ޚަބަރު

ގަދަ ވަޔާއެކު ކެމްޕެއިން ބިލްބޯޑުތައް މަގުމައްޗަށް ވެއްޓޭތީ ސަމާލުވުމަށް އެދިއްޖެ


  • ރައްކާތެރި ގޮތުގައި ބިލްބޯޑު ބަހެއްޓުމަށް ފުލުހުން ވަނީ އެދިވަޑައިގެންފައި

  • މިދުވަސްވަރު ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސް

މޫސުން ގޯސްވެ ވައި ގަދަވުމުގެ ސަބަބުން ކެންޕެއިން ބިލްބޯޑު މަގުމައްޗަށް ވެއްޓުމުގެ ހާދިސާތައް ހިނގާތީ އެކަމަށްސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކުރައްވައިފިއެވެ.

މިމަހުގެ 21 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅިގެން އިންތިޚާބުގެ ކެންޕެއިންގެ ފޯރި ގަދަވެ، ބިލްބޯޑުތައްފަދަ އެތައް ކެމްޕެއިން ޕޯސްޓަރުތަކެއް މަގުތަކުގައި ދަނީ ހަރުކުރަމުންނެވެ. ޚާއްސަކޮށް މާލޭގައި އެންމެ ގިނައިން މީހުން ހަރަކާތްތެރިވެ އުޅޭ ހިސާބުތަކުގައި ގިނަ ބިލްބޯޑުތައް ހަރުކޮށްފައި އެބަހުއްޓެވެ.

ފުލުހުން ވިދާޅުވީ މިދުވަސްވަރު ވައި ގަދަވުމުގެ ސަބަބުން ބައެއް ބިލްބޯޑުތައް މަގުމައްޗަށް ވެއްޓުމުގެ ހާދިސާތައް ހިނގާކަމަށެވެ. އެހެންކަމުން ވައިގަދަވާ ވަގުތުތަކުގައި މަގުމަތި ބޭނުންކުރާއިރު މިކަމަށް ސަމާލުވުމަށް ފުލުހުން ވަނީ އެދިވަޑައިގެންފައެވެ.

ފުލުހުން ވަނީ މަގުތަކުގެ އެއްފަރާތުގައި ބަހައްޓާފައި ހުންނަ ބިލްބޯޑުތަކަކީ ރައްކާތެރި ގޮތުގައި ރަނގަޅަށް ހަރުކޮށްފައި ހުރި އެއްޗެހިކަން ކަށަވަރުކުރުމަށް އެތަކެތި ބަހައްޓާ ފަރާތްތަކަށް އިލްތިމާސްކުރައްވާފައެވެ.

މި ދުވަސްވަރަކީ އިރުވައި މޫސުން ނިމި ހުޅަނގު މޫސުމަށް ބަދަލުވާ ދުވަސްވަރުކަމުން، ރާއްޖޭގެ ބޮޑު ބަޔަކަށް ދަނީ ވިއްސާރަކުރަމުންނެވެ.