ކުޅިވަރު

އޭދަފުށި ފުޓްސަލް ޗެލެންޖުގެ ތަށި މި ފަހަރުވެސް އެފްރޯއަށް


ބ. އޭދަފުށީ ކައުންސިލުން އިންތިޒާމުކޮށްގެން އެ ރަށުގައި ބާއްވާ "އުރީދޫ އޭދަފުށި ފުޓްސަލް ކަޕް 2024" ގެ ތަށި އެފްރޯ ސްޕޯޓްސް ކުލަބުން ދިފާއުކޮށްފިއެވެ.

އޭދަފުށީ ފުޓްސަލް ދަނޑުގައި ކުރިއަށްދިޔަބ މި މުބާރާތުގެ ޗެމްޕިއަންކަން އެފްރޯއިން ހޯދާފައިވަނީ ފައިނަލުގައި ކުލަބު ކޮމްބިނޭޝަން ސްޕޯޓްސް ކުލަބު (ސީސީ) 4-3 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ.

މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމަކީވެސް އެފްރޯއެވެ. އެ ފަހަރު އެފްރޯއިން ޗެމްޕިއަންކަން ހޯދީ ފައިނަލުގައި އޯލް ވުލްވްސްގެ މައްޗަށް ކުރިހޯދައިގެންނެވެ. މި ފަހަރުގެ މުބާރާތުގެ ކުއާޓާ ފައިނަލުގައި އެފްރޯއިން ވަނީ އޯލް ވުލްވްސް ބަލިކޮށްފައެެވެ.

ރޭ ކުޅުނު ފައިނަލް މެޗު ފަށައިގެން ހަތްވަނަ މިނެޓުގައި އެފްރޯއިން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ މުޙައްމަދު ފާސިރު (ފާއްޓެ) އެވެ. އެކަމަކު އޭގެ ތިން މިނެޓު ފަހުން ސީސީގެ އަލީ ފާސިރު (ސެންޓޭ) ވަނީ ލަނޑެއް ޖަހައި އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން އެފްރޯގެ އިޝާން އިބްރާހީމް (ސައްޓު) ވަނީ ދެ ލަނޑު ޖަހައި، އެ ޓީމަށް އަލުން ލީޑު ނަގައިދީފައެވެ. ނަމަވެސް ފުރަތަމަ ހާފު ނިމެން މިނެޓަކަށްވެފައި ވަނިކޮށް ސީސީގެ އުނައިސް ޒުބައިރު ވަނީ ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްފައެވެ.

މި މެޗުގެ ދެވަނަ ހާފު ފަށައިގެން ސީސީން ކުރިއަށް ޖެހި އެފްރޯގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލިއިރު, މި ހާފުގެ ތިންވަނަ މިނެޓުގައި ސީސީގެ އުނައިސް ވަނީ އިތުރު ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ.

އެކަމަކު ދެވަނަ ހާފުގެ 11 ވަނަ މިނެޓުގައި ހުސެއިން ޝަރީފް ވަނީ އަލުން އެފްރޯއަށް ލީޑު ނަގައިދީފައެވެ. އަދި އޭގެ ތިން މިނެޓު ފަހުން ސައްޓު ވަނީ އިތުރު ލަނޑެއް ޖަހައި އެފްރޯގެ ލީޑު ފުޅާކޮށްދީފައެވެ. ނަމަވެސް އޭގެ ދެ މިނެޓު ފަހުން ސީސީގެ ކެޕްޓަން އަޙްމަދު އައިހަމް (އައިހޫ) ވަނީ ލަނޑެއް ޖަހައި އަނެއްކާވެސް ފަރަގު ކުޑަކޮށްދީފައެވެ.

މި މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ ސީސީގެ އައިހޫ, ސެންޓޭ، އެފްރޯގެ ސައްޓު, ހައިޝަމް ހަސަން އަދި ގޯލްކީޕަރު މުޙައްމަދު ޝާންއެވެ. މި މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް އެފްރޯގެ އައްޒާމް އަލިފުޅު ހޮވުނުއިރު, ކިންގް އޮފް ދަ ޓޯނަމެންޓަކީ އެފްރޯގެ ހައިޝަމެވެ.