ތަފާތު ހަރަކާތްތަކަކާއެކު ވިލާ ކޮލެޖުގައި ޗައިނީޒް ލެންގުއޭޖް ޑޭ ފާހަގަކޮށްފިއެވެ.
މި ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފްލާގައި މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ އަދި ދިވެހީ ބަހާއި ސަގާފަތާއި ތަރިކައިގެ ވަޒީރު، އާދަމް ނަސީރު އަދި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގ ލީ ޒިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި ހަފްލާގައި ވާހަކަދައްކަމުން މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވީ، ބަހެެއް ދަސްކުރިނަމަވެސް އެބައެއްގެ މާދަރީބަހަށް އިސްކަން ދޭންޖެހޭކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ އިސްވާން ޖެހޭނީވެސް އަމިއްލަ މާދަރީބަސްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ ޤައުމުތައް ގުޅިގެން ގޮސްފައިވާ ޒަމާނެއްގައި ބަސްތައް ރަނގަޅަށް ދެނެގަތުމަކީ ކުރުން މުހިންމު ކަމެއްކަމަށެވެ. އަދި އެކަމަށްޓަކައި ދަރިވަރުންނަށް ބޭނުންވާ ވަސީލަތްތައް ފަހިކޮށްދިނުމަކީ ކުރުން މުހިންމުކަމެއްކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ ތަފާތު ބަސްތައް ދަސްކުރުމަށް ވިލާ ކޮލެޖްގެ ދަރިވަރުން އިސްނެގި އިސްނެގުމުމުން އެނގެނީ އެކުދިންގެ ކާމިޔާބީއަށްޓަކައި ދުނިޔޭގެ ފެންވަރުގެ ތައުލީމަށް އެކުދިން ބޭނުންވެފައިވާ މިންވަރުކަމަށެވެ.
މި ހަފްލާގައި ވާހަކަދައްކަމުން ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގ ލީ ޒިން ވިދާޅުވީ، ފަހަކަށް އައިސް ރާއްޖޭގެ ގިނަ ދިވެހިން ޗައިނާގެ ބަސް ދަސްކުރުމުގެ ޝައުގުވެރިކަން ހުންނަކަމަށެވެ. އަދި މި ބަސް ދަސްކުރުމުގެ މަސައްކަތްވެސް ދިވެހިން ކުރަމުންދާކަމަށް ސަފީރު ފާހަގަކުރެއްވިއެވެ.
ވަންގ ލީ ޒިން ވިދާޅުވީ ޗައިނާ ބަސް ދަސްކުރުމުގެ ސަބަބުން އެ ޤައުމުގެ ސަގާފަތް ދަސްވެ ދެ ޤައުމުގެ ދެމުގެ ގުޅުންވެސް އިތުރަށް ހަރުދަނާކުރެވިގެންދާނެކަމަށެވެ. އަދި މިއީ ދިވެހިންނަށް ޗައިނާއަށް ދަތުރުކޮށް އުޅުމުގައިވެސް ފަސޭހަތަކެއް ލިބިގެން ދާނެކަމެއްކަމަށްވެސް ސަފީރު ވިދާޅުވިއެވެ.
ޗައިނީޒް ލެންގުއޭޖް ޑޭ ފާހަގަކުރުމަށް ބޭއްވި މި ހަފްލާގައި ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލް އަދި އިސްކަންދަރު ސްކޫލްގެ ދަރިވަރުން ވަނީ ޗައިނާގެ ސަޤާފީ ހުށަހެޅުންތައް ހުށަހަޅާފައެވެ. އަދި ކެލިގްރަފީ ހުށަހެޅުމެއްގެ އިތުރުން ވިލާ ކޮލެޖުގައި ޤާއިމްކޮށްފައިވާ ޗައިނީޒް ލެންގޫއޭޖް ލާނިންގ ސެންޓަރ ގެ ލާނިން އައުޓްކަމްސް އަދި އެގްޒިބިޝަނެއްގެ ސިފައިގައި ބައެއް ސަޤާފީ ތަކެތި ދައްކާލުންވެސް ކުރިއަށް ގެންގޮސްފައިވެއެވެ.
ވިލާ ކޮލެޖުގައި ޤާއިމްކޮށްފައިވާ ޗައިނީޒް ލެންގޫއޭޖް ލާނިންގ ސެންޓަރ އިން ޗައިނީޒް ބަހުގެ އިތުރުން އެޤައުމުގެ ތާރީޚާއި ސަޤާފަތާއި އާދަކަދަތައް އުނގަންނައިދެއެވެ.