ޚަބަރު

މަޖިލިސް އިންތިޚާބުގައި ވޯޓުލާ ވަގުތު އިތުރުކޮށްފި


  • ވޯޓުލުން ކުރިއަށްދާނީ ހެނދުނު 8:00 އިން ހަވީރު 5:30 އަށް

  • ވޯޓު ގުނަން ފަށާނީ ވޯޓު ފޮށިތައް ބަންދުކުރާތާ 30 މިނެޓް ފަހުން

އާދީއްތަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވޯޓުލާ ވަގުތު އިތުރު ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވައިފިއެވެ.

އެކޮމިޝަނުން މިގޮތަށް ނިންމެވީ މިއަދު ބޭއްވި ކޮމިޝަންގެ ބައްދަލުވުމެއްގައެވެ.

އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ވޯޓުލާ ވަގުތުގެ ގޮތުގައި ކަނޑައަޅާފައިވަނީ ހެނދުނު 8:00 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށެވެ. 4 ޖަހާއިރު ކިޔޫތައް ބަންދުކުރާނެ ކަމަށް އޭރު އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.

ނަމަވެސް އަންގާރަ ދުވަހު ބޭއްވި މަޖިލިސް އިންތިޚާބުގެ ޤައުމީ ލަފާ ދޭ ކޮމިޓީގެ ބައްދަލުވުމުގައި ވަގުތު އިތުރު ކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ވަނީ ލަފާ އަރުވާފައެވެ. މިލަފަޔާ ގުޅިގެން އިލެކްޝަންސްގެ މެންބަރުން ބޭއްވި ބައްދަލުވުމުގައި ނިންމެވީ ވަގުތު ހަވީރު 5:30 އަށް އިތުރު ކުރުމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރު ހަސަން ޒަކަރިއްޔާ "ޕީއެސްއެމް ނިއުސް" އަށް ވިދާޅުވީ ވަގުތު އިތުރު ކުރުމަށް ކޮމިޝަނުން ނިންމީ މޫސުމަށް ބެލުމަށްފަހު ކަމަށެވެ. އެގޮތުން، ވާރޭ ވެހުމުގެ ސަބަބުން ވޯޓުލާން ދިއުމަށް ދަތިވެދާނެ ކަމަށް ނުވަތަ އަވިގަދަވުމުގެ ސަބަބުން ވޯޓުލާން ދާ މީހުން ވޯޓުލާ މަރުކަޒުތަކަށް ދާ އަދަދު ހަވީރު ގިނަވުން ފަދަ ކަންކަމަށް ބަލާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން ގެނައި މިބަދަލާއެކު މިހާރު އާދީއްތަ ދުވަހު އޮންނަ މަޖިލިސް އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާނީ ހެނދުނު 8:00 އިން ފެށިގެން ހަވީރު 5:30 އާ ހަމައަށެވެ. ވޯޓު ގުނަން ފަށާނީ ވޯޓު ފޮށިތައް ބަންދުކުރާތާ 30 މިނެޓް ފަހުންނެވެ.

މަޖިލިސް އިންތިޚާބުގައި 93 ދާއިރާއަކަށް 368 ކެންޑިޑޭޓުން ވާދަކުރައްވާއިރު ޖުމްލަ 602 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ. މި އިންތިޚާބުގައި 284،663 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބެއެވެ.