ޚަބަރު

މިފްޒާ ވުޖޫދަށް ގެނެސް އިޤްތިޞާދުގެ ވަރުގަދަ ތަނބަކަށް ހެދުމަށް އިނގިރޭސިވިލާތުގެ އެހީތެރިކަން ލިބޭނެ: ވަޒީރު


  • މިހެން ވިދާޅުވީ ވަޒީރު އިނގިރޭސިވިލާތައް ކުރައްވާ ދަތުރުފުޅުގައި

  • ފުރަތަމަ ރައުންޑް ޓޭބަލް ބައްދަލުވުން މިހާރު ވަނީ ބާއްވާފައި

މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންސް ސަރވިސަސް އޮތޯރިޓީ ވުޖޫދަށް ގެނެސް އިޤްތިޞާދުގެ ވަރުގަދަ ތަނބަކަށް މިކަން ހެދުމަށްޓަކައި އިނގިރޭސިވިލާތާއެކު މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ބާއްވާފައިވަނީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު އިނގިރޭސިވިލާތަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބޭއްވި ރައުންޑް ޓޭބަލް ބައްދަލުވުމުގެ ތެރޭގައެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާއި ވަޑައިގެންނެވުމަށްފަހު އެންމެ އިސްކަމެއް ދެއްވާ އެއްކަމަކީ އިޤްތިޞާދު އެއްކަމަކަށް ބަރޯސާވެފައި އޮންނަ އޮތުން ނިމުކަމަށް ގެނެސް އިޤްތިޞާދު ސިންދަފާތުކުރުންކަމަށެވެ.

ރާއްޖޭގައި އެންމެ ޒަމާނީ ފައިނޭންޝިއަލް މާކެޓެއް އުފެއްދުމަކީ ރައީސް ޑރ. މުޢިއްޒުގެ ވަރަށް ބޮޑު އަމާޒެއްކަމަށް ވަޒީރު ވިދާޅުވިއެވެ. އެކަމަށް މަގުފަހިކުރުމުގެ ގޮތުން ފައިނޭންޝިއަލް ސެންޓަރުތައް ޤާއިމްކުރުމަށް ރައީސް މިހާރު ވާނީ މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝިއަލް ސަރވިސަސް އޮތޯރިޓީގެ ނަމުގައި ގަވަނިން އޮތޯރިޓީއެއް އުފައްދަވާފައެވެ. އެ އޮތޯރިޓީގައި މިހާރު ބޯޑެއް އެކުލަވާލާ ޖުލައިމަހުގެ ތެރޭގައި ޑިވެލޮޕްމަންޓް ބޭންކްވެސް ހުޅުވުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ވަޒީރު ސައީދު ވިދާޅުވިއެވެ.

ފައިނޭންޝިއަލް ސެންޓަރަކީ އެއަށް އިތުބާރު ލިބި އަދި ޒަމާނީ ރެގިއުލޭޝަންސްތައް ހެދިފައި ހުންނަންޖެހޭނެ ތަނަކަށްވާތީ އެތަނަށް ބޭންކް ނުވަތަ ފައިނޭންޝިއަލް އިންސްޓްރޫމަންޓްސް ގެނެސް މި ދާއިރާ ތަރައްޤީކުރުމަށް އިނގިރޭސިވިލާތާއެކު މަސައްކަތް ކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އިނގިރޭސިވިލާތަކީ ދުނިޔޭގެ ފައިނޭންޝިއަލް އިންޑަސްޓްރީގައި ފާހަގަކޮށްލެވޭ ރަނގަޅު ޤައުމެއްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

އިނގިރޭސިވިލާތަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެންމެ ބޮޑު އަމާޒެއް ހިފާނީ ރައީސްގެ ތަޞައްވުރު ހަޤީގަތަކަށް ހެދުމަށްޓަކައި މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންސް ސަރވިސަސް އޮތޯރިޓީ ނުވަތަ މިފްޒާ ވުޖޫދަށް ގެނެސް އިޤްތިޞާދުގެ ވަރުގަދަ ތަނބަކަށް މިކަން ހެދުމަށްޓަކައި އެ ޤައުމުގެ އެހީތެރިކަން ހޯދުމަށްކަމަށް ވަޒީރު ވިދާޅުވިއެވެ.

އިނގިރޭސިވިލާތާއެކު ބޭއްވުނު ރައުންޑް ޓޭބަލްގައި އެ ޤައުމުގެ ކަމާގުޅުންހުރި ގިނަ އަދަދެއްގެ ފަރާތްތަކެއް ބައިވެރިވިކަން ވަޒީރު ސަޢީދު ފާހަގަކުރެއްވިއެވެ. އަދި އެބޭފުޅުންގެ ފުރިހަމަ އެއްބާރުލުން މިކަމަށް ލިބޭނެކަމަށް ވިދާޅުވެފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ސަޢީދު ވަނީ އިނގިރޭސިވިލާތުގެ ޓްރޭޑް މިނިސްޓަރާއި ބައްދަލުކުރައްވާފައެވެ. އަދި އެ ޤައުމުގެ އިންވެސްޓްމަންޓާއި ބެހޭ އެންމެ އިސް މިނިސްޓަރާއި މިއަދު ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.