ޚަބަރު

ކައުންސިލް އިމާރާތް އަޅާ 50 ރަށް ކަނޑައަޅާ އިޢުލާނުކޮށްފި


  • ކައުންސިލް އާ އިމާރާތް އެޅުމަށް 102 ރަށް ޝަރުތު ހަމަވޭ

  • މި އިމާރާތްތައް އަޅަނީ ޗައިނާގެ އެހީގައި

  • ހުރިހާ އިމާރާތެއްގެ މަސައްކަތް މިއަހަރު އެކުއެކީގައި ކުރިއަށްދާނެ

އެންމެ ހާލަތު ދަށްކޮށް ހުރި ކައުންސިލް އިމާރާތްތައް އަލުން އިމާރާތްކުރުމަށް ސަރުކާރުން ނިންމާފައިވާ މަޝްރޫޢުގައި، ކައުންސިލް އިމާރާތްތައް އަޅާ 50 ރަށުގެ ލިސްޓު ސިޓީތަކާ އިދާތީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާބެހޭ ވުޒާރާއިން އިޢުލާނުކުރައްވަފިއެވެ.

މި ރަށްތަށް ކަނޑައަޅާފައިވަނީ ކައުންސިލްތަކުގެ ޙާލަތާއި ޖާގައާއި ޚިދުމަތުގައި ހަރަކާތްތެރިވާ މިންވަރަށް ބަލާ ކަނޑައާޅާފައިވާ ވަކި މިންގަނޑަކަށް ބަލައިގެންނެވެ.

ސިޓީތަކާ އިދާރީ ދާއިރާތައް ހިންގުމާ އާއްމު މަސައްކަތްތަކާބެހޭ ވަޒީރު ޢާދަމް ޝަރީފް ޢުމަރު ވިދާޅުވީ މަޝްރޫޢުގައި 50 ރަށް ކަނޑައެޅުމުގައި، 2023 އަދި 2024 ވަނަ އަހަރު ޕީއެސްއަޕީ ބަޖެޓުގައި، ކައުންސިލް އިމާރާތް އެޅުމަށް ހިމަނާފައިވާ ރަށްތައް ނުހިމަނާކަމަށެވެ. އެއީ އެ މަޝްރޫޢުތަކަކީ މިހާރުވެސް އެކި މަރުޚާލާގައި މަސައްކަތް ކުރިއަށްދާ ރަށްތައްކަމަށްވާތީކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މި ޕްރޮޖެކްޓް ހިންގުމަށް އެންމެ އެކަށީގެންވާ ރަށްތައް ކަނޑައެޅުމުގައި ވަރަށް ތަފްސީލުކޮށް މަޢުލޫމާތު ނަގާ، ބަލާފައިވާނެކަމަށެވެ. މި މަޢުލޫމާތުތައް އެއްކުރިއިރު، ރާއްޖޭގައި ކައުންސިލް އާ އިމާރާތް އެޅުމަށް ކޮންމެހެން ބޭނުންޖެހިފައިވާ 102 ރަށް ފާހަގަކުރެވިފައިވާކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. މީގެތެރެއިން މިއަހަރު އަޅާ 50 އިމާރާތް ކަނޑައަޅާފައިވަނީ، އިމާރާތުގެ ޙާލަތު އެންމެ ދަށްކޮށް ހުރި ރަށްތައް ބެލުމަށްފަހުކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

އެގޮތުން އިމާރާތަށް ވީ މުއްދަތާ، މަރާމާތުކުރަންޖެހޭ މިންވަރާ، ޖާގައާއި އަދި ސްޓޯރޫމާއި، ފާޚަނަ އަދި ނަމާދު ކޮޓަރ ފަދަ ޖާގަތައް ހުރި މިންވަރު ވަނީ ބަލާފައެވެ. އަދި ރަށު އޮފީހުގެ އިމާރާތުގައި ޕޮލިސް ޑެސްކާއި ކޯޓުގެ ޚިދުމަތް ޤާއިމުކޮށްފައިވޭތޯ ވަނީ ބަލާފައިކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މި 50 ރަށުގެ އޮފީސް އިމާރާތުގެ ޢަމަލީ މަސައްކަތް މިއަހަރު ފަށާނެކަމަށެވެ. އަދި މި އިމާރާތްތައް ވާނީ ވަރަށް ޖާގަ ތަނަވަސް އަދި ކައުންސިލްތަކުގެ ހިންގުމުގެ މަސައްކަތަށް ބޭނުންވާ ލުއިފަސޭހަތައް ލިބޭގޮތަށް ފަރުމާކުރާ ތަންތަނަށްކަމަށް ވަޒީރު ވިދާޅުވިއެވެ.

"ޗައިނާ ސަރުކާރުގެ އެހިގައި ޕްރީ-ފެކްރިކޭޓެޑް އިމާރާތްތަކެއް އަޅާނީ. 50 ރަށުގެ މަސައްކަތް އެކިއެކީގައި ކުރިއަށްދާނީ. ވަކި ތަރުތީމެއް ނީންނާނެ." ސިޓީތަކާ އިދާތީ ދާއިރާތައް ހިންގުމާ އާއްމު މަސައްކަތްތަކާބެހޭ ވުޒީރު އާދަމް ޝަރީފް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ޕީއެސްއައިޕީގައި ހިމަނައިގެން 2023 ވަނަ އަހަރު އަދި 2024 ވަނަ އަހަރު ބަޖެޓުގައި ހިމަނައިގެން 55 ރަށުގެ މަސައްކަތް ކުރިއަށްދާކަމަށެވެ. އަދި ސަރުކާރުގެ ޢަމާޒަކީ ޙާލަތު ދަށްކޮށް ހުރިކަމަށް ކަނޑައެޅި 102 ރަށުގެ ކައުންސިލް އިމާރާތްތައް މި ދަޢުރުގެ ތެރޭގައި އިމާރާތްކޮށްދިނުމެވެ.