ޚަބަރު

އައިވީއެފްއާއި އައިޔޫއައިގެ ޚިދުމަތާއެކު ހުޅުމާލޭގައި ހޮސްޕިޓަލެއް އަޅަނީ


  • ހޮސްޕިޓަލު އަޅަނީ އަންހެނުންނާއި ކުޑަކުދިންނަށް ޚާއްސަކޮށްގެން

  • މިހާރު ކުރަމުންދަނީ ހޮސްޕިޓަލު ޑިޒައިން ކުރުމުގެ މަސައްކަތް

  • މި 5 އަހަރު ނިމުމުގެ ކުރިން ހޮސްޕިޓަލުން ޚިދުމަތްދޭން ފަށާނެ

އައިވީއެފްއާއި އައިޔޫއައިގެ ޚިދުމަތް ދެވޭ ފެންވަރަށް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހޮސްޕިޓަލެއް އެޅުމަށް ޓަކައި، ހޮސްޕިޓަލު ޑިޒައިންކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށް ޞިއްޙީ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ޞިއްޙީ ވުޒާރާއިން ވިދާޅުވީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލަކީ އަންހެނުންނާއި ކުޑަކުދިންގެ ބަލިތަކަށް ފަރުވާ ދިނުމަށް ޚާއްސަކޮށްގެން ތަރައްޤީކުރާ ތަނެއް ކަމަށެވެ. އަދި މި މިހާރު ކުރަމުންދަނީ މި ހޮސްޕިޓަލު ޑިޒައިން ކުރުމުގެ މަސައްކަތް ކަމަށާއި، ޑިޒައިންކޮށް ނިމުމުން ހޮސްޕިޓަލް ތަރައްޤީކުރާނެ ކޮންޓްރެކްޓަރަކު ހޯދުމަށް ހޯދުމަށް ބިޑަށް ހުޅުވާލާނެކަމަށް ޞިއްޙީ ވުޒާރާއިން ވިދާޅުވެއެވެ.

ޞިއްޙީ ވުޒާރާއިން ވިދާޅުވީ މި ހޮސްޕިޓަލް އަޅަނީ ވީހާވެސް ރައްޔިތުންނަށް ފަސޭހައިން ގާތުން ޚިދުމަތް ދެވޭނެ ގޮތަކަށް، އެންމެފަހުގެ ޒަމާނީ ވަޞީލަތްތަކާއެކު ކަމަށެވެ.

ހޮސްޕިޓަލުން ދެވޭނެ ޚާއްސަ ޚިދުމަތްތައް:

• މާބަނޑު މީހުންނަށް ދެވޭ އެކި ޚިދުމަތްތައް
• ފެމިލީ ޕްލޭނިންގ ސަރވިސް
• ދުވަސްނުފުރާ ވިހާ ކުދިންނަށް ދެވޭ ފަރުވާ
• ކުޑަކުދިންގެ ޚާއްސަ ބަލިތަކަށްދެވޭ ފަރުވާ
• އުރަމަތީގެ ކެންސަރަށް ސްކްރީންކުރުން
• ރަޙިމުގެ ދޮރުގެ ކެންސަރަށް ސްކްރީންކުރުން
• އައިޔޫއައީއާއި އައިވީއެފްގެ ޚިދުމަތް

ޞިއްޙީ ވުޒާރާއިން ވިދާޅުވާ ގޮތުގައި މި ހޮސްޕިޓަލުގެ މަސައްކަތް ނިންމާ މި 5 އަހަރު ނިމުމުގެ ކުރިން ޚިދުމަތް ދެވެން ފެށޭނެއެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މިވަގުތު ހުންނަނީ ހުޅުމާލޭ ހޮސްޕިޓަލުގެ ދަށުން ހިންގާ ކްލިނިކެކެވެ. މި ހޮސްޕިޓަލް ވާނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރާ ފުރަތަމަ ހޮސްޕިޓަލަށެވެ.