ޚަބަރު

ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކަށް އެމްޑީޕީން ވާހަކަ ނުދައްކާތީ ޕީޕީއެމް/ޕީއެންސީން ފާޑުކިޔައިފި


  • ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކަށް އެމްޑީޕީން ޖަވާބުދާރި ނުވާތީ ޕީއެންސީން ކަންބޮޑުވުން ފާޅުކޮށްފި

  • އެމްޑީޕީގެ ޓިކެޓުގައި ވާދަ ކުރައްވާ ބައެއް ފަރާތްތަކަށް އެފަދަ ތުހުތަމުތަކެއް ކުރެވޭ

  • ޕީއެންސީ އަދި ސަރުކާރުންވެސް އެފަދަ ކަމެއް ބަލައި ނުގަންނާނެ ކަމަށް އެޕާޓީން ބުނޭ

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާ ބައެއް ކެންޑިޑޭޓުންނަށް ތުހުމަތުކުރެވޭ ޖިންސީ ފުރައްސާރައިގެ މައްސަލާގައި އިދިކޮޅު އެމްޑީޕީގެ ލީޑަރޝިޕުން އެއްވެސް ވާހަކައެއް ނުދައްކާތީ، ޕީޕީއެމް/ޕީއެންސީން ކަންބޮޑުވުން ފާޅުކޮށް، އެކަމަށް ފާޑުކިޔައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ގުޅިގެން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ސިލްސިލާކޮށް ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ މިދިޔަ ފަސް އަހަރު ސަރުކާރާއި ގުޅުން ހުރި ފަރާތްތަކަށް ކުރެވުނު ޖިންސީ ފުރައްސާރައިގެ ތުހުމަތުތައް ފާހަގަ ކުރައްވާފައެވެ.

މީގެ ކުރިން އެމްޑީޕީއަކީ އެފަދަ ކަންކަމާއި ދެކޮޅަށް އަޑު އުފުލި ޕާޓީއެއް ނަމަވެސް މިހާރު އެއިން އެއްވެސް ކަމަކާއި މެދު ލީޑާޝިޕް އަދި ޕާޓީންވެސް އެއްވެސް ވާހަކައެއް ނުދައްކަވާ ކަމަށް ހީނާ ތުހުމަތުކުރެއްވިއެވެ.

" އެބޭފުޅުން މީގެ ކުރިން މިފަދަ ކަންކަމުގައި ވަރަށް އަޑުހަރުކޮށް މިކަންކަމާއި ދެކޮޅަށް ވަކާލާތު ކުރައްވަމުން ގެންދެވިކަން ފާހަގަކުރެވޭ. ހަޤީޤަތުގައި އެޕާޓީގައި އެބައޮވޭ އަންހެނުންގެ ރޫހެއްވެސް. އަންހެނުން ރޫހުންވެސް މިކަމާއި އެއްޗެއް ނުބުނޭ. އަޅުގަނޑަށް ހީވާގޮތުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރައްޔިތުންގެ މަޖިލީހަށް އިންތިހާބު ވެވަޑައިގަންނަވާ ކަނބަލުންނަށްވެސް ވަރަށް ބޮޑު ނުރައްކާތެރިކަމެއް މިފަދަ ބޭބޭފުޅުން މަޖިލީހުގެ ގޮނޑިތަކުގައި ތިއްބެވުމަކީ. " ހީނާ ވިދާޅުވިއެވެ.

ހީނާ މިހެން ވިދާޅުވެފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަ ކުރައްވާ ބައެއް ކެނޑިޑޭޓުންނަށް ޖިންސީ ފުރައްސާރައާއި ރޭޕްގެ ތުހުމަތަކެއް ކުރެވޭ މައްސަލައާއި ގުޅިގެންނެވެ. ޕީއެންސީން ވަނީ މިފަދަ މައްސަލަތައް އެމްޑީޕީން އޮއްބާލަން މަސައްކަތް ކުރާ ކަމަށް ތުހުމަތު ކޮށްފައެވެ.

ހީނާ ވިދާޅުވީ، ޕީޕީއެމް/ޕީއެންސީން އެފަދަ އެއްވެސް މައްސަލައެއް ބަލައި ނުގަންނާނެކަމަށެވެ. މިގެ އިތުރުން ޕާޓީ ނުވަތަ ސަރުކާރުގެ ތެރެއިންވެސް އެފަދަ ކަމެއް ތުހުމަތުވާ ފަރާތެއް ހުރިނަމަ އެކަމާއި މެދު ފިޔަވަޅު އަޅަމުން ގެންދާނެ ކަމުގެ ޔަޤީންކަން ހީނާ ވަނީ ދެއްވާފައެވެ.