ޓުއަރިޒަމް

އެމްޓީޑީސީއަށް މިދިޔަ އަހަރު 93.7 މިލިއަން ރުފިޔާގެ ފައިދާވެއްޖެ


މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެމްޓީޑީސީއަށް މިދިޔަ އަހަރު 93.7 މިލިއަން ރުފިޔާގެ ފައިދާ ވެފައިވާ ކަމަށް އެމްޓީޑީސީން ހާމަކޮށްފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު އާންމު ކުރި އެމްޓީޑީސީގެ 2015 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައި ބުނެފައިވަނީ މިދިޔަ އަހަރު އެ ކުންފުންޏަށް ލިބުނު ފައިދާ 6 ގުނަ އިތުރުވެފައިވާއިރު، 2014 ވަނަ އަހަރު ފައިދާގެ ގޮތުގައި ކުންފުންޏަށް ލިބިފައި ވަނީ 13.6 މިލިއަން ރުފިޔާ ކަމަށެވެ. އަދި މިދިޔަ އަހަރު އެ ކުންފުންނީގެ ފައިދާ 93.7 އިތުރުވެގެން ދިއުމަކީ އެމްޓީޑީސީގެ ކުރިމަގު އުޖާލާވަމުންދާ ކަމުގެ އަލިގަދަ ހެއްކެއް ކަމަށް ރިޕޯޓްގައި ހާމަކޮށްފައިވެއެވެ.

img:http://s3.psmnews.mv/images/660x400/14621034732062.jpg|އެމްޓީޑީސީގެ ރިސޯޓެއް / ފޮޓޯ: އެމްޓީޑީސީ

އެމްޓީޑީސީއަށް ބޮޑެތި ގެއްލުންތަކެއް ވަމުންދިޔަ ހެރެތެެރަ އައިލެންޑް ރިސޯޓާއި އުލިގަމު ސިޓީ ހޮޓާ މަޝްރޫއަށް ކުރަމުންދިޔަ ހޭދަ 2014ގައި ހުއްޓާލުމުން އޭގެ ފޮނި ނަތީޖާ ފެންނަން ފަށާފައިވާ ކަމަށްވެސް މި ރިޕޯޓްގައި ބަޔާންކޮށްފައިވެއެވެ. ހަމަ އެހެންމެ 2015 ވަނަ އަހަރު އާމްދަނީ ނުލިބޭ ބައެއް ރަށްތައް ދޫކޮށް، ހަރަދުތައް ހިސާބުން އުނިކުރެވި، ދަރަނި ވަނީ ހަލާސްކުރެވިފައެވެ.

އެހެންކަމުން ކުންފުނީގެ ސާފު ފައިދާއަށް 2014 ވަނަ އަހަރާއި އަޅާބަލާއިރު 6 ގުނައިގެ ކުރިއެރުމެއް އައިސް 13.6 މިލިއަން ރުފިޔާއިން 93.7 މިލިއަން ރުފިޔާއަށް ވަނީ އިތުރުވެފައެވެ. އެގޮތުން ހިއްސާއަކަށް ޖެހޭ ފައިދާ 0.46 ރުފިޔާއިން 2.78 ރުފިޔާއަށް ވަނީ އިތުރުވެފައެވެ.