ޚަބަރު

އަލަށް ރެކްރޫޓްކުރި 200 މުދައްރިސުންނާއެކު ލުޔެއް ލިބޭނެ: ވަޒީރު


  • އަތޮޅުތަކަށް ފޮތްތައް ފޮނުވުމުގެ މަސައްކަތް ވަނީ ފަށާފައި

  • މުދައްރިސުން ހަމަޖެއްސުމުގެ މަސައްކަތް ދަނީ ކުރަމުން

  • މާލޭގެ ސްކޫލްތަކަށް ކުދިންނަށް ޖާގަ ދިނުމުގެ މަސައްކަތް ދަނީ ކުރަމުން

އަލަށް ރެކްރޫޓްކުރި 200 އެއްހާ މުދައްރިސުންނާއެކު މުދައްރިސުން ލިބުމުގައި ހުރި ދަތިކަމަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެކަމަށް ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ. ވަޒީރު މިފަދައިން ވިދާޅުވީ، ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައެވެ.

ކޮންމެ އަހަރެއްގެވެސް ދިރާސީ އައު އަހަރު ފެށޭއިރު އެންމެ ބޮޑަށް ފެންމަތިވާ މައްސަލަތަކަކީ ސްކޫލްތަކަށް މުދައްރިސުން ހަމަނުވުމާއި ޓެކްސްޓް ފޮތްތައް ހަމަނުވުމުގެ މައްސަލައެވެ. މިއަހަރުގެ ދިރަސީ އައު އަހަރުގެ ކިޔެވުން މިމަހުގެ 26 ވަނަ ދުވަހު ފެށޭއިރު ތަޢުލީމާ ބެހޭ ވުޒާރާއިން އަންނަނީ ކިޔެވުން ފެށުމުގެ ކުރިން ކުރަން ޖެހޭ މަސައްކަތްތައް ކުރަމުންނެވެ.

ދިރާސީ އަހަރަށް ވަމުންދާ ތައްޔާރީތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ، ދިރާސީ އަހަރު ފެށުމުގައި އެންމެ އިސްކަމެއް ދެނީ ވަޞީލަތްތައް ހަމަކޮށް މުދައްރިސުން ހަމަކުރުމަށްކަމަށެވެ. އެގޮތުން ދަރިވަރުންނަށް ބޭނުންވާ ފޮތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަކަމަށާއި، އަތޮޅުތަކުގެ ސްކޫލްތަކަށް ފޮތްތައް ފޮނުވުމުގެ މަސައްކަތްތައްވެސް ފަށާފައިވާކަމަށެވެ.

މީގެ އިތުރުން ވަޒީރު ވިދާޅުވީ، މުދައްރިސުން ހަމަކުރުމުގެ މަސައްކަތުގެ ދަށުން އަލަށް ރެކްރޫޓް ކުރި 200 އެއްހާ މުދައްރިސުންނާއެކު މުދައްރިސުން ލިބުމުގައި ހުރި ދަތިކަމަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެކަމަށެވެ.

މާލޭގެ ސްކޫތަކުގެ ކިޔެވުން ފެށުމަށް ވަމުންދާ ތައްޔާރީތަކާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ، މާލޭގެ ސްކޫލްތަކަށް ވަނުމަށް އެދި ވަރަށް ގިނަ އަދަދެއްގެ އެޕްލިކޭޝަން ލިބިފައިވާކަމަށެވެ. އަދި މިހާރު ލިބިފައިވާ އެޕްލިކޭޝަންތައް ބަލައި ޖާގަ ދިނުމުގެ މަސައްކަތްތައް ކުރައްވަމުން ގެންދަވާކަން ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، އެ މަސައްކަތްތައް ނިމުމުން މާލޭގައި ކިޔަވާ ދަރިވަރުންނަށް ފޮތްތައް ބެހުމުގެ މަސައްކަތާއި މުދައްރިސުން ހަމަޖެއްސުމުގެ މަސައްކަތް ކުރައްވާނެކަމަށެވެ.

"މާލެ ސަރަޙައްދުގައި ސްކޫލްތަކަށް ކުދިން ވެއްދުމުގެ މަސައްކަތްތައް ކުރަމުން މިގެންދަނީ. ވަރަށް ގިނަ އަދަދެއްގެ ދަރިވަރުން އަތޮޅުތަކުން މާލެއަށް ބަދަލުވާން އެދިފައިވޭ. މާލޭގެ އެއް ސްކޫލުން އަނެއް ސްކޫލްއަށް ކުދިން ވެއްދުމަށް އެދިފައިވާކަމަށް. އަދި ރާއްޖެއިން ބޭރުގައި ދިރިއުޅުމަށް ފަހު އަންނަ ދަރިވަރުންވެސް ސްކޫލްއަށް ވެއްދުމަށް އެދިފައިވޭ." ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވިއެވެ.

އެހެން ސްކޫލްތަކާ ޚިލާފަށް ޢަރަބިއްޔާ ސްކޫލްގެ ދަރިވަރުންނަކީ ޢަރަބި މީޑިއަމްއަށް ކިޔަވާ ދަރިވަރުންނަށް ވުމުން އެ ދަރިވަރުންނަށްވެސް މުދައްރިސުން ހަމަޖައްސަން ޖެހެއެވެ.

ވަޒީރު ވިދާޅުވީ، އެހެން އަހަރުތަކާ ޚިލާފަށް މިއަހަރުގެ ކިޔެވުން ފެށެންވާއިރަށް ޢަރަބިއްޔާ ސްކޫލްގެ މުދައްރިސުންވެސް ހަމަވާނެކަމަށެވެ. އަދި ޢަރަބިއްޔާ ސްކޫލްގައި ކިޔަވައިދޭ މުދައްރިސުންގެ ކޮންޓްރެކްޓް އޮކްޓޫބަރު މަހުގެ ނިޔަލަށް މިޞްރުން އިތުރުކޮށްދީފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.