ކުޅިވަރު

އަލްބޭނިއާއަށް ރިކޯޑެއް، މޮޅުވީ ޗެމްޕިއަން އިޓަލީ!


ޔޫރޯ 2024 ގައި މިރޭ އަލްބޭނިއާއިން ރިކޯޑެއް ހެދި މެޗު އިޓަލީން ކާމިޔާބުކޮށްފިއެވެ.

ޖަރުމަނުގައި ކުރިއަށްދާ ޔޫރޯގައި އިޓަލީއާއި އަލްބޭނިޔާ ވާދަކުރި މެޗު 2-1 ން ކާމިޔާބުކުރީ އިޓަލީ އެވެ. އެކަމަކު މެޗު ފަށައިގެން މިނިޓެއްވެސް ނުވަނީސް ލަނޑު ޖަހާ އަލްބޭނިޔާއިން ވަނީ މުބާރާތުގެ ތާރީޚުގައި ރެކޯޑެއް ހަދާފައެވެ. އެއީ މުބާރާތުގެ އެންމެ އަވަސް ގޯލް ޖަހައިގެންނެވެ. އެންމެ އަވަސް ގޯލް ޖެހީ 23 ވަނަ ސިކުންތްގައި ބައިރާމީ އެވެ. މީގެކުރީގެ ރެކޯޑަކީ 67 ސިކުންތެވެ. އެއީ 2004 ވަނަ އަހަރު ގްރީސް ކޮޅަށް ރަޝިޔާއިން ޖެހި ލަނޑެކެވެ. ބަޖްރާމީ ލަނޑު ޖެހީ ފެޑެރީކޯ ޑިމާކޯސް ފަހަތަށް ކީޕަރަށް ޖައްސާލި ބޯޅަ ހޯދައިގެން ނެވެ.

އަވަސް ގޯލާއެކު އިޓަލީ ސިއްސުވާލާ އަލްބޭނިޔާއިން ހުވަފެނީ ފެށުމެއް ހޯދި ނަމަވެސް އެގޮތުގައި ދެމި އޮވެވުނީ 11 ވަނަ މިނިޓާ ހަމައަށެވެ. އިޓަލީން ނަތީޖާ ހަމަހަމަ ކުރީ ޑިފެންޑަރ ބަސްޓޯނީ ޖެހި ލަނޑުންނެވެ. އޭނާ ލަނޑު ޖެހީ ގޯލް އޭރިޔާތެރޭގައި ހުރެ ބޮލުން ގޯލަށް ފޮނުވާލައިގެންނެވެ. އޭގެ ކުރިން މެޗުގެ ދެވަނަ މިނިޓްގައި ލޮރެންޒޯ ޕެލެގްރިނީ ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ކަނާ ދިމާލުން ކުޑަތަންކޮޅެއް ބޭރަށެވެ.

ޑީ އޭރިޔާ ތެރޭ ހުރެ އެއްފަހަރުން ޖަހާ ގޯލަށް ފޮނުވާލައިގެން އިޓަލީ އަށް ލިޑް ނަގައިދިނީ ނިކޮލޯ ބަރޭލާ އެވެ. 32 ވަނަ މިނިޓްގައި ޑޭވިޑް ފްރަޓޭސީ އަށް މުޅިން ހުސްކޮށްލާފަ ދިނުމުން ގޯލް އޭރިޔާ ކަނާ ދިމާލުގައި ހުރެ އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ އަރިމަތީ ދަނޑިއަށެވެ. 39 ވަނަ މިނިޓްގައި ހަމަ އެހިސާބުން ސްކަމާކާ ފޮނުވާލި ބޯޅަ ހުއްޓުވީ އަލްބޭނިޔާ ކީޕަރު ތޯމަސް ސްޓްރާކޮޝާ އެވެ.

43 ވަނަ މިނިތްގައި ޑީ އޭރިޔާ ބޭރުން އަލްބޭނިޔާގެ އަސާނީ ފޮނުވާލި ބާރު ބޯޅަ ދިޔައީ މާމަތިން ބޭރަށެވެ. 59 ވަނަ މިނިޓްގައި ޗިއޭސާ ގޯލް އޭރިޔާ ކަނާ ދިމާލުން ފޮނުވާލި ބާރު ބޯޅަ ވެސް ގޯލާ އަމާޒެއް ނުވިއެވެ. އެބޯޅަ ދިޔައީ ގޯލް އަރިމަތިން ކުޑަތަންކޮޅެއް ބޭރަށެވެ. މެޗުގެ ފަހު މިނިޓްގައި އަލްބޭނިޔާއިން ނަތީޖާ ހަމަހަމަ ކުރުމާ ގާތަށް ދިޔައެވެ. 77 ވަނަ މިނިޓްގައި ކުޅެން ނިކުއިން ރޭ މަނާޖު އިޓަލީގެ ކީޕަރު ޑޮންނަރުމާ ބޯމަތިން ގޯލަށް އޮއްސާލަން މަސައްކަތް ކުރި ބޯޅަ ދިޔައީ ގޯލް ކުރިމަތިން ހުރަސްވެގެން ބޭރަށެވެ.

ޔޫރޯގެ ތާރީޚުގައި އެންމެ އަވަސް ގޯލް ޖެހި އަލްބޭނިޔާގެ ބައިރާމީ މެޗުގެ 77 ވަނަ މިނިޓްގައި ބަދަލުކުރުމުން ދަނޑުން ފައިބައިގެން ދިޔައިރު ސަޕޯޓަރުން ވަނީ ކޮޅަށް ތެދުވު ތަރުހީބު ދީފައެވެ.

ގްރޫޕް ބީގައި ކޮންމެ ޓީމެއް ދެ މެޗު ކުޅެ ނިމުނު އިރު އެއްވަނައިގައި އޮތީ ސްޕެއިން އެވެ. ސްޕެއިންގެ އިތުރުން އިޓަލީ ވެސް ވަނީ ފުރަތަމަ މެޗު ކާމިޔާބުކޮށްފަ އެވެ.