ޚަބަރު

އުންމީދަކީ ޤައުމިއްޔަތުގެ ކޮލެޖުގެ މަސައްކަތް ކުރިއަށްއޮތް ދޮޅުމަސް ތެރޭ ފެށުން: ވަޒީރު


  • މި ކޮލެޖު ހިންގުމަށް ނިންމާފައިވަނީ ކުރީގެ ސީއެޗްއެސްސީ ޢިމާރާތުގައި

  • އެތަނުގެ މަރާމާތުގެ މަސައްކަތްކުރަނީ އެމްއެންޑީއެފްގެ ސިވެކްއިން

އުންމީދަކީ ޤައުމިއްޔަތުގެ ކޮލެޖު ހެދުމުގެ މަސައްކަތް ކުރިއަށް އޮތް ދޮޅު މަސް ދުވަހުގެ ތެރޭގައި ފެށުންކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ދިވެހި ޤައުމިއްޔަތާއި ތާރީޚާ ގުޅޭ ޢިލްމުތައް ކިޔަވައިދޭ ކޮލެޖެއް ޤާއިމްކުރައްވާނެކަމަށް ދިވެހިބަހާ ބެހޭ ވުޒާރާއިން އިޢުލާނު ކުރައްވާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. އޭރު ވަޒީރު އާދަމް ނަޞީރު ވިދާޅުވެފައިވަނީ ކޮލެޖު ހިންގާނީ ސީއެޗްއެސްސީގެ ކުރީގެ ޢިމާރާތުގައި ކަމަށެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ ބަސްދީގަތުމުގައި ވަޒީރު ވިދާޅުވީ ކޮލެޖުގެ ޤާއިމްކުރުމަށްޓަކައި ސީއެޗްއެސްސީގެ ކުރީގެ ޢިމާރާތުގައި ކުރަންޖެހޭ މަރާމާތުގެ މަސައްކަތް ބަޖެޓު ހަމަޖެހުމުން ފެށޭނެކަމަށެވެ. އަދި އުންމީދަކީ ކުރިއަށް އޮތް ދޮޅު މަހެއްހާ ދުވަހުގެ ތެރޭ މަސައްކަތް ފެށުންކަމަށެވެ. މި މަސައްކަތް ފެށުމާއެކު 5 މަސް ދުވަހުގެ ތެރޭގައި ކޮލެޖުގެ މަސައްކަތް ނިންމާ ކިޔެވުން ފެށޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"އަޅުގަނޑު އުންމީދުކުރަނީ ސީއެޗްއެސްސީގެ އައު އިމާރާތް ކުރިއަށްއޮތް 4 ނުވަތަ 5 މަސް ދުވަހުގެ ތެރޭގައި މަރާމާތުގެ މަސައްކަތް ނިންމާ އެތަނަށް ވަދެވޭނެކަމަށް." ވަޒީރު ވިދާޅުވިއެވެ.

ކޮލެޖު ހިންގުމަށް ސީއެޗްއެސްސީގެ ކުރީ ޢިމާރާތަށް ގެންނަންޖެހޭ ބަދަލު ގެނައުމުގެ މަސައްކަތް ކުރަނީ ދިވެހި އަސްކަރިއްޔާގެ ސިވެކް ޓީމުންނެވެ.

މީގެ އިތުރުން ވަޒީރު ވަނީ ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުގެ މަސައްކަތްތަކާ ގުޅޭގޮތުންވެސް މަޢުލޫމާތުދެއްވާފައެވެ. އެގޮތުން ވަޒީރު ވިދާޅުވީ ދިރާސާކުރާ މަރުކަޒަށް ޖުމްލަ 60 ވިލަރެސްވެރިން ނަގާނެކަމަށާއި އެހެންނަމަވެސް މިއަދާ ހަމައަށް ނަގާފައިވަނީ 10 ވިލަރެސްވެރިން ކަމަށެވެ. އަދި ދިރާސާކުރުމުގެ ކުރިން އެމީހުން ކިޔަވަންޖެހޭ ކިޔެވުންތައް މިހާރު ފަށާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދިވެހި ޤައުމިއްޔަތު އަލުން އިޢާދަކުރުމުގެ މަޝްރޫޢުގެ ދަށުން ވަރަށް ގިނަ މަސައްކަތްތަކެއް ދިވެހިބަހާ ބެހޭ ވުޒާރާއިން އަންނަނީ ކުރައްވަމުންނެވެ. އެގޮތުން ކޮލެޖާއި ދިރާސާކުރާ މަރުކަޒެއް އުފެއްދެވުމުގެ އިތުރަށް ޤައުމީ ޗާޕުޚާނާ އަލުން އިޢާދަކުރެއްވުމާއި ދިވެހިބަހަށް ހޭލުންތެރިކުރުވުމުގެ ޕްރޮގުރާމްތައް ޤައުމީ ފެންވަރެއްގައި ފެށުމުގެ މަސައްކަތްވެސް އެ ވުޒާރާއިންދަނީ ކުރައްވަމުންނެވެ.