ޚަބަރު

119 ކިލޯގެ ޑްރަގް މައްސަލަ: ފުރިހަމަ ތަހުގީގެއް، ނަމަވެސް ކުށް ސާބިތުވީ އެކަކަށް!


  • މިމައްސަލަ ފުރިހަމައަށް ތަހުޤީޤެއް ކުރިކަމަށް ފުލުހުން ބުނޭ

  • މައްސަލައިގައި ކުށް ސާބިތުވީ ޒިންމާ ނަގަން އުޅުނު މީހާއަށް

  • މަސްތުވާތަކެތި އެތެރެ ކުރަނީ އީއީޒެޑް އިން ބޭރަށް ގޮސްކަން ވަނީ ފާހަގަކޮށްފައި

ރާއްޖެ އެތެރެކުރި 119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ ސާބިތުވީ ޝަރީޢަތުގެ މަރުޙަލާގައި އެތަކެއްޗަށް ޒިންމާ ނަގަން މަސައްކަތްކުރި މީހާގެ މައްޗަށް އެކަނިނަމަވެސް، މައްސަލާގައި ތުހުމަތުކުރެވޭ އެންމެންނަށް ކުށް ސާބިތުވާވަރަށް ތަހުގީގްކުރިކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މީގެ ދެއަހަރު ކުރިން 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި 3 މީހަކު ފުލުހުން ހައްޔަރުކުރިއެވެ. އެއީ ގދ. ހޯނޑެއްދޫ އިރުމަތީގެ، އަހުމަދު ސުނައިނު އަދި، ގދ. ހޯނޑެއްދޫ އަލޯރާ އަހުމަދު މުޖާހިދުގެ އިތުރުން ގދ. ހޯނޑެއްދޫ ގުލޭނޫރަންމާގެ، އަލީ ޒުބައިރުއެވެ.

މި މައްސަލާގައި ކުށް ސާބިތުވީ ޢަލީ ޒުބައިރުގެ މައްޗަށް އެކަންޏެވެ. އަދި އަޙްމަދު ސުނައިންއާއި އަޙްމަދު މުޖާހިދު ވަނީ މިނިވަންވެފައެވެ. މިމައްސަލާގައި ޒުބައިރުގެ މައްޗަށް 25 އަހަރުގެ ޖަލު ހުކުމެއްގެ އިތުރަށް 100،000 ރުފިޔާއިން ޖޫރިމަނާ ކުރަން ވެސް ހުކުމްކުރި އެވެ.

ފުލުހުން ވަނީ ރާއްޖެއަށް މަސްތުވާތެކެތި އެތެރެކުރަން އެމީހުން ދަތުރު ފެށި ހިސާބުން ފެށިގެން، އެތަކެތި އެތެރެކޮށް ރައްކާކުރުމަށް ކުރި މަސައްކަތްތައްވެސް ވަރަށް ތަފްސީލްކޮށް ހިއްސާކޮށްފައެވެ.. އެގޮތުން ރައްކާ ކުރުމަށް ބޭނުން ކުރި ފޮށިތައް ހޯދި ތަނާއި، ދައުވާ ކުރި މީހުންގެ މުޢާމަލާތްކޮށްފައިވާ ގޮތާއި އޭގެ އިތުރުން އެމީހުންނާއި އެތަކެތި ގުޅުވުމަށް ތަފާތު ހެކިތައް ހޯދި ގޮތްވެސް ކިޔައިދިނެވެ.

މިމައްސަލާގައި ފުލުހުންނަށް ހޯދިފައި ނުވަނީ، ތުހުމަތުކުރެވޭ ފަރާތްތަކުގެ ފޯނުގައި ހުރި މައުލޫމާތުތަކެވެ. އެގޮތުން އެ މައުލޫމާތު ހޯދުމަށް ކޯޓު އަމުރަކަށް އެދުނު ނަމަވެސް ކްރިމިނަލް ކޯޓުން އެ އަމުރު ދީފައިނުވާކަމަށް ފުލުހުން ވިދާޅުވިއެވެ. ނަމަވެސް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުން ބާތިލް ކުރިއެވެ. ނަމަވެސް އޭގެ ފަހުންވެސް ކޯޓު އަމުރު ނުލިބުނުކަން ފުލުހުން ފާހަގަކުރެއްވިއެވެ.

މިމައްސަލާގައި ފުލުހުންނަށް ފާހަގަވި ކަންކަން ހާމަކުރައްވަމުން ފުލުހުންގެ ޑްރަގް ޓްރެފިކިން އިންވެސްޓިގޭޝަން ޑިޕާޓްމެންޓްގެ ހެޑް، ޗީފް އިންސްޕެކްޓަރ، އަހުމަދު ވަހީދު ވިދާޅުވީ މި މައްސަލަ ކޯޓުގައި ހިންގަމުން ދިޔައިރު، މިމަސްތުވާތަކެއްޗަށް ޒިންމާވާން ޒުބެއިރު މަސައްކަތް ކުރިކަމަށެވެ.

"މިމައްސަލާގައި ދައުލަތުން އޭރު ޝަރީޢަތުގައި މިމައްސަލާގައި ހިމެނޭ އެއް ފަރާތަކުން މިމައްސަލައިގައި ފެނިފައި ހުރި މަސްތުވާތަކެއްޗަށް ޒިންމާ ނަގަން އުޅޭކަން ދައުލަތުން ޝަރީޢަތުގައި ފާހަގަކޮށްފައިވޭ. މިމައްސަލަ ނިމިގެން ކްރިމިނަލް ކޯޓުން ހުކުން ކުރިއިރުވެސް، މިމައްސަލާގައި ސާބިތުވެ ހުކުން ކަނޑައަޅާފައި މިވަނީވެސް، މި ޒިންމާ ނަގަން އުޅުނުކަމަށް އޭރު ދައުލަތުން ޒުބެއިރަށްކަން އަޅުގަނޑު ފާހަގަކޮއްލަން. " އަހުމަދު ވަޙީދު ވިދާޅުވިއެވެ.

މިމައްސަލާގައި ފުލުހުން ވަނީ 64 ހެއްކެއް ފޮރެންސެކް ތަހުލީލް ކޮށްފައެވެ. މީގެ ތެރޭގައި ސީސީޓީ އެނަލިސިސް، ފިންގަރ ޕްރިންޓް، ފައިބަރ ކޮމްޕެރިޝަން އަދި ފޯނުގެ މުޢާމަލާތްތަކުގެ އެނަލިސިސްއާއި، ބޭންކް ސްޓޭޓްމެންޓް އެނަލިސިސް ހިމެނެއެވެ. އަދި 57 ހެއްކެއް ޑީއެންއޭ ތަހުލީލަށް ފޮނުވި ކަމަށް ފުލުހުން ވިދާޅުވިއެވެ. ނަމަވެސް ޤާނޫނުގައި އޮންނަ ތަހުޤީޤު މުއްދަތުގައި އޭގެ ނަތީޖާ ނުލިބުމުން އެ ހެކި ބޭނުން ނުކުރެވޭކަން ފުލުހުން ވަނީ ފާހަގަކުރައްވާފައެވެ.

ފުލުހުން ވިދާޅުވީ މައްސަލާގައި ހިމެނޭ އެންމެންގެ މައްޗަށްކުށް ސާބިތުކުރެވޭ ވަރަށް ތަހުޤީޤު ކުރިއަށް ގެންދެވުނުކަމަށް ޤަބޫލުކުރައްވާފައެވެ. އެގޮތުން 4 މީހަކަށް ސާބިތުވާވަރަށް ތަހުގީގް ހިންގިކަން ފާހަގަކުރައްވާ ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝާކިރު ވިދާޅުވީ، މިމައްސަލައިގައި ތުހުމަތުކުރެވޭ ގދ. ހޯޑެއްދޫ، ދޯދި މުހައްމަދު އަކްރަމް އަބްދުލް ޙައްނާންގެ މައްޗަށް ދައުވާ ނުކުރެވިވަނީ އޭނާ ރާއްޖެއިން ފުރައިގެން ގޮސްފައި ވުމުންނެވެ. އޭނާގެ މައްޗަށް ކުށް ސާބިތުވާވަރަށް ހެކި ލިބިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ފުލުހުން ވަނީ މިފަދަ މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތަކުގައި ތުހުމަތުވާ ބައެއް މީހުން ސަލާމަތްވާ ސަބަބުތައް ބަލައި، އެކަން ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވޭކަން ފާހަގަކުރައްވާފައެވެ. އަދި މިހާރުވެސް މިފަދަ ބޮޑެތި މައްސަލަތަކުގެ އިންޓާނަލް އޮޑިޓެއް ހަދަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މިފަހަކަށް އައިސް ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރާއިރު، ރާއްޖޭގެ އުޅަނދުތައް، ރާއްޖޭގެ އިޤްތިޞާދީ ޚާއްޞަ ސަރަޙައްދު، އީއީޒެޑް ހުރަސްކޮށް ބޭރަށް ދާކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އެއީ ދާދިފަހުން އިރާނުގެ ބޯޓުތަކެއް އަތުލާގަތުމުންކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.