ކުޅިވަރު

ފުރަތަމަ ހާފުގެ 3 ލަނޑުން ކްރޮއޭޝިއާ ބަލިކޮށް، ސްޕެއިންގެ ފެށުން 3 ޕޮއިންޓުން!


ޔޫރޯ 2024 ގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ޖެހި ތިން ލަނޑުން މޮޅުވެ، ކްރޮއޭޝިއާ އަތުން ސްޕެއިން ތިން ޕޮއިންޓް ހޯދައިފިއެވެ.

ޖަރުމަނުގައި ކުރިއަށްދާ ޔޫރޯ2024 ގައި ސްޕެއިން ފުރަތަމަ މެޗު ކާމިޔާބުކުރީ ކްރޮއޭޝިޔާއާ ވާދަކޮށް ފަސޭހަކަމާއެކު 3-0 ނެވެ. އިޓަލީވެސް ހިމެނޭ މުބާރާތުގެ އެންމެ ވަރުގަދަ އެއް ގްރޫޕްގައި ކްރޮއޭޝިޔާ އަތުން ހޯދި ފަސޭހަ މޮޅާއެކު ސްޕެއިން އަށް ވަނީ ދެވަނަ ބުރުގެ ވަރަށް ބޮޑު އުއްމީދެއް ލިބިފައެވެ.

ސްޕެއިންއަށް މެޗުގައި ލީޑް ނަގައިދިނީ ކެޕްޓަން މޮރާޓާ އެވެ. ސްޕެއިން ޓީމްގައި ހުރި އެންމެ ތަޖުރިބާ ބޮޑު ފޯވާޑް މޮރާޓާ 28 ވަނަ މިނިޓްގައި ލަނޑު ޖެހީ މެދުރޮނގާ ހިސާބުން ކުރިއަށް ދުއްވާލި ބޯޅައަކާއެކު އޭރިޔާ ތެރެއަށް ވަދެ ކީޕަރަށް އެއްވެސް ފުރުޞަތެއް ނުދީއެވެ. ޖެހިގެން އައި މިނިޓްގައި ކްރޮއޭޝިޔާގެ ކޮވަސިޗް ކުރިއަށް އަރާ ފޮނުވާލި ބޯޅަ ސްޕެއިން ކީޕަރު މަތަކުރި އެވެ. އަދި ސްޕެއިންއިން ލަނޑު ޖެހުމުގެ ކުރިން 21 ވަނަ މިނިޓްގައި ކްރޮއޭޝިޔާގެ ބުޑިމީރު ބޮލުން ފޮނުވާލި ބޯޅައެއް ގޯލާ އަމާޒު ނުވެ ބޭރަށް ދިޔައެވެ.

ސްޕެއިންގެ ދެވަނަ ލަނޑު ޖެހީ ފަބިއަން ރުއިޒް އެވެ. އޭނާ ލަނޑު ޖެހީ އަމިއްލަ ހުނަރު ބޭނުންކޮށްގެންނެވެ. ޑީއޭރިޔާ ތެރެއިން ތިން ފަހަރެއްގެ މަތީން ނައްޓާލުމަށްފަހު ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ތިރީ ކަނަށެވެ.

33 ވަނަ މިނިޓްގައި ބްރޮޒޮވިޗް ޑީއޭރިޔާ ތެރޭގައި ހުރެ ފޮނުވާލިބޯޅަ ކީޕަރު މަތަކުރުމުން ގޯލް ކައިރީ ހުހަށްހުރި ލޮވްރޯ މާޔާ އަށް ލިބުނު ނަމަވެސް ފޮނުވާލެވުނީ ބޭރަށެވެ. އޭގެފަހުން 41 ވަނަ މިނިޓްގައި ބުޑިމީރު އަށް ރަނުގެ ފުރުޞަތެއް ލިބުނެވެ. ގޯލް އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅަ އަރިމަތީ ދަނޑިކައިރިން ކިރިޔާ ފައި ޖައްސާލި ނަމަވެސް ގޯލަށް ވަނުމުގެ ފުރުޞަތު އޮތް އެބޯޅަ ސަލާމަތް ކުރީ ސްޕެއިން ކީޕަރެވެ.

ކްރޮއޭޝިޔާއަށް ފުރުޞަތެއްގެ ބޭނުން ނުހިފި ސްޕެއިންއިން ވަނީ ފުރަތަމަ ހާފްގެ އިތުރު ވަގުތުގެވެސް އެންމެ ފަހު ވަގުތު ތިންވަނަ ލަނޑެއް ޖަހާ މެޗުން މޮޅު ގާތްގަނޑަކަށް ޔަގީން ކޮށްފައެވެ. ޒުވާން ޔަމާލް ނަގައިދިން ހުރަސް އޭރިޔާ ތެރެއިން ޖާގަ ހޯދާ ކީޕަރަށް ޖާގަ ނުދީ ގޯލަށް ފޮނުވާލީ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ޑެނީ ކާވަޚާލް އެވެ. އެގޯލާއެކު މެޗުގެ ފުރަތަމަ ހާފްގެ ކުޅުންވެސް ރެފްރީ ނިންމާލި އެވެ.

ދެވަނަ ހާފް ފަށައިގެން ހަ ވަނަ މިނިޓްގައި އަރިމަތިން ޔަމާލް ގޯލްގެ އަރިމަތީ ކަނަށް ފޮނުވާލި ބޯޅަ މަތަކުރީ ކްރޮއޭޝިޔާގެ ކީޕަރެވެ. އަދި ޖެހިގެން އައި މިނިޓްގައި ޔަމާލް ގޯލް އޭރިޔާ ތެރެއަށް ހުރަސްކޮށްދިން ބޯޅަ ބޭރަށް ދިޔައީ ސްޕެއިން ކެޕްޓަން މޮރާޓާ ގައިގަ ޖެހިފައެވެ.

54 ވަނަ މިނިޓްގައި ކްރޮއޭޝިޔާއިން ލަނޑެއް ޖެހުމާ ވަރަށް ގާތަށް ދިޔައެވެ. ތިން ފަހަރެއްގެ މަތީން ފޮނުވާލުމުންވެސް ބޯޅަ ގޯލަށް ވަންނަ ވަރެއް ނުވިއެވެ. ފުރަތަމަ ބޯޅަ ހުއްޓުވީ ސްޕެއިން ޑިފެންޑަރު ކުކުރެލާ އެވެ. އޭގެފަހުން ސްޕެއިން ކީޕަރު ސިމޯން ދެފަހަރެއްގެ މަތީން ބޯޅަ މަތަކުރި އެވެ.

ނަތީޖާ ބަދަލުކުރަން 77 ވަނަ މިނިޓްގައި ކްރޮއޭޝިޔާއަށް ރަނުގެ ފުރުޞަތެއް ލިބުނެވެ. އޭރިޔާ ތެރެއިން ރޮޑްރީގޯ ޕެޓްކޮވިޗަށް ފައުލް ކުރުމުން ދިން ޕެނަލްޓީ، ޕެޓްކޮވިޗް ފޮނުވާލުމުން ކީޕަރު އަތުން ޖައްސާ ކުޅުމުގެ ތެރެއަށް ފޮނުވާލިއެވެ. އެބޯޅަ ހޯދާ ދެވަނަ ފަހަރަށް ޕެޓްކޮވިޗަށް ދިނުމުން ގޯލަށް ފޮނުވާލި ނަމަވެސް ރެފްރީ ނިންމީ ލަނޑެއް ނޫން ކަމަށެވެ. އެއީ ޕެނަލްޓީ ޖެހުމުގެ ކުރިން ކްރޮއޭޝިޔާގެ ޕެރިސިޗް އޭރިޔާ ތެރެއަށް ވަދެފައިވާތީ އެވެ.

މިމޮޅަކީ ސްޕެއިންއަށް ހަމަޖެހިލައިގެން ދެވަނަ ބުރަށްދާން ހުޅުވުނު ރަނގަޅު ދޮރެކެވެ. ނަމަވެސް ކްރޮއޭޝިޔާގެ މިދަށް ނަތީޖާގެ ސަބަބުން އިތުރު ޕްރެޝަރާ އުނދަގޫތައް ކުރިމަތިވާނެ އެވެ. ގްރޫޕްގައި ދެން އޮތީ ޗެމްޕިއަން އިޓަލީ އެވެ.