ކުޅިވަރު

މޮޅަކާއެކު ސްވިޓްޒަލަންޑުން ހޯދީ އުއްމީދީ ފެށުމެއް!


ޔޫރޯ 2024 ގެ ދެވަނަ މެޗުގައި ހަންގޭރީ ބަލިކޮށް، ސްވިޓްޒަލަންޑުން އުއްމީދީ ފެށުމެއް ހޯދައިފިއެވެ.

މޮޅާއެކު ސްވިޒަރލެންޑުން ވަނީ މުބާރާތުގައި ކުރިއަށް ދިއުމަށް ވަރަށްބޮޑު އުއްމީދެއް ހޯދާފައެވެ. އެއީ 3-1 ން ހަންގޭރީ ބަލިކޮށްގެންނެވެ. 12 ވަނަ މިނިޓްގައި ސްވިޒަރލެންޑަށް ލީޑް ނަގައިދިނީ ފޯވާޑް ޑުއާހު އެވެ. ގައުމީ ޓީމަށް ކުޅުނު ފުރަތަމަ މެޗުގައި ގައުމީ ޓީމަށް ފުރަތަމަ ލަނޑު ޖަހައިދިނުމަށްފަހު ފުރަތަމަ އޭނާއަށް އުފާފާޅުކުރަން ފުރުޞަތެއް ނުލިބުނެވެ. އެއީ ރެފްރީ އޮފްސައިޑް ކަމަށް ނިންމާ ގޯލް ބަލައި ނުގަތުމުންނެވެ. ނަމަވެސް އިތުރަށް ޔަގީން ކުރުމަށްފަހު ރެފްރީ ވަނީ ފަހުން ގޯލް ބަލައިގެންފައެވެ. ޑުއާހު ވެފައިވަނީ ޔޫރޯގައި ކުޅުނު ފުރަތަމަ މެޗުގައި ސްވިޒަރލެންޑް ގައުމީ ޓީމަށް ލަނޑު ޖަހައިދިން ތިންވަނަ ކުޅުންތެރިޔާ އަށެވެ.
ޑުއާހުގެ މި ލަނޑަކީ އޭރިޔާ ތެރެއަށް ދިން ތްރޫ ޕާސް ޕެނަލްޓީ ސްޕޮޓާ ހަމައިން އެއްފަހަރުން ޖަހާ ގޯލަށް ފޮނުވާލައިގެން ކާމިޔާބުކުރި ހިތްގައިމު ލަނޑެކެވެ.

ސްވިޒަރލެންޑުން ލަނޑު ޖެހުމުގެ ކުރިން ހަންގޭރީގެ ރޯނަލްޑް ސަލާއީ ޑީއޭރިޔާ ކައިރިން ފޮނުވާލި ބޯޅަ ދިޔައީ މަތިންނެވެ
ސްވިޒަރލެންޑްގެ ދެވަނަ ލަނޑަކީ ކުރިއަށް ކުޅޭ ކުޅުންތެރިންގެ ވަރަށް ރަނގަޅު ކޮމްބިނޭޝަނެއްގެ ނަތީޖާއެވެ. ޑީއޭރިޔާ ބޭރުގައި ހުރި މިޝޭލް އައިބެޝާ ފޮނުވާލި ބާރު ބޯޅަ ތަތްވީ ގޯލްގެ ދާގަނޑަށެވެ. މިއީ އޭނާވެސް ގައުމީ ޓީމަށް ޖަހައިދިން ފުރަތަމަ ލަނޑެވެ. އޭނާ ލަނޑު ޖެހީ ފުރަތަމަ ހާފްގެ ފަހު މިނިޓްގައެވެ.

63 ވަނަ މިނިޓްގައި ހަންގޭރީން ލަނޑެއް ޖެހުމާ ގާތަށް ދިޔައެވެ. އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅަ ބާނަބަސް ވާގަ ބޮލުން ފޮނުވާލުމުން ދިޔައީ ގޯލްގެ މަތީ ކަނާ ދިމާލުން ބޭރަށެވެ. އެކަމަކު އޭގެ ދެ މިނިޓް ފަހުން ލިބުނު ފުރުޞަތުގެ ބޭނުން ހިފާ އޭނާ ހަންގޭރީއަށް އުއްމީދެއް ހޯދައިދިނެވެ. ގޯލް އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅަ ވެއްޓިގަނެފައި ބޮލުން ޖަހާ ގޯލަށް ފޮނުވާލީ ސްވިޒަރލެންޑް ކުޅުންތެރިއަކު ހުރަސް އަޅަމުން ދަނިކޮށެވެ.

71 ވަނަ މިނިޓްގައި ޑަން އެންޑޯޔޭ އޭރިޔާ ތެރެއިން އަރިމަތިން ރަނގަޅު ބޯޅައެއް ގޯލަށް ފޮނުވާލި އެވެ. ނަމަވެސް ހަންގޭރީ ކުޅުންތެރިއަކު ގައިގަ ޖެހި ބޯޅައިގެ މިސްރާބު ބަދަލުވީއެވެ.
ފޯމޭޝަނަށް ބަދަލުގެނެސް ދެ ފޯވާޑުން ކުރިއަށް ލައިގެން ނަތީޖާ ހަމަހަމަ ކުރަން ހަންގޭރީން މެޗުގެ ފަހު 10 ވަރަކަށް މިނިޓްގައި މަސައްކަތް ކުރިއެވެ. މެޗުގެ ފަހު ބައިގަ ސްވިޒަރލެންޑް އަތުން ކޮންޓްރޯލް ގެއްލި ހަންގޭރީން ނަތީޖާ ހަމަހަމަ ކުރަން މަސަސައްކަތް ކުރި ނަމަވެސް އިތުރު ގޯލެއް ކާމިޔާބު ނުކުރެވި, ތިން ޕޮއިންޓާއެކު މެޗު ނިންމާލީ ސްވިޒަރލެންޑެވެ.

މެޗުގެ ފަހު ދެތިން މިނިޓާއި އިތުރު ވަގުތުގެ ފަސް މިނިޓް ސްވިޒަރލެންޑް ފެނުނީ އަލުން ކޮންޓްރޯލް ހޯދާ ހަންގޭރީއަށް ނުރައްކާކުރަމުން ދިޔަތަނެވެ. އެގޮތުން 88 ވަނަ މިނިޓްގައި ލިބުނު ކޯނަރަކުން ސްވިޒަރލެންޑް ކުޅުންތެރިން ގޯލަށް ފޮނުވާލި ނުރައްކާތެރި ބޯޅައެއް ދެވަނަ ފަހަރަށް ހަންގޭރީގެ ކީޕަރު ކޯނަރަކަށް ބޭރުކޮށްލިއެވެ. އަދި މެޗުގެ އިތުރު ވަގުތުގެ ފުރަތަމަ މިނިޓްގައި އެމްބޯލޯ އަށް ލިބުނު ފުރުޞަތުގައި ބޯޅަ ޖައްސާލެވުނީ ތަންކޮޅެއް ބޭރަށެވެ. ނަމަވެސް ޖެހިގެން އައި މިނިޓްގައި ކީޕަރު ބޯމަތިން ބޯޅަ ގޯލަށް އޮއްސާލައިގެން ސްވިޒަރލެންޑަށް ތިންވަނަ ގޯލެއް ކާމިޔާބުކޮށްދީ މޮޅު ޔަގީން ކޮށްދިނެވެ. އެމްބޮލޯ ކުޅެން ނިކުތީ 74 ވަނަ މިނިޓްގައެވެ. އޭގެފަހުންވެސް ރަނގަޅު ބޯޅައެއް އެމްބޯލީ ގޯލް އޭރިޔާ ތެރެއަށް ހުރަސްކޮށްދިނެވެ.

މިމޮޅާއެކު ސްވިޒަރލެންޑް އޮތީ ގްރޫޕް އޭގެ ދެވަނައިގައެވެ. އެއްވަނައިގައި އޮތީ 5-1 ން ސްކޮޓްލެންޑް ބަލިކުރި ޖަރމަނީ އެވެ.