ކުޅިވަރު

ޗެކް ރިޕަބްލިކް: ޔޫރޯގެ ކުރިން އަޚުލާގީ މައްސަލަތަކުން އަރައިގެންފި


ޗެކްޖުމްހޫރިއްޔާ އަކީ ދުނިޔޭގެ އެންމެ އަމާން 10 ގައުމުގެ ތެރެއިން އެއް ގައުމެވެ. އެކަމަކު ގައުމީ ޓީމަށް މި ފަހުން ކުރިމަތިވި އެންމެ ބޮޑު މައްސަލައަކީ އަޚުލާގީ މައްސަލަ އެވެ. ކުރީގެ ކޯޗު ޔަރޮސްލާވް ސިލްހަވީ ޔޫރޯ އަށް، ޓީމު ކޮލިފައިކޮށްދިނުމަށްފަހު އިސްތިއުފާ ދޭން ޖެހުނީ ވެސް މިފަދަ އަރައިތުންތަކެއްގަ އެވެ. ވޯލްޑްކަޕް ކޮލިފައިންގެ މުހިންމު މެޗެއްގެ ކުރިން އޭނާ އެންމެ އިތުބާރު ކުރާ ތިން ކުޅުންތެރިއަކު ދަންވަންދެން ނައިޓްކުލަބެއްގައި މަޖާކުރި މައްސަލާގައި ފިޔަވަޅު އަޅަން ސިލްހަވީ ދެކޮޅު ހެދީ އެވެ.

ކުޅުންތެރިން އަހުލާގީ އިމުން ބޭރުވެ، ކަންކަން ގޯސްވުމުން، މިފަދަ މައްސަލަތައް ހައްލު ކުރުމަށް ކޯޗަކަށް ގެނައީ އުމުރުން 60 އަހަރުގެ މިހާރުގެ ކޯޗު އިވާން ހަސެކް އެވެ. އޭނާ އަކީ ފުންނާބުއުސް ގާނޫނީ ވަކީލެކެވެ. ސްޕާޓާ ޕްރާގަށް ދެ ފަހަރު ލީގު ޗެމްޕިއަންކަން ހޯދައިދީ ޗެމްޕިއަންސް ލީގުގެ ގަދަ 16 އަށް ވެސް ގެންގޮސްދިނެވެ. 2009 ވަނަ އަހަރުގެ ކުރީކޮޅު ވަގުތީ ގޮތުން ގައުމީ ޒިންމާ ވެސް އަދާކުރި އެވެ. ގައުމީ ޓީމާ ހަވާލުވުމަށްފަހު ހަސެކް ފުރަތަމަ ވެސް ކުރި ކަމަކީ ހަރުކަށި އުސޫލުތަކެއް ތަންފީޒު ކުރަންފެށުމެވެ. ކުޅުންތެރިން ރުހުނަސް ނުރުހުނަސް އެކަން ކުރުމުގެ ހުރިހާ ބާރެއް ޗެކް ފެޑަރޭޝަނުން އޭނާ އަށް ދިނެވެ. އޭނާގެ ގާނޫނީ އިލްމާއި ތަޖުރިބާގެ އަލީގައި ކުޅުންތެރިންނާއެކު އޭނާ ހެދި އެއްބަސްވުމުމުގައިވަނީ ދެ ފަރާތުން އެއްބަސްވާ ގަވާއިދުތަކަށް އެންމެންވެސް ބޯލަނބަން ޖެހޭނެ ކަމަށެވެ. އެކަން ނުކުރާ މީހަކު ޓީމުގައި ނުހުންނާނެ އެވެ. މިގަވާއިދާއެކު ޗެކްގެ ގިނަ ބަޔަކު ދެކޭ ގޮތުގައި ގައުމީ ޓީމުގައި އޮތް އަހުލާގީ މައްސަތައް ވަނީ ވަރަށް ބޮޑަށް ހައްލުވެފަ އެވެ.

ޔޫރޯގައި ޗެކްރިޕަބްލިކްގެ މައިގަނޑު އަމާޒަކީ ދެ ވަނަ ބުރުން ޖާގަ ހޯދުމެވެ. ކޯޗު ހެސެކް ދެކޭ ގޮތުގައި ނިމިދިޔަ ފުޓްބޯޅަ މޫސުމުގައި ޗެކްރިބަޕްލިކްގެ ތިން ކުލަބެއް ޔޫރަޕުގެ މުބާރާތްތަކުގެ ނޮކްއައުޓް ބުރަށް ދަތުރުކުރުމަކީ ރަނގަޅެކެވެ. ގައުމީ ޓީމާމެދު އެ ގައުމުގެ ރައްޔިތުންގެ މެދުގައި މިހާރު އުތުރުއަރަމުންދާ ފޯރީގެ އެއް ސަބަބަކީ ވެސް އެއީ އެވެ. މި ފޯރީގައި ގްރޫޕް ސްޓޭޖް ކަޑައްތުކުރުމަކީ ނުވާވަރުގެ ކަމެއްނޫނެވެ. އެކަމަކު މިކަން ކުރުމަށްޓައި ކޯޗަށް އެންމެ މުހިންމު މެޗަކީ މުބާރާތުގައި ޕޯޗުގަލްއާ ދެކޮޅަށް ކުޅެން ޖެހޭ ފުރަތަމަ މެޗެވެ. ހެސެކް ބުނީ ޕޯޗުގަލް މެޗުގައި ބަލަންތިބެފައި ގްރޫޕުގެ ފަހު މެޗުގައި ތުރުކީ އަތުން މޮޅުވާން އަމާޒު ހިފައިފިނަމަ މަންޒިލަށް ވާސިލްވާން އުނދަގޫވާނެ ކަމަށާއި ފުރަތަމަ މެޗުން ފެށިގެން ކުޅެންޖެހޭނީ ތިން ޕޮއިންޓަށް ކަމަށެވެ.

ޗެކްރިޕަބްލިކްގެ ޓީމުގެ އެންމެ ބޮޑު ބަލިފަޔަކީ ހިލޭޖެހުންތަކުގައި ބައިކޮޅަށް ގޯލު ވަނުން ނުހުއްޓުވުމެވެ. ނަމަވެސް އެމީހުންނަކީ ވަކި ފޯމޭޝަނެއް ނުވަތަ ވަކި ގޮތަކަށް ތަރުތީބުވެގެން ތިބުމުގެ ބަދަލުގައި އިދިކޮޅުން ކުޅޭ ޓީމަކަށް ފެތޭނެހެން ދަނޑުމަތީގައި ހަރަކާތްތެރިވާ ޓީމެކެވެ. ކޮންމެ ފޯމޭޝަނަކަށް ކުޅުނަސް ޓީމުގައި މިޑްފީލްޑަރު ތޯމަސް ސޫސެކް އާއި ފޯވަޑް ޕެޓްރިކް ޝިކް ތިބުމަކީ ކޮންމެ ކޯޗަކަށް ވެސް ލިބޭ ހިތްހަމަޖެހުމެކެވެ. ޝިކްގެ ޕާޓްނަރަކަށް ކޯޗު އިހްތިޔާރުކުރުން އެންމެ ގާތީ ބަޔާ ލެވަކޫސަންގައި ވެސް އޭނާ އާއެކު ކުޅެމުން އަންނަ އާދަމް ހޮލްޒެކެވެ. މީގެ އިތުރުން ކަނާތު ބެކް ވަލްޑަމީރު ކައުފަލް އަކީ ވެސް ކުރީގެ ކޯޗާއި މިހާރުގެ ކޯޗު ވެސް ހާއްސަ ކުޅުންތެރިއެކެވެ.

ޗެކްރިޕަބްލިކްގެ ގިނަ ކުޅުންތެރިންނަކީ އެ ގައުމުގެ ލީގުގައި ކުޅެމުން އަންނަ ކުޅުންތެރިންނެވެ. އިނގިރޭސި ލީގުގެ ވެސްޓްހަމް އަށް ކުޅެމުން އަންނަ ސޫސެކާއި ކައުފަލް ފިޔަވައި ދެން އެންމެ ގިނަ ކުޅުންތެރިން ކުޅެނީ ޖަރުމަނު ވިލާތުގަ އެވެ. ޓީމުގެ ތާރީހަށް ބަލާއިރު އެމީހުންނަކީ ބޮޑު މުބާރާތްތަކަށް ފަރިތަ ބައެކެވެ. ނަމަވެސް ދެ ވަނަ ބުރު ފަހަނައަޅައި ގޮސް މުބާރާތުގެ އެންމެ ވާދަވެރި މަރުހަލާއަކީ މިޒަމާނުގެ ފުޓްބޯޅައިގައި އެމީހުންނަށް އާ ތަޖުރިބާއެކެވެ. 1976ގައި ޔޫރަޕުގެ ޗެމްޕިއަންކަން ހޯދި ނަމަވެސް ޗެކް ރިޕަބްލިކަށް މި މުބާރާތު ސެމީ ފައިނަލަށް އެފަހުން ދެވިފައިވަނީ އެންމެ ފަހަރަކު އެވެ. އެއީ 1996ގަ އެވެ. އޭގެ ފަހުން ގްރޫޕް ސްޓޭޖާއި ކުއާޓާ ފައިނަލް ކުޅެކުޅެ އޮތް ޓީމަށް ސެމީ ފައިނަލް އަތުވީ 2004 ވަނަ އަހަރުގެ މުބާރާތުގައި އެކަންޏެވެ.