ކުޅިވަރު

އޭޝިއަން ކެރަމް ޗެމްޕިއަންޝިޕް: ސިންގަލްސް އިވެންޓުގެ ކުއާޓާއާ ހިސާބުން ރާއްޖޭގެ ކުޅުންތެރިންނަށް މުބާރާތް ނިމިއްޖެ


މާލޭގައި މިހާރު ކުރިއަށްދާ އޭޝިއަން ކެރަމް ޗެމްޕިއަންޝިޕުގެ ސިންގަލްސް އިވެންޓުގައި ކުއާޓާ ފައިނަލާ ހިސާބުން ރާއްޖޭގެ ކުޅުންތެރިންނަށް މުބާރާތް ނިމިއްޖެއެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ހޯލުގައި ކުރިއަށްދާ މި ފަހަރުގެ މުބާރާތުގައި އިއްޔެ ކުރިއަށްދިޔަ ސިންގަލްސް އިވެންޓްގެ ކުއާޓާގެ މެޗު ރާއްޖޭގެ އިސްމާޢީލް އަޒްމީނަށް ނާކާމިޔާބުވީ އިންޑިއާގެ ކޭ ސްރިނިވާސް އަތުން ސީދާ ދެ ގޭމުން ބަލިވުމުންނެވެ. އިންޑިއާގެ އެންމެ ފަހުގެ ގައުމީ ޗެމްޕިއަން، ސްރިނިވާސް މި މެޗުގެ ސެޓުތައް ގެންދިޔައީ 25-13 އަދި 25-9 އިންނެވެ.

މުބާރާތުގެ އަންހެން ސިންގަލްސް އިވެންޓުގެ ކުއާޓާގައި ރާއްޖޭގެ އައިމިނަތު ވިދާދު ވަނީ އިންޑިއާގެ ކޭ ނާގަޖޯތީ އަތުން 2-1 ގެ ނަތީޖާއަކުން ބަލިވެފައެވެ. މި މެޗުގެ ފުރަތަމަ ސެޓު 24-25 އިން ވިދާދު ގެންގޮސްފައިވަނިކޮށް، ނާގަޖޯތީ ވަނީ ދެން ޖެހިގެން އައި ދެ ސެޓު 25-4 އަދި 25-11 އިން ކާމިޔާބުކޮށްފައެވެ.

ސިންގަލްސް އިވެންޓުގައި ރާއްޖެއިން ދެން ވާދަކުރި ކުޅުންތެރިންގެ ނަތީޖާއަށް ބަލާއިރު، ފާތިމަތު ރަޔާނާ ވަނީ ޕްރީ ކުއާޓާގައި ސްރީ ލަންކާގެ ރޮޝީތާ ޖޯސެފް އަތުން ސީދާ ދެ ގޭމުން ބަލިވެފައެވެ. މި މެޗުގެ ސެޓުތައް ރޮޝީތާ ގެންދިޔައީ 19-15 އަދި 22-12 އިންނެވެ. ޕްރީ ކުއާޓާގައި ދެން ވާދަކުރި ރާއްޖޭގެ އައިޝަތު ނަހުފާ ވަނީ ސްރީ ލަންކާގެ ތަރޫޝީ ހިމަހަންސިކާ އަތުން 1-2 ގެ ނަތީޖާއަކުން ބަލިވެފައެވެ. މި މެޗުގެ ފުރަތަމަ ސެޓު 25-21 އިން ނަހުފާ ގެންގޮސްފައިވަނިކޮށް، ތަރޫޝީ ވަނީ ދެން ޖެހިގެން އައި ދެ ސެޓު 23-8 އަދި 25-9 އިން ކާމިޔާބުކޮށްފައެވެ.

ފިރިހެނުންގެ ސިންގަލްސް އިވެންޓުގެ ޕްރީ ކުއާޓާގައި ދެން ވާދަކުރީ ރާއްޖޭގެ އާދަމް އަދީލް އާއި އިބްރާހީމް ހުޖާން އަލީއެވެ. މި ދެ ކުޅުންތެރިންނަށްވެސް މުބާރާތުން ވަކިވާން ޖެހުނީ ލަންކާގެ ވަރުގަދަ ދެ ކުޅުންތެރިން އަތުން ބަލިވުމުންނެވެ. އެގޮތުން އަނަސް އަޙްމަދު އަތުން އަދީލް ބަލިވީ 20-25 އަދި 5-25 އިންނެވެ. އަދި ލަންކާގެ އެއްވަނަ ކުޅުންތެރިޔާ، ޝަހީދު ހިލްމީ އަތުން ހުޖާން ބަލިވީ 25-1 އަދި 25-13 އިންނެވެ. މީގެ އިތުރުން ފިރިހެނުންގެ ސިންގަލްސް އިވެންޓުގައި ރާއްޖޭގެ ހަސަން ނާޒިމަށް ނާކާމިޔާބުވީ ވަރުގަދަ ގްރޫޕެއްގައި ހިމެނި، އެ ގްރޫޕުގެ ތިންވަނަ ލިބުމުންނެވެ.

މި ފަހަރުގެ މުބާރާތުގެ އަންހެން އަދި ފިރިހެން ސިންގަލްސް އިވެންޓުގައި އިއްޔެ ކުޅުނު މެޗުތަކަށްފަހު ސެމީ ފައިނަލަށް ދަތުރުކުރީ އިންޑިއާގެ ކުޅުންތެރިންނެވެ. މި މުބާރާތުގައި މިއަދު ކުޅުމަށް ހަމަޖެހިފައިވަނީ ސެމީ ފައިނަލާއި، ފައިނަލްގެ އިތުރުން ރޭންކިން މެޗުތަކެވެ. އަދި މުބާރާތް ނިންމުމުގެ ރަސްމިއްޔާތު އޮތީ މިރޭ އޮންނާނެއެވެ.

10 އަހަރުގެ މެދުކެނޑުމަކަށްފަހު އޭޝިއަން ކެރަމް ޗެމްޕިއަންޝިޕް ބާއްވާއިރު، މި ފަހަރުގެ މުބާރާތުގައި ރާއްޖެ ހިމެނޭ ގޮތަށް އޭޝިއާ ބައްރުގެ ހަތް ގައުމަކުން 100 އެއްހާ ކުޅުންތެރިން ވާދަކުރެއެވެ. މި މުބާރާތުގައި ވާދަކުރަނީ އިންޑިއާ، ސްރީ ލަންކާ، ބަންގްލަދޭޝް، ރާއްޖެ އާއި ސިންގަޕޫރުގެ އިތުރުން މެލޭޝިއާ އަދި ދެކުނު ކޮރެއާއެވެ. މީގެއިތުރުން މި މުބާރާތުގައި ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ ހަތަރު ކުޅުންތެރިއެއް ފެނިގެންދެއެވެ.