ޚަބަރު

މަޖިލިސް އިންތިޚާބަށް ޗާޕުކުރީ 287،462 ވޯޓު ކަރުދާސް


  • މިއިންތިޚާބުގައި 284،663 މީހަކަށް ވޯޓުލުމުގެ ޙައްގު ލިބޭ

  • ވޯޓު ކަރުދާސް ޗާޕު ކުރީ ނޮވެލްޓީ ޕްރިންޓަރސް އެންޑް ޕަބްލިޝަރސް ޕްރައިވެޓ ލިމިޓެޑުން

އަންނަ އާދީއްތަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން 287،462 ވޯޓު ކަރުދާސް ޗާޕުކޮށްފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އެކޮމިޝަނުން ވަނީ ވޯޓު ކަރުދާސް ޗާޕުކުރި ގޮތުގެ މައުލޫމާތު ގެޒެޓްކޮށްފައެވެ. އެގޮތުން މިހާރު ހުރިހާ ކަރުދާހެއް ޗާޕުކޮށް ނިމިފައިވާ ކަމަށް އެ ކޮމިޝަނުން ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ ވަކި ދާއިރާތަކަށް ވޯޓު ކަރުދާސް ޗާޕު ކުރި އަދަދުގެ މައުލޫމާތު ވެސް ހިއްސާކުރައްވާފައެވެ. ޤާނޫނުގައިވާ ގޮތުން ކޮންމެ ފޮށްޓަކަށް ފޮނުވާނީ، އެފޮށްޓަކަށް ވޯޓުލާ މީހުންގެ އަދަދަށްވުރެ 1 އިންސައްތަ ކަރުދާސް އިތުރުކޮށެވެ.

މަޖިލިސް އިންތިޚާބުގައި 93 ދާއިރާއަކަށް ޖުމްލަ 284،663 މީހަކަށް ވޯޓުލުމުގެ ޙައްގު ލިބެއެވެ. މީގެ ތެރޭގައި ހިމެނެނީ 145،302 ފިރިހެނުންނާއި 139،361 އަންހެނުންނެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ މަޖިލިސް އިންތިޚާބަށް ވޯޓު ކަރުދާސް ޗާޕުކޮށްފައިވަނީ ރާއްޖޭގެ ޗާޕުޚާނާއެއް ކަމަށްވާ ނޮވެލްޓީ ޕްރިންޓަރސް އެންޑް ޕަބްލިޝަރސް ޕްރައިވެޓް ލިމިޓެޑުން ކަމަށެވެ. މިއީ މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގެ ދެބުރުގައިވެސް ވޯޓު ކަރުދާސް ޗާޕު ކުރި ޗާޕުޚާނާއެވެ.