ޚަބަރު

ވޯޓު ކަރުދާހާ މަރުކަޒުތަކަށް ބޭނުންވާ ސާމާނު ފޮނުވުމުގެ މަސައްކަތް ފަށައިފި


  • މިއަދު 12 އަތޮޅެއްގެ ވެރިކަން ކުރާ ރަށަށް ތަކެތި ފޮނުވާނެ

  • ހުރިހާ އަތޮޅަކަށް ތަކެތި ފޮނުވުމުގެ މަސައްކަތް މާދަމާ ނިމޭނެ

  • ވަކިވަކި ރަށްތަކަށް ސާމާނު ފޮނުވާނީ ހުކުރު ދުވަހު

ރައްޔިތުންގެ މަޖިލިސް އިންތިޚާބުގެ ވޯޓު ކަރުދާހާ އިންތިޚާބީ މަރުކަޒަށް ބޭނުންވާ އިދާރީ ސާމާނު އަތޮޅުތަކަށް ފޮނުވުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ފަށައިފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރު ހަސަން ޒަކަރިއްޔާ ވިދާޅުވީ ތަކެތި ފޮނުވުމުގެ މަސައްކަތް ފަތިހުން ފެށިގެން ކުރިއަށްދާކަމަށެވެ. ޒަކަރިއްޔާ ވިދާޅުވީ އއ. އދ. ވ. މ. ފ. އަދި ދ އަތޮޅުގެ ރަށްތަކަށް ތަކެތި ފޮނުވުން ކުރިއަށްދަނީ ކަނޑުމަގުންކަމަށެވެ. އަދި ތ. ލ. ގއ. ގދ. ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީއަށް ތަކެތި ފޮނުވުމުގެ މަސައްކަތް ވައިގެ މަގުން ފަށާފައިވާކަމަށެވެ. އަދި މިއަދު ހަވީރު 05:30އާއި ހަމައަށް މި އަތޮޅުތަކުގެ ވެރިކަން ކުރާ ރަށްތަކާ ހަމައަށް ވޯޓު ކަރުދާހާ، ބޭނުވާ އިތުރު ސާމާނު ފޮނުވުމުގެ މަސައްކަތް ނިންމާނެކަމަށް ޒަކަރިއްޔާ ވިދާޅުވިއެވެ.

ހއ. ހދ. ށ. ނ. ރ. ބ. އަދި ޅ. އަތޮޅުގެ އަތޮޅުވެރިކަން ކުރާ ރަށްތަކަށް ވޯޓު ފޮށި ފޮނުވުމުގެ މަސައްކަތް ކުރާނީ މާދަމާއެވެ. ވަކިވަކި ރަށްތަކަށް ތަކެތި ފޮނުވަން ފަށާނީ ހުކުރު ދުވަހުއެވެ.

ހަސަން ޒަކަރިއްޔާ ވިދާޅުވީ ހުކުރު ދުވަހުގެ މެންދުރު ފަހާ ހަމައަށް ދާއިރު، ވޯޓުލުމަށް ބޭނުންވާ ހުރިހާ ސާމާނު ވޯޓުލާ މަރުކަޒު ހިމެނޭ ހުރިހާ ރަށްތަކަށް ފޮނުވާ ނިންމާނެކަމަށެވެ. ސިނާޢީ ރަށްތަކާ ރާއްޖެއިން ބޭރަށް ފޮނުވާ ތަކެތި 20ވަނަ ދުވަހުގެ ނިޔަލަށް ފޮނުވާނެކަމަށެވެ.

"ރިސޯޓްތަކާ ސިނާޢީ ރަށްތަކަށް ފޮނުވާ ތަކެތި 20ވަނަ ދުވަހު އެ އަތޮޅުގެ ވެރިކަން ކުރާ ރަށްތަކަށް ފޮނުވާނެ، އެއަށްފަހު މަރުކަޒަށް ފޮނުވާނީ. ލަންކާ، އިންޑިއާ މެލޭޝިއާއަށް ފޮނުވާ ތަކެއްޗާއި އަދި އޮފިޝަލުން 19ވަނަ ދުވަހު ފޮނުވާނެ." ހަސަން ޒަކަރިއްޔާ ވިދާޅުވިއެވެ.

ކޮމިޝަނުން ވިދާޅުވީ ރަށްތަކަށް ވޯޓު ކަރުދާހާއި ވޯޓު ފޮށި އަދި ސެކިއުރިޓީ ބޮކްސްތައް ފޮނުވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ބެލުމުގެ ދަށުން ސަލާމަތާއި ރައްކާތެރިކަމާއެކު ކަމަށެވެ.

އިންތިޚާބުތަކާ ބެހޭ ޤާނޫނުގައިވާގޮތުން ކޮންމެ ފޮށްޓަކަށް ފޮނުވާނީ، އެފޮށްޓަކަށް ވޯޓުލާ މީހުންގެ އަދަދަށްވުރެ 1 އިންސައްތަ ކަރުދާސް އިތުރުކޮށެވެ.

މިމަހުގެ 21 ވަނަ ދުވަހު އޮންނަ މަޖިލިސް އިންތިޚާބުގައި 284،663 މީހަކަށް ވޯޓުލުމުގެ ހައްޤުލިބިގެންވެއެވެ. 600އަށްވުރެ ގިނަ ވޯޓު ފޮށި ބަހައްޓައެވެ. 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 93 ދާއިރާއަކަށް 368 ކެންޑިޑޭޓުން ވާދަކުރެއެވެ.