ޔޫރަޕިއަން ޗެމްޕިއަންޝިޕް (ޔޫރޯ) ގައި ޖަރުމަނުން ހިތްގައިމު ފެށުމެއް ހޯދައިފި އެވެ. ޖަރުމަނުގައި ހުކުރު ދުވަހުގެރޭ ފެށި މުބާރާތުގެ ފުރަތަމަ މެޗު ޖަރުމަނުން ކާމިޔާބުކުރީ ސްކޮޓްލެންޑާ ވާދަކޮށް 5-1 ނެވެ.
މެޗު ފަށައިގެން ދެވަނަ މިނިޓްގައި ޖަރުމަނުގެ އެޓޭކްތައް ފެށިއެވެ. ފަހަތުން ރުޑިގަރ ދިން ބޯޅަ އެއްގައި ފްލޮރިއަން ރިޓްޒް އަށް ލިބުނު ފުރުޞަތަށް އޭރިޔާ ތެރެއިން ހުރަސްއެޅީ ސްކޮތްލެންޑް ކީޕަރެވެ. އެކަމަކު މެޗުގެ 10 ވަނަ މިނިޓްގައި ފްލޮރިއަން ރިޒް ވަނީ ޖަރުމަނަށް ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދައިދީފައެވެ. ޑީ އޭރިޔާ ތެރޭގައި ހުރި ފްލޮރިއަން ފަޔަށް ކިމިޗް ނައިދިން ބޯޅަ އެއް ފަހަރުން ފޮނުވާލުމުން ގޯލަށް ވަނީ އަރިމަތީ ދަނޑިގައި ޖެހިފަ އެވެ. ޖަރުމަނުގެ ދެވަނަ ލަނޑު ޖެހީ ޖަމާލު މުސިއާލާ އެވެ. ޕެނަލްޓީ ސްޕޮޓް މަތިން ކަހަލަ ގޮތަކަށް ޖަމާލު މުސިއާލާ ފޮނުވާލި ބާރު ބޯޅަ ތައްކޮށްލީ މަތީ ދާގަނޑުގައެވެ. މިއީ 20 ވަނަ މިނިޓްގައި ކައި ހަވާޓްޒް ސީދާ މުސިއާލާ ފަޔަށް ޖައްސާލުމުން އިތުބާރާއެކު ބޯޅަ ފޮނުވާލައިގެން ކާމިޔާބުކުރި ލަނޑެކެވެ.
24 ވަނަ މިނިޓްގައި ޑީ އޭރިޔާ ތެރެއިން ޖަމާލު މުސިއާލާ ހުއްޓުވީ ސްކޮޓްލެންޑްގެ ތިން ކުޅުންތެރިން ވެގެން, ފައުލްކޮށްގެން ނެވެ. ފައުލްކުރީ އޭރިޔާ ތެރެއިންތޯ ވީއޭއާރުން ބެލުމަށްފަހު ނިންމީ ޕެނަލްޓީއެއް ނޫންކަމަށެވެ. ޑީއޭރިޔާ ތެރެއިން, ޕެނަލްޓީ އޭރިޔާ ގާތްގަނޑަކަށް ރޮނގު މަތިން ދިން ހިލޭ ޖެހުން ކައި ހަވާޓްޒް ތިރިތިރިން ފޮނުވާލި ބޯޅަ ކީޕަރު މަތަކުރިއެވެ.
31 ވަނަ މިނިޓްގައި ޖަރުމަނުން ތިންވަނަ ލަނޑެއް ޖެހިނަމަވެސް އޭގެ ކުރިން ކައި ހަވާޓްޒް އަތުގައި ބޯޅަ ޖެހިފައިވާތީ ރެފްރީ ލަނޑު ބަލައިނުގަތެވެ.
ޖަރުމަނުގެ ތިންވަނަ ލަނޑަކީ އޭރިޔާ ތެރެއިން ގުންޑޮގާންއަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އަކުން ކައި ހާވަޓްޒް ޖެހި ލަނޑެކެވެ. މިއީ ކިމިޗް ދިން ހިތްގައިމު ބޯޅަ ގުންޑޮގާން ބޮލުން ފޮނުވާލުމުން ކީޕަރު އަތުން ޖައްސާ ކުޅުމުގެ ތެރެއަށް ފޮނުވާލި ވަގުތު ގުންޑޮގާން ދެވަނަ ފަހަރަށް ފޮނުވާލަން އުޅުމުގެ ތެރޭގައި ގޯލް އޭރިޔާ ރޮނގުމަތިން ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ. ޕެނަލްޓީ ދިނީ ވިއޭއާރުން ބެލުމަށްފަހު އެވެ. ޕެނަލްޓީ ދިނުމުގެ އިތުރުން ރެފްރީ ވަނީ ފައުލް ކުރި ސްކޮޓްލެންޑް ޑިފެންޑަރ ޕޯޓެއޮސް އަށް ރަތްކާޑް ދައްކާފައެވެ.
މެޗުގެ ފުރަތަމަ ހާފްގައި ޖަރުމަނުގެ ކީޕަރު ނޯޔާއަށް އެންމެ ބޯޅައެއްވެސް ހުއްޓުވަން ނުޖެހުނެވެ. ދެވަނަ ހާފްގައި ފުރަތަމަ ހަމަލާ ފޮނުވާލީ ޖަރުމަނުގެ ޑިފެންޑަރ ރުޑިގާ އެވެ. ހާފްގެ ގާތްގަނޑަކަށް މެދަކާ ހިސާބުން ފޮނުވާލި ބާރުބޯޅަ ސްކޮޓްލެންޑް ކީޕަރު އަތުން ޖައްސާ ކޯނަރަކަށް ބެރުކޮށްލި އެވެ. 56 ވަނަ މިނިޓްގައި ގޯލް އޭރިޔާ ކަނުން ފްލޯރިއަން ރިޒް ފޮނުވާލި ބޯޅަ ގޯލަށް ނުވަނީ ކުޑަތަންކޮޅެއް މަތިވުމުންނެވެ. ދެވަނަ ހާފްގެ ކުރީކޮޅަ ކުޅެން ނިކުމެ ފުރަތަމަ މިނިޓްގައި ސާނޭއަށް ލަނޑު ޖަހަން ރަނުގެ ފުރުޞަތެއް ލިބުނެވެ. އެކަމަކު ލިބުނު ފުރުޞަތުގައި އޭނާއަށް ބޯޅަ ފޮނުވާލެވުނީ މާމަޑުން ނެވެ.
ޖަރުމަނުގެ ހަތަރު ވަނަ ލަނޑު ޖެހީ ދެވަނަ ހާފްގައި ކުޅެން ނިކުއިން ނިކްލަސް ފުލްކްރަގް އެވެ. 63 ވަނަ މިނިޓްގައި ކުޅެން ނިކުމެ އޭނާ ލަނޑު ޖެހީ 67 ވަނަ މިނިޓްގައެވެ. އޭނާ އުންޑައެއްހެން ފޮނުވާލި ބާރު ބޯޅަ ތަތްވީ ގޯލްގެ މަތީ ކަނުގައެވެ. އެބޯޅަ މަތަކުރަން ސްކޮޓްލެންޑް ކީޕަރަށް އެއްވެސް ކަމެއް ނުކުރެވުނެވެ. އޭނާ ކުޅެން ނިކުތީ ކައި ހާވާޓްޒްގެ ބަދަލުގައެވެ.
ފުލްކްރަގް ދެވަނަ ލަނޑެއް ޖެހި ނަމަވެސް ރެފްރީ ނިންމީ އޮފްސައިޑް ކަމަށެވެ. މެއިން ކޮންޓްރޯލް ކޮށްލުމަށްފަހު ވާތުފައިން ފޮނުވާލި ބޯޅަ ކީރު އަތުގައި ޖެހިފައި ގޯލަށް ވަނުމުން އުފާފާޅުކުރި ނަމަވެސް ރެފްރީގެ ނިންމުން އައީ ލަނޑެއް ނޫން ކަމަށެވެ.
ޖަރުމަނުން ހަތަރު ލަނޑު ޖެހިފަހުން ސްކޮޓްލެންޑަށް ސުން ކަނޑުވާލެވުނީ ޖަރުމަނުގެ ޑިފެންޑަރ އެންޓޯނިއޯ ރުޑިގާ އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ. މިއީ ޖަރުމަނު ހާފް ތެރެއިން މެދުރޮނގާ ކައިރިން ސްކޮޓްލެންޑަށް ލިބުނު ހިލޭ ޖެހުމަކުން އޭރިޔާ ތެރެއަށް ހުރަސްކުރި ބޯޅައެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ބޮލުން ބައިކޮޅަށް ފޮނުވާލެވުނު ބޯޅައެއް ގޯލަށް ވަދެގެން ޖަރުމަނަށް ލިބުނު މާޔޫސްކަމެކެވެ. މިއީ މުޅި މެޗުގައިވެސް ޖަރުމަނު ގޯލާ އަމާޒުވި ހަމައެކަނި ބޯޅަ އެވެ.
ޖަރުމަނުގެ ފަސްވަނަ ލަނޑު ޖެހީ ދެވަނަ ހާފްގައި ކްރޫޒްގެ ބަދަލުގައި ކުޅެން ނިކުއިން ކޭން އެވެ. ޑީއޭރިޔާ ރޮނގުމަތިން ތިރިން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ އަރިމަތީ ދާގަނޑަށެވެ. މުބާރާތުގައި ޖަރުމަނުގެ ފުރަތަމަ މެޗަކީ ކޯޗު ނާގަލްސްމަން އަށް ބޮޑު އިތުބާރެކެވެ. އަދި އަމިއްލަ ގައުމުގައި ކުޅޭ މުބާރާތުގައި ކުރިއަށް ދިއުމަށް ޖަރުމަނަށް ލިބުނު ބޮޑު ހިތްވަރެކެވެ.