ކުޅިވަރު

މޮލްޑޯވާ ބަލިކޮށް ޔޫކްރެއިނުން ފެންވަރު ދައްކާލައިފި


މި މަހު ޖަރުމަނުގައި ފަށާ ޔޫރޯއަށް ތައްޔާރުވުމުގެ ގޮތުން ޔޫކްރެއިނުން ރޭ ކުޅުނު މެޗުގައި ބޮޑު ތަފާތަކުން މޮލްޑޯވާ އަތުން މޮޅުވެއްޖެއެވެ.

މިއީ އެ ޓީމުން ޔޫރޯއަށް ތައްޔާރުވުމަށްޓަކައި މި ޖޫން މަހުގެ ތެރޭގައި ކުޅުނު ތިން މެޗުގެ ތެރެއިން މޮޅުވި ފުރަތަމަ މެޗެވެ. ޖަރުމަން ލަނޑެއްނުޖެހި އެއްވަރުވިއިރު، ޕޮލެންޑް އަތުން ވަނީ ބަލިވެފައެވެ. މޮލްޑޯވާ އަތުން ޔޫކްރޭން މޮޅުވީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

ރޭގެ މެޗުގައި ޔޫކްރޭނުން ވަނީ ކޮންމެ ހާފެއްގައި ދެ ލަނޑުޖަހައިފައެވެ. އެ ޓީމުން ލީޑުނެގީ މެޗު ފެށިގެން ދެވަނަ މިނެޓުގައި މިކޮލާ މަޓްވިއެންކޯ ދިން ބޯޅައަކުން ރޯމަން ޔަރެމްޗުކް ވައްދާލި ލަނޑުންނެވެ.

މި ގޯލާއެކު ޔަރެމްޗުކް ވަނީ އެ ގައުމުގެ ތާރީޚުގައި މިހާތަނަށް އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިންގެ ލިސްޓުގެ ހަތަރުވަނަ އަށް ޖެހިލައިފައެވެ. އޭނާ އާއެކު މި ލިސްޓުގެ ހަތަރުވަނައިގައި ދެން އޮތީ އެ ޓީމުގެ މިހާރުގެ ކޯޗު، ސަރްހެއި ރެބްރޯވް އެވެ. މި ދެ ކުޅުންތެރިން ވަނީ ގައުމީ ޓީމަށް 15 ލަނޑުޖަހައިދީފައެވެ.

ޔޫކްރޭނަށް މިހާތަނަށް އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިންނަކީ އަންދްރޭ ޝެވްޗެންކޯ (48) އަންދްރޭ ޔާމޮލެންކޯ (46) އަދި ޔެވްގެން ކޮނޮޕްލިޔާންކާ (21) އެވެ.

ފުރަތަމަ ހާފު ނިމެން ދެ މިނެޓަށްވެފައިވަނިކޮށް ޔޫކްރޭނުގެ ދެވަނަ ލަނޑުޖަހައިދިނީ ވިކްޓަ ސިގަންކޯވް އެވެ. މި ލަނޑުޖެހުމަށް އެހީތެރިވެދިނީ ޖިއޯޖީ ސުޑާކޯވް އެވެ. މި ހާފުގައި ޔޫކްރޭންގެ ފުލްބެކް ވިޓާލީ މިކޮލެންކޯ އަށް ލިބުނު އަނިޔާއަކާ ގުޅިގެން ވަނީ ބަދަލުކޮށްފައެވެ.

މިކޮލެންކޯ ވަނީ ނިމިދިޔަ ސީޒަނުގައި އިނގިރޭސި ކްލަބު އެވަޓަން އާއެކު ރަނގަޅު ކުޅުމެއް ދައްކާފައެވެ. އޭނާގެ ބަދަލުގައި ކުޅެން ނިކުތީ އާސެނަލްގެ އޮލެގްސެންޑާ ޒިންޗެންކޯ އެވެ.

ދެވަނަ ހާފުގެ ކުރީކޮޅު ޔޫކްރޭންގެ ތިންވަނަ ލަނޑުޖަހައިދިނީ އާޓެމް ޑޮވްބީކް އެވެ. ނިމިދިޔަ ސީޒަނުގައި ޖިރޯނާ އާއެކު މޮޅު ކުޅުމެއް ދެއްކި ޑޮވްބީކް އަކީ ސްޕެނިޝް ލީގުގެ ޓޮޕް ސްކޯރާއެވެ. މި މެޗުގައި ޔޫކްރޭނުން ޖެހި ހަތަރުވަނަ ލަނޑު، 55 ވަނަ މިނެޓުގައި ސުޑާކޯވް ކާމިޔާބުކޮށްދިނީ ޑޮވްބީކް ދިން ބޯޅައަކުންނެވެ.

މި މެޗުގައި ޔޫކްރޭންގެ ގޯލް ބެލެހެއްޓީ ނިމިދިޔަ ސީޒަނުގައި ރެއާލް މެޑްރިޑާއެކު މޮޅު ކުޅުމެއްދައްކައި ޔުއެފާ ޗެމްޕިއަންސް ލީގާއި ސްޕެނިޝް ލީގު ކާމިޔާބުކުރި ގޯލްކީޕަރު، އަންދްރޭ ލުނިން އެވެ. މިއީ ޔޫރޯ އަށް ތައްޔާރުވުމަށްޓަކައި މި މަހުގެ ތެރޭގައި ޔޫކްރޭން ކުޅުނު ތިން މެޗުގެ ތެރެއިން އޭނާ ކުޅުނު ފުރަތަމަ މެޗެވެ.

މިފަހަރުގެ ޔޫރޯގައި ޔޫކްރޭން ހިމެނުނީ ގްރޫޕް އީ ގައެވެ. މި ގްރޫޕުގައި ދެން އޮތީ ބެލްޖިއަމް އާއި ރޫމޭނިއާ އަދި ސްލޮވޭކިއާ އެވެ. މި މުބާރާތުގައި ޔޫކްރޭނުން ކުޅޭ ފުރަތަމަ މެޗުގައި މި މަހުގެ 17 ވާ ހޯމަ ދުވަހު ނިކުންނާނީ ރޫމޭނިއާ އާ ދެކޮޅަށެވެ.