ޚަބަރު

އިންތިޚާބަކާ ނުލައި 3 ގޮނޑި ޕީއެންސީއަށް


  • 2 ލޯކަލް ކައުންސިލްގެ ގޮނޑި ޕީއެންސީއަށް ލިބުނު

  • 1 ޑަބްލިޔުޑީސީގެ ގޮނޑި ޕީއެންސީއަށް ލިބުނު

  • ޖުލައި 20 ގައި މިހާރު އޮންނާނީ 6 ބައި-އިލެކްޝަން

އަންނަ މަހުގެ 20 ވަނަ ދުވަހު ބޭއްވުމަށް ނިންމެވި 3 ބައި-އިލެކްޝަނެއްގެ ގޮނޑި އިންތިޚާބަކާ ނުލައި ޕީޕަލްސް ނެޝަނަލް ކޮންގްރެސް، ޕީއެންސީން ކާމިޔާބުކޮށްފިއެވެ.

ޕީއެންސީއަށް ލިބުނު 3 ގޮނޑިއަކީ ޅ. ހިންނަވަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ގޮނޑިއާއި، ރ. ހުޅުދުއްފާރު ކައުންސިލް މެންބަރުކަމާއި، ޅ އަތޮޅު ކައުންސިލް ރައީސްގެ ގޮނޑިއެވެ. މި ގޮނޑިތަކަށް ޕީއެންސީން ވާދަކުރި ކެންޑިޑޭޓުން ހޮވިފައިވަނީ އިންތިޚާބަށް ކުރިމަތިލާން ހުޅުވާލި މުއްދަތު ހަމަވިއިރު، އެންމެ ކެންޑިޑޭޓަކު ކުރިމަތިލާފައިވާތީކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ނިންމަވާފައިވަނީ 10 ބައި-އިލެކްޝަނެއް އަންނަ މަހު 20 ގައި ބޭއްވުމަށެވެ. މީގެ ތެރޭގައި 8 ލޯކަލް ކައުންސިލް ބައި-އިލެކްޝަނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ 2 ބައި-އިލެކްޝަނެއް ހިމެނެއެވެ.

ނަމަވެސް އިންތިޚާބަކައި ނުލައި 3 ބައި-އިލެކްޝަނެއްގެ ގޮނޑި ޕީއެންސީއަށް ލިބުމާއެކު، ޖުލައި 20ގައި މިހާރު އޮންނާނީ 6 ލޯކަލް ކައުންސިލް ބައި-އިލެކްޝަނެވެ. މީގެ ކުރިން ޖުލައި 20ގައި ފ. ބިލެތްދޫ އަންހެނުންގެ ކޮމިޓީއަށް މެންބަރަކު ހޮވުމަށްވެސް ބައި-އިލެކްޝަނެއް ބޭއްވުމަށް އީސީން ނިންމެވިއެވެ. ނަމަވެސް މުއްދަތު ހަމަވިއިރު އެ ބައި-އިލެކްޝަނަށް އެއްވެސް ކެންޑިޑޭޓަކު ކުރިމަތިލާފައިނުވާތީ އެބ އިންތިޚާބު އެ ދުވަހު ނޯންނާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. އެ ބައި-އިލެކްޝަންގައި ވާދަކުރުމަށް އަލުން ހުޅުވާލާނެކަމަށްވެސް އެކޮމިޝަނުން ވިދާޅުވެއެވެ.

ޖުލައި 20 ގައި އޮންނަ ބައި-އިލެކްޝަންތައް:

• ފ. ބިލެތްދޫ ކައުންސިލްގެ ރައީސް އިންތިޚާބުކުރުން
• ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ކުޅުދުއްފުށި އުތުރު ދާއިރާގެ ކައުންސިލަރު އިންތިޚާބުކުރުން
• މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ ކައުންސިލް މެންބަރު އިންތިޚާބުކުރުން
• މާލެ ސިޓީ ކައުންސިލްގެ މައްޗަންގޮޅި މެދު ދާއިރާގެ ކައުންސިލް މެންބަރު އިންތިޚާބުކުރުން
• މާލެ ސިޓީ ކައުންސިލްގެ ހެންވޭރު ހުޅަނގު ދާއިރާގެ ކައުންސިލް މެންބަރު އިންތިޚާބުކުރުން
• ރ. ރަސްމާދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބުކުރުން

މިއިން ކޮންމެ ބައި-އިލެކްޝަނެއްގައިވެސް 2 ކެންޑިޑޭޓަކު ވާދަކުރެއެވެ.

މި ބައި-އިލެކްޝަންތަކުގެ ވޯޓުލުން ކުރިއަށް ދާނީ ޖުލައި 20 ވަނަ ދުވަހުގެ ހެނދުނު 8 އިން ހަވީރު 4 ޖެހުމާ ހަމައަށެވެ. އަދި ރަސްމީ ނަތީޖާ އިޢުލާނުކުރަން ހަމަޖެހިފައިވަނީ ޖުލައި މަހުގެ 22 ވަނަ ދުވަހުއެވެ.