ޚަބަރު

"މިމަހު ކަރަންޓް ބިލުތައް ބޮޑުވީކީ ރާއްޖޭގައި އެކަންޏެއް ނޫން"


  • ކަރަންޓް ބިލު ބޮޑުވުމަކީ ރާއްޖޭގައި އެކަނި ދިމާވާކަމެއްނޫންކަން ފާހަގަކުރެއްވި

  • ސްޓެލްކޯއިން އެކަނިވެސް ބިލްތަކުން 20 މިލިއަން ރުފިޔާގެ ޑިސްކައުންޓް ދީފައިވޭ

ކަރަންޓު ބިލު ބޮޑުވަނީ ހަމައެކަނި ރާއްޖޭގައި ނޫންކަމަށާއި، މިފަހުން ބިލުތައް ބޮޑުވަނީ ދުނިޔޭގެ ހޫނުމިން މައްޗަށް ދިއުމުގެ ސަބަބުން، ބޭނުންކުރާ ކަރަންޓު އިތުރުވެގެންކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

ރަމަޟާންމަހުގެ ކަރަންޓު ބިލު ކެޕް ކުރުމަށް ސަރުކާރުން ނިންމަވާ، ރަމަޟާންމަހުގެ ބިލުތަކަށް ޑިސްކައުންޓް ދެއްވާފައި ވީނަމަވެސް އޭޕްރީލް މަހުގެ ކަރަންޓު ބިލުތައް ބޮޑުކަމުގެ ޝަކުވާ ބައެއް އާންމުން ދަނީ ކުރަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފެނަކަ އަދި ސްޓެލްކޯގެ އިސްވެރިން ވަނީ މިކަމާގުޅޭގޮތުން މަޢުލޫމާތުދެއްވާފައެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވީ، މިމަހު ކަރަންޓު ބިލުތައް ބޮޑުވީ ހޫނު ގަދަވުމުގެ ސަބަބުން ކަރަންޓު ބޭނުންކުރި މިންވަރު އިތުރުވެފައިވާތީ ކަމަށެވެ. އަދި މިއީ ރާއްޖޭގައި އެކަނިވާ ކަމެއްނޫންކަން އޭނާ ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުމާ އެއްގޮތަށް ރަމަޟާންމަހު ފެނާއި ކަރަންޓުގެ ޑިސްކައުންޓުގެ ގޮތުގައި އެކުންފުނިން އެކަނިވެސް 20 މިލިއަން ރުފިޔާގެ ޑިސްކައުންޓް ދީފައިވާކަން ފަހުމީ ފާހަގަކުރެއްވިއެވެ.

"ހަމައެކަނި ރާއްޖޭގައި ކަރަންޓު ބިލު ބޮޑީކީ ނޫން. ހޫނުގަދަވުމުގެ ސަބަބުން ދުނިޔޭގެ އެހެން ޤައުމުތަކަށްވެސް މި މަހުގެ ކަރަންޓު، ގޭސް ބިލު ބޮޑު." ފަހުމީ ވިދާޅުވިއެވެ.

ފަހުމީ ވިދާޅުވި ގޮތުގައި މޫސުމަށް އަންނަ ބަދަލާ ގުޅިގެން ކަރަންޓު ބިލު ބޮޑުވުން ހުއްޓުވުމަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ ކަރަންޓު އިޤްތިޞާދު ކުރުމަށް އާންމުން މިހާރަށްވުރެއްވެސް އަހުލުވެރިކޮށް ކެމްޕެއިންތައް ހިންގުމާއި، އިމާރާތްކުރާއިރު އެކަންކަމަށް ވިސްނުމެވެ. އަދި އެފަދަ ކަންކަމަށް އާންމުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް ވަރަށް އަވަހަށް ސްޓެލްކޯއިން ކުރިއަށްގެންދާނެކަމަށް ފަހުމީ ވިދާޅުވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފެނަކަ ކޯރޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު މުއާޒް މުޙައްމަދު ރަޝީދު ވިދާޅުވީ ބިލު ބޮޑުވުމުގެ ޝަކުވާ ލިބޭތީ، އެކަމުގައި އެއްވެސް މައްސަލައެއް އުޅޭތޯ އެ ކޯޕަރޭޝަނުން ބެލިކަމަށެވެ. މުއާޒް ވިދާޅުވީ ރޯދަމަހަށްފަހު ބެލި ބެލުމުގައި ރީޑިން ނެގުމުގައި މައްސަލަ އެއް ފާހަގަކުރެވިފައި ނުވާކަމަށެވެ.

"ޖުމްލަކޮށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ހަމަ ކޮންޒިއުމް ކުރާ އަދަދު ބޮޑުވެގެންގޮސް ބިލުތައް ބޮޑުވެގެން ގޮސްފަ މިހުރީ" މުއާޒް ވިދާޅުވިއެވެ.

މުއާޒް ވިދާޅުވީ، ގޭބީސީތަކުގެ ކަރަންޓް ބިލް ކުޑަކުރުމަށް އެހީތެރިވުމުގެ ގޮތުން އެ ކުންފުނިން މިހާރު ސްމާރޓް މީޓަރ ތައާރަފްކުރުމުގެ ޕްރޮޖެކްޓެއް ފަށައިގެން ކުރިއަށްދާކަމަށެވެ. އަދި ސްމާޓް މީޓަރާއެކު ކޮންމެ ދުވަހަކުވެސް ކަރަންޓް ހޭދަކުރެވޭ މިންވަރު އެނގި، ބިލް ކުޑަކުރުމަށް އެހީވެދޭނެކަމަށް މުއާޒު ވިދާޅުވިއެވެ.