ޚަބަރު

3 ރަށެއްގައި މަސް ފެކްޓްރީ ޤާއިމުކުރަން ޗައިނާގެ ކުންފުންޏަކަށް


  • މަސް ފެކްޓްރީ އަޅަނީ ޅ. ފެލިވަރު، ގދ. ފިޔޯރީ އަދި ދ. މާދެލީގައި

  • މި މަޝްރޫޢު ޙަވާލުކުރީ ޗައިނާގެ ޑޮންގްފަންގް އިލެކްޓްރޯނިކަށް

  • 3 މަޝްރޫޢަށް ގާތްގަނޑަކަށް 175 މިލިއަން ޑޮލަރު ޚަރަދުވާނެ

  • މިޕްރޮޖެކްޓްތައް ނިމުމުން ރާއްޖޭގައި 81 ހާސް ޓަނުގެ މަސް ބަންދު ކުރެވޭނެ

ރާއްޖޭގެ 3 ސަރަހައްދެއްގައި މަސް ބަންދުކުރާ ކާރުޚާނާ ޤާއިމްކުރަން ޗައިނާގެ ކުންފުންޏަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ ދަށުން ޅ. ފެލިވަރުގައި މަސް ބަންދުކުރާ ކާރުޚާނާއެއް ތަރައްޤީކުރުމުގެ އިތުރުން ގދ. ފިޔޯރީ އަދި ދ. މާދެލީގައި މުޅިން އަލަށް މަސް ކާރުޚާނާ ޤާއިމްކުރެވޭނެއެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި 3 ރަށުގައި މަސް ބަންދުކުރާ ކާރުޚާނާ ޤާއިމުކުރުމަށް ޙަވާލުކޮށްފައިވަނީ ޗައިނާ ސަރުކާރު ހިއްސާވާ ކުންފުންޏެއްކަމަށްވާ ޑޮންގްފަންގް އިލެކްޓްރޯނިކް އިންޓަރނޭޝަނަލް ކޯރޕަރޭޝަނާއެވެ.

ރާއްޖޭގައި މަސް ބަންދުކުރުމަށް ހުރި ޖާގައިގެ ދަތިކަން ޙައްލުކޮށް ގޮންޖެހުންތައް ނައްތާލުމަށް ހިންގާ މި މަޝްރޫޢުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން ފެލިވަރުގައި 100 ޓަނުގެ މަސް ބަންދުކުރާ ކާރުޚާނާއެއް ޤާއިމް ކުރެވޭނެ ކަމުގައެެވެ.

ޝިޔާމް ވިދާޅުވީ، ފެލިވަރަކީ ގިނަ ޒަމާންތަކެއް ވެފައިވާ ތަނަކަށް ވުމާއިއެކު އޮޕަރޭޝަން ތަކުގައިވެސް އުނދަގޫތަކެއް އެބަހުރި ކަމުގައެވެ. އަދި އެތަނުގެ ކެޕޭސިޓީއަކީ 50 ޓަނު ކަމަށްވީނަމަވެސް، އެތަނުގައި ޕްރޮސެސް ކުރެވެނީ 40 ވަރަކަށް ޓަނުކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ފެލިވަރުގައި ޤާއިމުކުރާ މަސް ބަންދުކުރާ ފެކްޓްރީއަށް 50 މިލިއަން ޑޮލަރު ޚަރަދުވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ދަށުން ދ. މާދެލީގައި ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ 50 ޓަނުގެ މަސް ޕްރޮސެސްކުރާ ފެސިލިޓީއަކާއި 1500 ޓަނުގެ ކޯލްޑް ސްޓޯރޭޖެކެވެ. މިއީ މުޅިން އަލަށް ޤާއިމުކުރާ ތަނަކަށްވުމުން، މަސް ބަނދަރުގެ އިތުރުން އޮޕަރޭޝަނަށް ބޭނުންވާ އެހެނިހެން އަސާސީ ވަޞީލަތްތައް ޤާއިމުކުރުންވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ. އެހެންކަމުން މާދެލީގެ ޕްރޮޖެކްޓަށް 75 ނުވަތަ 100 މިލިއަން ޑޮލަރު ޚަރަދުވާނެކަމަށް އަންދާޒާ ކުރެވޭކަމަށް ވަޒީރު ވިދާޅުވިއެވެ.

މި 2 ރަށުގެ އިތުރުން ގދ. ފިޔޯރީގައި 3000 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި، 100 ޓަނުގެ މަސް ބަންދުކުރާ ކާރުޚާނާއެއް ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއީވެސް މުޅިން އަލަށް މަސް ބަންދުކުރާ ކާރުޚާނާ ޤާއިމުކުރެވިގެންދާ ރަށެކެވެ.

ފިޔޯރީގައި މިހާރު ހަދަމުންދާ ބަނދަރަކީ މި ފެސިލިޓީ އަންނާނެކަމަށް ޤަބޫލުކޮށް ޖާގަ ތަނަވަސްކޮށް ހެދޭ ބަނދަރަކަށްވުމުން މަސް ބަނދަރު ތަރައްޤީކުރުމަށް ދާ ޚަރަދެއް މިރަށަށް ނޯންނާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މި މަޝްރޫޢަށް 50 ނުވަތަ 75 މިލިއަން ރުފިޔާ ޚަރަދު ވާނެކަމަށް ލަފާކުރެވޭކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ޗައިނާގެ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން 18 މަސް ދުވަހުގެ ތެރޭގައި މި 3 ރަށުގެ މަސް ފެކްޓްރީގެ މަސައްކަތް ނިންމާ އޮޕަރޭޝަނަށް ގެންނަންޖެހޭނެއެވެ. މި މަޝްރޫޢުގެ ޑިޒައިނިންގއާއި ފައިނޭންސްގެ ކަންކަން އަދި ކުރަންހުރުމާއެކު، މަސައްކަތް ފެށުމަށް 3 ވަރަކަށް މަސް ހޭދަވާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވިީ، ރޯމަހުގެ ގޮތުގައި މަސް އެކްސްޕޯޓުކޮށްގެން ރާއްޖެއަށް ގާތްގަނޑަކަށް 91 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭއިރު، މަސް ޕްރޮސެސް ކުރުމުން އެ އާމްދަނީ ދެގުނަ ކުރެވޭނެ ކަމަށެވެ. އަދި ސަރުކާރުގެ މިސްރާބުހުރީ އެ މަގަށްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"މަސްވެރިކަމުގެ ސިނާޢަތް ފުޅާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތު ތަންފީޒުވަމުންދާއިރު މި ސިނާޢަތް ވެގެންދާނީ ރާއްޖެއަށް ބޭރު ފައިސާ އާމްދަނީގެ ގޮތުގައި ވައްދާ އެންމެ ބޮޑު އެއް ސިނާޢަތަށް." މަސްވެރިކަމާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވިއެވެ.

މި މަޝްރޫޢުތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ކޮންސެޝަނަލް ނުވަތަ ކުޑަ އިންޓްރެސްޓް ރޭޓެއްގައި ލޯނު ހަމަޖެހޭނެ ކަމަށް ސޮއިކޮށްފައިވާ މަޝްރޫޢުތަކެކެވެ.

މި ޕްރޮޖެކްޓްތައް ނިމުމުން ރާއްޖޭގައި 81 ހާސް ޓަނުގެ މަސް ދަޅުގަޔާއި ޕައުޗްގައި ބަންދު ކުރެވޭނެއެވެ. މިއީ ދިވެހިރާއްޖޭގައި މަހާއި މަހުގެ އުފެއްދުންތަކުން ކުރެވޭ ވިޔަފާރިތަކުން އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ފުރަތަމަ ފިޔަވަޅަށް ވެގެންދާނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.