ޚަބަރު

ޝެޑިއުލައް މަސައްކަތް ކުރިއަށް ނުގެންދާތީ ރަސްމާލެ މަޝްރޫޢު އަވަސްކުރަން އިތުރު ބަދަލުތަކެއް


  • މަޝްރޫޢު ފެށީ ޑިސެމްބަރު 18ގައި

  • ފުރަތަމަ ނިންމީ 8 މަހުން މަސައްކަތް ނިންމަން

  • މިހާރު ކަނޑައަޅާފައިވަނީ މިއަހަރުގެ ނިޔަލަށް ބިން ހިއްކާ ނިންމުމަށް

  • މުޅި މަޝްރޫޢު އަވަސްކުރުމަށް އިތުރު ޕްލޭންތަކެއް ވަނީ ރާވާފައި

ސަރުކާރުން ބޭނުންވި ގޮތަށް، ބޭނުންވި ސްޕީޑްގައި ރަސްމާލެ ހިއްކުމުގެ މަސައްކަތް ކޮންޓްރެކްޓަރު ކުރިއަށް ނުގެންދާތީ، މިހާރު އޮތް އެއްބަސްވުން އުވާލާ، މަޝްރޫޢު އަވަސްކުރަން އިތުރު ގޮތްތަކެއް ހޯދަމުންދާކަމަށް ޢިމާރާތްކުރުމާ ބިނާރާ ބެހޭ ވަޒީރު ޑރ.އަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ޢިމާރާތްކުރުމާ ބިނާރާ ބެހޭ ވުޒާރާގެ ފުރަތަމަ 6 މަސްދުވެހުގެ މަސައްކަތުގެ ތަފްސީލް ޙިއްސާކުރެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރަސްމާލެ މަޝްރޫޢުއަކީ ސަރުކާރުގެ އެންމެ ބިޔަ އެއް މަޝްރޫޢުއެވެ. މާލެ ސަރަޙައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ބޮޑު މައްސަލައަށް ދާއިމީ ޙައްލެއް ގެނައުމަށް ސަރުކާރުން ފަށާފައިވާ އިންޤިލާބީ މަޝްރޫޢުއެކެވެ.

ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީ)އާއި ނެދަލޭންޑްސްގެ ބޮސްކާލިސް ކުންފުންޏާ ހަވާލުކޮށްގެން ބިން ހިއްކުމުގެ މަސައްކަތް ފެށީ، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 18ވަނަ ދުވަހުއެވެ. މަސައްކަތް ފެށީ 8 މަސްދުވަހުން ބިން ހިއްކުމުގެ ހުރިހާ މަސައްކަތެއް ނިންމާގޮތަށެވެ. އެއީ 1153 ހެކްޓަރުގެ ބިން މިއަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް ހިއްކާގޮތަށެވެ.

ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ޢިމާރާތްކުރުމާ ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ، ސަރުކާރުން ބޭނުންގޮތަށް އަދި ބޭނުންވި ސްޕީޑްގައި ކޮންޓްރެކްޓަރު މަސައްކަތްތައް ކުރިއަށްގެންދަމުން ނުދާކަމަށެވެ. މީގެ އެއް ސަބަބަކީ ޕްރޮޖެކްޓަށް ބޭނުންވާ ފައިސާ، ސީއެމްސީއަށް ހޯދިފައި ނުވުންކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެހެންކަމުން މިހާރު ޤާއިމުކޮށްފައިވާ ކޮންޓްރެކްޓް އުވާލާ، މަޝްރޫޢު އަވަސްކުރުމަށް ގެންނަޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ކުރަމުންދާކަމަށެވެ.

"ކޮންޓްރެކްޓަރު ބޭނުންވޮގޮތަށް އެމީހުންނަށް ފައިނޭނެސް ހަމައެއް ނުޖެއްސުނު. އޭރު މުއްދަތު(8 މަސް) ކަނޑައެޅީ، އެވަގުތު ބޮސްކާލިސްގެ 2 ޑްރެޖަރު ރާއްޖޭގައި އޮތުމާއެކު އެ މުއްދަތުގައި ކުރިއަށްގެންދެވޭނެތީ. ސަރުކާރު މިހާރު މިދަނީ އެހެން ގޮތްތަކެއް ހޯދަމުން. އެގޮތަށް ކުރިއަށްގެންގޮސް މިއަހަރު ނިމުމުގެ ކުރިން ބިން ހިއްކާ ނިމޭނެކަމަށް." ޢިމާރާތްކުރުމާ ބިމާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ބިން ހިއްކާ ނިމި، ރަސްމާލެއަށް ބޭނުންވާ އަސަސީ ޚިދުމަތްތައްކަމަށްވާ ފެނާ ނަރުދަމާއާއި މަގުހެދުމާ އަދި ކަރަންޓުގެ ޚިދުމަތް ޤާއިމުކުރުމާ ގުޅޭ މަސައްކަތްތައްވެސް މިއަހަރުގެ ތެރޭގައި ފެށުމަކީ ސަރުކާރު ޕްލޭންކަމަށެވެ.

މި މަޝްރޫޢު މިއަހަރުގެ ބަޖެޓުން ހިންގުމަށް ސަރުކާރުން މަސައްކަތްކުރިއެވެ. އެގޮތުން މިއަހަރުގެ ބަޖެޓުގައި 400 މިނިލިއަން ރުފިޔާ ހިމެނުމަށް ހުށައެޅިނަމަވެސް، ކުރީ ސަރުކާރުގައި ބަޖެޓު ފާސްކުރީ އެފައިސާ އުނިކުރުމަށްފަހުއެވެ.

އެހެންކަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން، ސަރުކާރުން އެމަޝްރޫޢުއަށް ޚަރަދު ނުކޮށް ގެންދެވޭނެ މޮޑެލަކަށް މަޝްރޫޢު ކުރިއަށްގެންދިއުމަށެވެ. އެއީ ކޮންޓްރެކްޓަރަށް ހުޅުމާލެއިން 10 ހެކްޓަރުގެ ބިން އަދި ފުށިދިއްގަރު ފަޅުން ހިއްކާ ބިމުން 60 ހެކްޓަރުގެ ބިން ދޭގޮތަށެވެ. ނަމަވެސް ސަރުކާރުން ބޭނުންވޮގޮތަށް މަސައްކަތް ކުރިއަށްނުދާތީ، އެ ކޮންޓްރެކްޓް ބަދަލުކުރުމަށް ވަނީ ނިންމާފައެވެ.

ރަސްމާލޭގައި ހިންގުމަށް ނިންމާފައިވާ ހައުސިން މަޝްރޫޢުތަކުގެ މަސައްކަތްތައް ކުރިއަށްދާގޮތްވެސް ވަޒީރު ވަނީ ޙިއްސާކުރައްވާފައެވެ. ޑރ.މުއްޠަލިބް ވިދާޅުވީ ރަސްމާލޭގައި ފުރަތަމަ އަޅާ 15،000 ޔުނިޓްގެ އެމްއޯޔޫގައި ޗައިނާގެ ކުންފުންޏަކާއެކު ސޮއިކޮށް، އޭގެ މަސައްކަތްތައް ކުރިއަށްދާކަމަށެވެ. އަދި ރާއްޖެއިން މަތީފަންތީގެ ޓީމެއް ޗައިނާއަށް ޒިޔާރަތްކޮށް، ހައުސިން ޔުނިޓްތަކުގެ މޮޑިއުލްއާއި ފެންވަރު ބަލާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. މިއީ ވަރަށް އަވަހަށް، ފެންވަރު ރަނގަޅުކޮށް ކުރިއަށްގެންދާ ހައުސިން މޮޑެލެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"މިއީ ވަރަށް ބާރު ސްޕީޑްގައި މަސައްކަތް ގެންދެވޭ މޮޑެލެއް. މޮޑިއުލް ޔުނިޓް ތައްޔާރުކުރާނީ ޚާއްސަ ފެކްޓްރީއެއް ބިނާކޮށްގެން. ކޮލިޓީ ބަލާނެ. ޑީޓެއިލް ކޮސްޓް އަދި ޕްރޮޕޯސަލް ލިބުމުން އަވަހަށް މަސައްކަތްތައް ފަށާނަން." ޢިމާރާތްކުރުމާ ބިނާރާ ބެހޭ ވަޒީރު ޑރ.މުއްޠަލިބް ވިދާޅުވިއެވެ.

ރަސްމާލެއަކީ 65000 ގެދޮރު ޔަގީންވާގޮތަށް ތަރައްޤީކުރަން ނިންމާފައިވާ ރަށެކެވެ. ރަސްމާލެ ތަރައްޤީކުރަނީ ތިމާވެއްޓާ ރައްޓެހި "އިކޯ ސިޓީ"އެއްގެ ގޮތުގައެވެ.