ޚަބަރު

ފްލެޓުތަކުގެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހުންގެ ގެތައް އޭސީސީން ބަލައި ފާސްކުރަން ފަށައިފި


  • ފްލެޓް ލިބުނު ގިނަ މީހުންގެ ޝަރުތުހަމަނުވާ ކަމަށް އޭސީސީން ވިދާޅުވޭ

  • ލިބެންޖެހޭވަރަށްވުރެ އިތުރަށް ބައެއް މީހުންނަށް ޕޮއިންޓް ދީފައިވާކަން އޭސީސީން ފާހަގަކުރޭ

ކުރީ ސަރުކާރުން ދޭން ނިންމި 4000 ފްލެޓުގެ މައްސަލައިގައި ތުހުމަތުކުރެވޭ މީހުންގެ ގެތައް ބަލައި ފާސްކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީން ފަށައިފިއެވެ.

ތުހުމަތުކުރެވޭ މީހުންގެ ގެތައް ބަލައި ފާސްކުރަމުންދަނީ ފްލެޓުތަކާ ގުޅިގެން އެކޮމިޝަނުން ހިންގާ ޖިނާޢީ ތަހުގީގަށް ހެކި ހޯދުމަށް ކަމަށް އޭސީސީން ވިދާޅުވެއެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ކުރީ ސަރުކާރުން ފުރަތަމަ ދޭން ނިންމި 4000 ފްލެޓު ލިބޭ މީހުންގެ ލިސްޓު އާއްމު ކުރުމުން ގިނަ ޝަކުވާތަކެއް ހައުސިންގ މިނިސްޓްރީ އާއި އޭސީސީއަށް ވެސް ވަނީ ހުށަހަޅާފައެވެ. އޭސީސީއަށް ހުށަހެޅި މައްސަލަތަކާ ގުޅިގެން އެ ކޮމިޝަނުން ފްލެޓުތައް ހަވާލުކުރުމުގެ މަސައްކަތް މަޑުޖައްސާލަންވެސް އެންގިއެވެ.

އޭސީސީން ވިދާޅުވީ 4،048 ފޯމުގެ މައުލޫމާތު ބަލާފައިވާއިރު އޭގެ ތެރެއިން %59.6 ފޯމަކީ ޝަރުތު ހަމަނުވި ނަމަވެސް ޝަރުތުހަމަވާ ކަމަށް އޭރުގެ ހައުސިންގ މިނިސްޓްރީން ނިންމަވާފައިވާ ފޯމުތައް ކަމަށް ފާހަގަކުރެވުނު ކަމަށެވެ އަދި %19.7 ފޯމަކީ ޝަރުތު ހަމަވި ނަމަވެސް ބައެއް އެހެން މައްސަލަތައް ހުރި ފޯމުތައް ކަމަށާއި ޝަރުތުހަމަވާ ފޯމުގެ ގޮތުގައި ފާހަގަކުރެވުނީ %20.7 ފޯމު ކަމަށް އެކޮމިޝަނުން ވިދާޅުވިއެވެ.

މި ތަހުގީގުން ޕޮއިންޓް ދިނުމުގައި ބައެއް މީހުންނަށް ލިބެން ޖެހޭ ވަރަށްވުރެ އިތުރަށް ޕޮއިންޓް ދީފައިވާކަން ފާހަގަކުރެވިފައިވާ ކަމަށާއި ގިނަ ފަރާތްތަކުން ހުށަހަޅާފައިވާ ފޯމުތަކުގައި މައުލޫމާތު ފުށުއަރާ ކަމަށް އޭސީސީން ވިދާޅުވިއެވެ. އަދި ދައުލަތުގެ އިދާރާތަކުންނާއި ހުށަހަޅާފައިވާ މައުލޫމާތުން ބައެއް ކެޓަގަރީތަކުން ޕޮއިންޓް ނުލިބޭއިރުވެސް އެ ކެޓަގަރީތަކުން ބައެއް މީހުންނަށް ޕޮއިންޓް ދީފައިވާކަންވެސް އޭސީސީގެ ތަހުގީގުން ފާހަގަވެފައިވާ ކަމަށް އެކޮމިޝަނުންވަނީ ވިދާޅުވެފައެވެ.

އޭސީސީގެ ތަހުގީގުން ފާހަގަވި ކަންކަމުގެ ސަބަބުން އެ ކޮމިޝަނުން ވަނީ ޖިނާޢީ ތަހުގީގެއް ހިންގުމަށް ނިންމާފައެވެ. މި ތަހުގީގަށް ހެކި ހޯދުމަށް ތުހުމަތު ކުރެވޭ މީހުންގެ ގެތައް ބަލަމުންދާއިރު އޭގެ ތެރޭގައި ކުރީގެ ފްލެޓް ކޮމިޓީގެ މެންބަރުންވެސް ހިމެނޭކަމަށް އޭސީސީން މައުލޫމާތުދެއްވައެވެ.