ޚަބަރު

"ތައުލީމީ އަދި ސިއްހީ ދާއިރާގައި މީހުން ބިނާކުރުމަށް މުހިންމު އިސްކަމެއް ދެން"


  • ވަޒީރު މިހެން ވިދާޅުވީ ބަނގްލަދޭޝްގައި އޮތް ކޮންފަރެންސްއެއްގައި ވާހަކަދައްކަވަމުން

  • ރައްޔިތުން ބާރުވެރިކުރުވުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުން

އިންސާނީ ވަސީލަތް އިތުރުކުރުމަށް މި ސަރުކާރުން މުހިންމު މަސައްކަތްތަކެއް ކުރާއިރު ތަޢުލީމީ ދާއިރާއާއި އަދި ޞިއްޙީ ދާއިރާގައި މީހުން ބިނާކުރުމަށް މުހިންމު އިސްކަމެއްދޭކަމަށާއި މިއީ ދުރު މުސްތަޤްބަލަށް ވިސްނާއިރު މުހިންމު ކަމެއްކަމަށް އިޖްތިމާއީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، އިންޓަނޭޝަނަލް ކޮންފަރެންސް އޮން ޕޮޕިއުލޭޝަން އެންޑް ޑިވެލޮޕްމަންޓްއަށް 30 އަހަރު ފުރުމާއި ގުޅިގެން ބޭއްވި ޑައިލޮގްގައި ވާހަކަދައްކަވަމުންނެވެ.

ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވީ، މި ސަރުކާރުން ރައްޔިތުން ބާރުވެރި ކުރުވާ އިޖްތިމާއީ ގޮތުންނާއި އިޤްތިޞާދީ ގޮތުން ރައްޔިތުން ކުރިއަރުވާ ރަނގަޅު ފެންވަރުގެ ތަޢުލީމާއި ޞިއްޙީ ފަރުވާ ލިބޭނެ އިންތިޒާމް ހަމަޖައްސައިދެމުން އަންނަކަމަށެވެ. ވަކިން ޚާއްސަކޮށް މި ވަސީލަތްތައް އަންހެނުންނަށާއި އަދި ޒުވާނުންނަށް ލިބޭނެ މަގު ފަހިކޮށްދިނުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން އަންނަކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ ސިޔާސަތުގެ ދަށުން ޞިއްޙީ ޚިދުމަތް އެންމެންނަށް ހަމަހަމައަށް ލިބޭނެ އިންތިޒާމް ހަމަޖެއްސުމާއި، ޖިންސުގެ ހަމަހަމަކަން ޤާއިމްކުރުމާއި، ޒުވާނުން ބާރުވެރިކުރުވުމާއި، އުމުރުން ދުވަސްވާއިރުވެސް ރަނގަޅު ސިއްހަތެއްގައި ހުރުމަށް މަގަފަހިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް ވަޒީރު ވިދާޅުވިއެވެ.

މިކަންކަމުގައި ރާއްޖެއަށް ދިމާވާ ހުރަސްތަކަކީ އެހެން ޤައުމުތަކަށްވެސް ދިމާވާ ހުރަސްތަކަށްވުމުގެ ސަބަބުން ނަތީޖާ ނެރުމަށްޓައި އެހެން ޤައުމުތަކާއި ގުޅިގެން މަސައްކަތްކުރުމަށް ރާއްޖެއިން އަބަދުވެސް އޮންނާނީ ތައްޔާރަށްކަމަށް ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވިއެވެ.

މި ކޮންފަރެންސް ބާއްވާފައިވަނީ ބަނގްލަދޭޝްގައެވެ. މި ކޮންފަރެންސްގައި 49 ޤައުމަކުން ވަނީ ބައިވެރިވެފައެވެ.