ކުޅިވަރު

ލެވަންޑޯސްކީއަށް ނުކުޅެވުނަސް، ނެދަލެންޑްސްއަށް އުފަލެއް ނެތް


ޕޮލެންޑްގެ ސިއްހީ އެހީތެރިން މިދިޔަ ދެތިން ދުވަހު ހުއްޓާނުލައި ކުރި ކަމަކީ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ނެދަލޭންޑްސްއާ ދެކޮޅަށް ކުޅެން ގައުމީ ކެޕްޓަން ރޮބަޓް ލެވަންޑޮސްކީ ފިޓްކުރުމެވެ. އެކަމަކު މިކަން ކާމިޔާބުނުވެ އެންމެ ފަހުން މިރޭގެ މެޗާ ކުރިމަތިލާން ޖެހިފައިމިވަނީ އޭނާ ނުލަ އެވެ. ޓީމުގެ އެންމެ އިތުބާރު ފޯވަޑް އަދި ގައުމީ ޓީމަށް މިހާތަނަށް އެންމެ ގިނަ ގޯލު ޖަހައިދިން ފޯވަޑް ނެތުމަކީ ރިހޭ ފައިމައްޗަށް ފޮއި ވެއްޓުން ކަހަލަ ކަމެކެވެ. އޭނާ ހުރެ ވެސް ކޮލިފައިންގައި ޕޮލެންޑް ދެއްކީ އާދަޔާ ހިލާފު ދަށް ކުޅުމެކެވެ. ކޮލިފައީވީ ވެސް ކިރިޔަކިރިޔާ އެވެ.

ލެވަންޑޮސްކީގެ ބަދަލުގައި މިރޭ ކުރިއަށް ކުޅޭނީ ޕިއޯޓް ޒެއިލެންސްކީ އެވެ. އޭނާ އާއި ކޯޗު ވެސް ބުނީ ލެވޮންޑޯސްކީ އަކީ މޫނުމަތި ކަމަށާއި ނަމަވެސް މިއީ ޒުވާން ކުޅުންތެރިން ފެންވަރު ސާބިތުކޮށްދޭންވީ ވަގުތު ކަމަށެވެ.

ޕޮލެންޑަކީ ޔޫރޯ އަށް އެންމެ ފަހުން ކޮލިފައިވި ގައުމެވެ. އެމީހުން މި ހާލުގައި އޮތަސް މިއީ ދުނިޔޭގެ ފުޓްބޯޅައިގެ ބޮޑު ބްރޭންޑެއް ކަމަށްވާ ނެދަލޭންޑްސް އަށް ލިބޭ ހަމަޖެހުމެއްނޫނެވެ. 1988ގައި ޗެމްޕިއަންކަން ހޯދި ނެދަލަންޑްސްގެ ފޯވަޑުންނަކީ ބައިނަލް އަގްވާމީ މުބާރާތްތަކުގައި މާ ތޫނުފިލި ބައެއް ވެސް ނޫނެވެ. ޓީމުގެ ކުރީގައި ތިބީ ލިވަޕޫލްގެ ކޯޑީ ގަޕޯ އާއި އެތުލެޓިކޯ މެޑްރިޑަށް ކުޅުނު މެންފިސް ޑިޕާއީ އެވެ. މި ދެ ކުޅުންތެރިންނަކީ ވެސް ނިމިދިޔަ ސީޒަނުގައި ފޯމު ރަނގަޅު ބައެއްނޫނެވެ. އެތުލެޓިކޯއިން ޑިޕާއީ ދޫކޮށްލިއިރު ގަޕޯ ގިނައިން އިނީ ލިވަޕޫލްގެ ބެންޗުގައެވެ. އޭނާއާ މެދު ކިރިޔާ ވެސް އުއްމީދެއް ކުރެވެން އޮތީ އެންމެ ފަހުގެ ވޯލްޑްކަޕުގައި ދެއްކި ކުޅުމަށް ބަރޯސާކޮށްފިނަމަ އެކަންޏެވެ.
އެކަމަކު މި ދެ ކުޅުންތެރިންނަށް ބޯޅަ ފޯރުކޮށްދޭން ޖެހޭ ނެދަލަންޑްސްގެ މައިބަދަ އަށް އެންމެ ފަހު ވަގުތު ވަނީ ގުޑުން އަރައިފަ އެވެ. ޕޮލަންޑުގެ މައި ލޮންސި ކޮށިވިއިރު، ނެދަލަންޑްސްގެ މައި އިންޖީނު ފުލް ސްޕީޑުގައި ހިންގާލެވިދާނެތޯ ވަނީ ވަރަށް ބޮޑަށް ސުވާލު އުފެދިފައެވެ. އެއީ ބާސެލޯނާއަށް ކުޅެމުން އަންނަ މިޑްފީލްޑަރު ފްރޭންކީ ޑިޔޮންގާއި އިޓަލީގެ އެޓްލާންޓާގެ މިޑްފީލްޑަރު ޓެއުން ކޫޕަމެއިނާސް އަށް އަނިޔާވެ މި މުބާރާތުގެ އެއްވެސް މެޗެއްގައި ނުކުޅެވޭނެތީ އެވެ. ޑިޔޮންގަށް އަނިޔާވުމުން ކޯޗު ރޮނަލްޑޯ ކޫމަނަށް ގޯސްވީ އޭނާވެސް އެކުލަބަކަށް ކުޅެ ކޯޗުކޮށްދިން ބާސެލޯނާގެ މެޑިކަލް ޓީމެވެ. ކޫމަންގެ ވާހަތަކުން އެނގުނީ ޑިޔޮންގް ލައްވައި ބާސެލޯނާއިން ކުޅުވީ ކުޅުންތެރިޔާ އަށް އަގަލެއް ކުލުނެއް ނެތިކަމެވެ. މި ދެ ކުޅުންތެރިންގެ ބަދަލުގައި ކޫމަން ޓީމަށް ނެގީ ބޮލޯނިއާގެ ފޯވަޑް ހޯޝުއާ ޒިރްކްޒީ އާއި ބޮރޫޝިޔާ ޑޯޓްމުންޑްގެ ވިންގާ އިއާން މާސްޓެން އެވެ.

ޒިރްކްޒީ ގައުމީ ޓީމަށް ގޮވާލިކަން އެނގުނީ އެމެރިކާގެ ފްލޮރިޑާގެ ޑިސެނޭ ވޯލްޑްގައި ލޯބިވެރިޔާއާކު ޗުއްޓީ ހޭދަކުރަނިކޮށެވެ. ކޫމަންގެ ފޯނު ކޯލު ލިބުމާއެކު މާސްޓެން ގުޅީ އޭނާގެ ބައްޕަ އަށެވެ. އެއީ ގޭގައި ހުރި ތަކެތި ޖަރުމަނަށް ގެންގޮސްދޭން އެދި އެވެ. އޭނާގެ އަންނައުނުތައް ހިފައިގެން ބައްޕަ އެޑްވަޑް ޖަރުމަނުގެ ޑޯޓްމުންޑަށް ދިޔައީ ޓެކްސީގައި ކުރި ތިން ގަޑިއިރު ދަތުރަކަށްފަހު އެވެ. މިކަމާ ގުޅިގެން މާސްޓެން ބުނީ ޔޫރޯގައި ކުޅުމަކީ އާއިލާ އަށް ވެސް ލިބޭ އުފަލެއް ކަމަށާއި ބައްޕަ އޭނާގެ އަންނައުނު ހިފައިގެން އައީ އުފަލާއެކުގައި ކަމަށެވެ. ދަރިއަކާމެދު ބައްޕައަކު ފަހުރުވެރިވާނެ އެންމެ މަތީ ދަރަޖައަށް ފަހުރުވެރިވާ ހާލުގައި ކަމަށެވެ.

ޔޫރޯ އަށް ނެދަލޭންޑްސް ނުކުންނައިރު ކޯޗު ކޫމަންގެ އަނެއް ބޮލުރިހުމަކީ ޓިމުގައި ތަޖުރިބާކާރު ކީޕަރެއް ނެތުމުގެ މައްސަލަ އެވެ. މިވަގުތު ޓީމުގައި ތިބި ތިން ކީޕަރުން ވެސް ގައުމީ ޖާޒީގައި 10 މެޗު ވެސް ފުރިހަމަކޮށްފައިނެތެވެ. މިއާ ހިލާފަށް ޕޮލެންޑްގެ ކީޕަރު ވޮޝްނިއާ ސިޒެސްނީ އަކީ ތަޖުރިބާއިން ފުރިގެންވާ ކީޕަރެކެވެ. އެންމެ ފަހުންގެ ވޯލްޑްކަޕުގައި އާޖެންޓީނާގެ ކެޕްޓަން ލަޔޮނަލް މެސީ އަށް ވެސް ސިޒެސްނީގެ ކުރިމަތީގައި ގަދައެއްނުވެވުނެވެ. އޭނާ ދެ ޕެނަލްޓީ މަތަކުރިއެވެ.
ނަމަވެސް މި ދެ ޓީމު އެންމެ ފަހުން ކުޅުނު 12 މެޗުގެ ތެރެއިން ޕޮލެންޑަށް މޮޅުވެވިފައެއް ނެތެވެ. ފަސް މެޗު އެއްވަރުވިއިރު އަނެއް ހަތް މެޗު ކާމިޔާބުކުރީ ނެދަލަންޑްސް އެވެ.