ޚަބަރު

އީސީގެ މެންބަރުންނަށް އިނާޔަތްތަކާއެކު ރިޓަޔަރ ކުރެވޭ ގަވާއިދު އުވާލާއިފި


  • ގަވާއިދު އުވާލީ މާލީ ވުޒާރާއިން އެންގެވުމުން

  • މި ގަވާއިދު އުވާލާފައިވަނީ މިއަދުން ފެށިގެން

އިލެކްޝަންސް ކޮމިޝަނުގައި ވަޒީފާ އަދާކުރުމަށްފަހު، އެ ކޮމިޝަންގެ މެންބަރުންގެގޮތުގައި އައްޔަނުކުރާ ފަރާތްތަކަށް އިނާޔާތްތައް ލިބޭ ގޮތަށް ރިޓަޔަރ ކުރެވޭ ގަވާއިދު އުވާލައިފިއެވެ.

މިއީ މިއަހަރުގެ ފެބްރުއަރީ މަހު އަމަލު ކުރަން ފެށި ގަވާއިދެކެވެ. މި ގަވާއިދު އުވާލާފައިވަނީ މިއަދުން ފެށިގެންނެވެ.

ފެބްރުއަރީ މަހު އިލެކްޝަންސް ކޮމިޝަނުން ގެޒެޓުކޮށް އަމަލުކުރަން ފެށި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގައި އެ ކޮމިޝަނުގައި ވަޒީފާ އަދާކޮށްފައިވާ ނުވަތަ އަދާކުރަމުންދާ މުވައްޒަފުންގެ ތެރެއިން މެންބަރަކުކަމަށް އައްޔަންކުރާ ފަރާތްތައް ރިޓަޔަރ ކުރުމުން ވަޒީފާގައި ދެމި ހުރި މުއްދަތުން ފެށިގެން މެންބަރުކަމުގެ މުއްދަތު ގުނައިގެން އިނާޔަތްތައް ލިބޭނެއެވެ. އެގޮތުން މި އިނާޔަތް ލިބޭނީ ދައުރު ހަމަވާއިރު 10 އަހަރު ދުވަސް ކޮމިޝަނަށް ޚިދުމަތް ކޮށްފައިވާ މެންބަރުންނަށެވެ.

އިލެކްޝަންސްގެ އެ ގަވާއިދުގައި ބުނެފައިވާ ގޮތުގައި ޝަރުތު ހަމަވާ މެންބަރުން ހިމެނޭހެން ރިޓަޔަރ ކުރާ ކޮންމެ މުވައްޒަފަކަށް އެ މުވައްޒަފުގެ ރޭންކާއި ޚިދުމަތް ކުރި އަދަދު ގުނަކުރުމަށްފަހު ޖެހޭ އަދަދު އެއް ފަހަރާ ގަނޑުކޮށް ލިބޭނެއެވެ. 15 އަހަރަށްވުރެ ދިގު މުއްތަކަށް ޚިދުމަތް ކޮށްފައިވާނަމަ ގަނޑުކޮށް ފައިސާދޭއިރު ބަލާނީ 15 އަހަރުގެ ޚިދުމަތަށެވެ.

މީގެ އިތުރުން މުޅި އުމުރަށް ދޭ އިނާޔަތެއްގެ ގޮތުގައި ކޮންމެ މަހަކު އެ މުވައްޒަފަކު ހުރި ރޭންކަށް ކަނޑައަޅާފައިވާ މުސާރައިގެ 75 އިންސައްތަ އިނާޔަތުގެ ގޮތުގައި ލިބޭ ގޮތަށް ވެސް ގަވާއިދުގައި ހިމެނިއެވެ. އަދި 30 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކޮށްފައިވާނަމަ އެއިރަކު ލިބޭ މުސާރަ އިނާޔަތުގެ ގޮތުގައި ކޮންމެ މަހަކު ލިބޭނެއެވެ.

މި ގަވާއިދު އުވާލާފައިވަނީ މާލީ ވުޒާރާއިން އެންގެވުމުން ކަމަށް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދެއްވައެވެ. އެ ކޮމިޝަންގެ މެންބަރު ހަސަން ޒަކަރިއްޔާ، ޕީއެސްއެމް ނިއުސްއަށް ވިދާޅުވީ، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންގެ މުސާރައާއި އިނާޔަތްތައް ކަނޑައަޅަނީ މަޖިލީހުން ކަމަށްވާތީ ގަވާއިދަށް އެފަދަ ބަދަލު ނުގެނެވޭނެ ކަމަށް މާލީ ވުޒާރާއިން އަންގަވާފައިވާ ކަމަށެވެ.