތައް ބެހެއްޓުމަކީ އަތޮޅުތަކުގެ ރަށްތަކުގައި ވަރަށް އާންމުކޮށް މިހާރު ކުރަމުން އަންނަކަމެކެވެ. އެހެންނަމަވެސް މިއީ މާތް ﷲ ގެ އިސްމުފުޅާއި، ރަސޫލާގެ ނަންފުޅު ރަމްޒުވާފަދަ ގޮތަކަށް ރާއްޖޭގެ ރަށެއްގައި މިހާ ބޮޑު މޮނިއުމެންޓެއް ބެހެއްޓި ފުރަތަމަ ފަހަރެވެ.

ތިނަދޫގައި އަލަށް ޤާއިމުކުރި މި ދެ މޮނިއުމެންޓް ހުޅުވާ، މޮނިއުމެންޓްގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމާއެކު ގިނަ ބައެއްގެ ސަމާލުކަން މިކަމަށް ހުއްޓި، ތަޢުރީފުގެ ބަސްތައް އަންނަނީ ރައްދުކުރަމުންނެވެ.