ޔޫރޯ ކޮލިފައިންގައި ޔުކްރޭނާ ދެކޮޅަށް އިޓަލީ ކުޅެން ޖެހިފައިވަނިކޮށް ކޯޗު ލޫސިއާނޯ ސްޕަލެއްޗީ އަށް ފަޅާ އެރީ ޓީމުގެ ބައެއް ކުޅުންތެރިން ހޭލާ އުޅުނުކަމެވެ. މިއާއެކު އޭނާ ވަނީ ހަރުކަށި އުސޫލުތަކެއް ތައާރަފްކޮށްފަ އެވެ. މީގެ ތެރެއިން ކުޅުންތެރިން ވެސް އެންމެ ކަންބޮޑުވި އެއް ކަމަކީ ފޫހިފިލުވަން ގެންގުޅޭ ޕްލޭ ސްޓޭޝަން ފަދަ ތަކެތި ނުގެންގުޅެވޭނެ ކަމަށް ކޯޗު ނިންމުމެވެ. ސްޕަލެއްޗީ ބުނީ ކުޅުންތެރިން ޕްލޭސްޓޭޝަން ކުޅެން ރޭ ހަތަރުދަމު ހޭލާ ތިބުމަށްވުރެ އޭނާ އަށް މުހިންމީ އެމީހުން ނިދާފައި އަވަހަށް ޕްރެކްޓިހާއި މެޗަށް ތައްޔާރުވުން ކަމަށެވެ.
އަލްބޭނިއާ ދެކޮޅަށް ކުޅެން މިރޭ އެންމެ ފަހުގެ ޗެމްޕިއަން އިޓަލީ ނުކުންނައިރު މިފަދަ އެތައް ކަމެއް ވަނީ ބަދަލުވެފައެވެ. އެއީ މީގެ ތިން އަހަރު ކުރިން ތަށި ހޯދި އިޓަލީ ޓީމެއްނޫނެވެ. އެ ޓީމުގައި ހުރިހާ ސިފަތަކަށް ބަދަލު އައިސް އިޓަލީ އަކީ މިހާރު ހުރިހާ ގޮތަކުން ވެސް ބަދަލުވެފައިވާ ޓީމެކެވެ. އިނގިރޭސިން ބަލިކޮށް ތަށި ހޯދި ޓީމުގެ ކެޕްޓަން ޖިއޯޖިއޯ ކިއެލީނީ އާއި ބޮނޫޗީގެ އިތުރުން ކޯޗު ރޮބާޓޯ މަންޗިނީ ވެސް ވަނީ ޓީމު ދޫކޮށްލާފަ އެވެ. ސްޕަލެއްޗީއާއެކު ޓީމު ރޭވުމަށް ކުރީގެ ތަރިންތަކެއް ތިބި ނަމަވެސް އިޓަލީ މުބާރާތަށް މި ނުކުންނަނީ އެއްވެސް ޕްރެޝަރެއްނެތި އެވެ. ސަބަބަކީ ތަށި ދިފާއު ނުކުރެވޭނެ ކަމަށް އައު ޖީލުގެ ކުޅުންތެރިން ވެސް ގަބޫލު ކުރާތީއެވެ. މިހެންވެ ބޮރޫޝިޔާ ޑޯޓްމުންޑްގެ ދަނޑުގައި މާބޮޑު ތަޖުރިބާއެއްނެތް އަލްބޭނިއާ ދެކޮޅަށް ކުޅެން މިރޭ އިޓަލީ ކުޑަކޮށް ވެސް ޖެހިލުމެއްނުވާނެ އެވެ.
ނަމަވެސް ޓީމުގެ ކެޕްޓަން ޖިއާން ލޫކާ ޑޯނަރޫމާ ކުޅުންތެރިންނަށް ހަނދާންކޮށްދެނީ މެޗު ފަސޭހަކޮށްނުލުމަށެވެ. ސަބަބަކީ އަލްބޭނިޔާގެ ގިނަ ކުޅުންތެރިންނަކީ އިޓާލިއަން ލީގުގައި ކުޅޭ ބަޔަކަށްވުމެވެ. އަލްބޭނިއާ ޓީމުގެ ރަނގަޅަށް ސްކޭންކޮށްފިނަމަ އިނގިރޭސި ޕްރެމިއާ ލީގުގެ ބައެއް ކުޅުންތެރިން ވެސް ފެނިގެންދާނެ އެވެ. ފުލަމްގެ ފޯވަޑް އާމަންޑޯ ބަރޯހާ އާއި ބްރެންޓް ފޯޑްގެ ރިޒާވް ކީޕަރު ތޯމަސް ސްޓަރަކޯޝާ އަކީ އިނގިރޭސި ލީގުން ފާހަގަކޮށްލެވޭ ކުޅުންތެރިންނެވެ.
އެއްވަނަ ކީޕަރު އެޓްރިޓް ބެރިޝާ އަކީ އިޓަލީގެ އެމްޕޯލީގެ ކީޕަރެވެ. ފަހަތާއި މެދު ތެރޭގައި އިޓާލިއަން ލީގުގެ އަށް ކުޅުންތެރިން އެބަތިއްބެވެ. މިހެންވެ އަލްބޭނިޔާގެ ގިނަ ބަޔަކު ދެކޭ ގޮތުގައި މިރޭގެ މެޗަކީ ހުރިހާ ގޮތަކުން ވެސް އެމީހުންނަށް ހާއްސަ މެޗެކެވެ.
އަލްބޭނިޔާގެ ކޯޗު ސިލްވީނިއޯ އަކީ ބްރެޒިލްގެ ރައްޔިތެކެވެ. އެއީ ބާސެލޯނާ އާއި އާސެނަލްގެ ކުރީގެ ވާތުބެކެވެ. ކޮރިންތިއަންސް އާއި ލިއޯނުގައި ކުޑަދުވަސްކޮޅަކު ހުރުމަށްފަހު އޭނާ އެ ދަނީ އަލްބޭނިއާގެ ގައުމީ ޓީމު ގޮވައިގެން ރަނގަޅަށް މިސްރާބަކަށް ދަތުރުކުރަމުންނެވެ. ސިލްވީނިއޯ އޭނާގެ އެސިސްޓެންޓަކަށް ހަމަޖައްސާފައިވަނީ ކުރިން މެންޗެސްޓާ ސިޓީގެ ކުރީގެ ފޯވަޑަށް ކުޅުނު ޕަބްލޯ ޒަބަލެޓާ. މިހެންވެ ކޯޗިން ޓީމަކީ ސަމާސާ ބައެއްނޫންކަން ޔަގީނެވެ.
އަލްބޭނިއާގެ ބޮޑު ފުރަތަމަ މުބާރާތަކީ ޔޫރޯ 2016 އެވެ. އެއަށްފަހު އެގައުމުގެ ރަންޖީލުގެ ކުޅުންތެރިން މި ފަހަރުގެ ޔޫރޯ އިން ޖާގަ ހޯދީ ވަނީ ޗެކްރިޕަބްލިކާއި ޕޮލެންޑް ހިމެނުނު ގްރޫޕް ފަތަހަކޮށްފައެވެ. ކޮލިފައިން ގްރޫޕުގެ އެއްވަނަ އަލްބޭނިއާ އަށް ލިބުނީ ޗެކްރިޕަބްލިކާ ޕޮއިންޓްގެ ގޮތުން ހަމަހަމަވެ ދެ ގައުމު ބައްދަލުކުރި މެޗުތަކުން ރަނގަޅު ނަތީޖާ ހޯދީ އެމީހުން ކަމަށްވުމުންނެވެ. ނަމަވެސް ކޮލިފައިން އަށް ފަހު ޗިލީ އާއި ސްވިޑްން އަތުން ބަލިވުމުން އަލްބޭނިޔާ އަކީ އަދި ބައިނަލް އަގްވާމީ ސަފުގައި ހިފެހެއްޓުމަށް ގިނަގުނަ މަސައްކަތް ކުރަންޖެހޭ ޓީމެއްކަމަށް ތަޖުރިބާކާރުން ވަނީ ފާހަގަކޮށްފައެވެ. މިހެންވެ މިރޭގެ މެޗަށް އެމީހުން ނުކުންނަނީ މާ ބޮޑު އުއްމީދަކާއެކު މުބާރާތުގެ ފުރަތަމަ މެޗުގައި ޖަރުމަނާ ވާދަކުރަން ނުކުތް ސްކޮޓްލޭންޑަށް ލިބުނު ފަދަ ހިތްދަތިކަމެއް ކުރިމަތިވިޔަ ނުދިނުމަށް އެޅެން ހުރި ހުރިހާ ފިޔަވަޅުތަކަކާއެކުގަ އެވެ.