ޚަބަރު

މުޅި ދައުލަތް ކޮންޓްރޯލްކޮށްގެންވެސް ކުރީ ސަރުކާރަށް ބޯހިޔާވަހިކަމުގެ ޙައްލެއް ނުގެނެވުނު: ރައީސް


  • ކުރީ ސަރުކާރުތަކުގައި މިކަމަށް މަސައްކަތްފެށީ ދައުރުގެ ފަހުކޮޅުގައިކަމަށް

  • ނަމަވެސް މި ސަރުކާރުން ދައުރުގެ ފުރަތަމަ ދުވަހު މަސައްކަތް ފެށްޓެވިކަމަށް

  • ދައުރުގެ ފަހުކޮޅަށް ދާއިރު މައްސަލައަށް ހައްލު ލިބޭނެކަމަށް ވިދާޅުވި

ބޯހިޔާވަހިކަމަށް ކުރީ ސަރުކާރުތަކުގައި މަސައްކަތްކޮށްފައިވަނީ ދައުރުގެ އެންމެ ފަހުކޮޅުގައިކަމަށާއި، ނަމަވެސް އެމަނިކުފާނު ބޭނުންފުޅުވަނީ ދައުރުގެ އެންމެ ކުރީކޮޅު އެ މަސައްކަތް ފަށާއި، ދައުރު ނިމޭއިރު އެމައްސަލަ ހައްލުވެފައި އޮންނަންކަމަށް ރައިސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މާލޭގައި މިރޭ ބޭއްވި ސިޔާސީ ހަރަކާތެއްގައި ވާހަކަ ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވީ، އެމަނިކުފާނަށް އެންމެ މުހިންމީ ގެދޮރުވެރިކަމުގެ މައްސަލަ ޙައްލުކުރުން ކަމަށްވާތީ ވެރިކަމުގެ މި ފަސް އަހަރަށް ވަޢުދު ވެވަޑައިގަތީ ގޯތިގެދޮރުގެ މައްސަލަ ހައްލު ކުރުމަށެވެ. އަދި އެމައްސަލަ ހައްލުކުރަން ކުރީ ސަރުކާރުތަކާއި ޚިލާފަށް ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތް ފަށްޓަވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

"މިދިޔަ ސަރުކާރުން އެކަން ކުރިގޮތަށް ނުކޮށް، އަދި ކުރީގައިވެސް އެކަން ކުރިގޮތަށް ނުކޮށް ދައުރު ނިމެން ދެތިން ދުވަހަށް ވީމައެއް ނޫން އަޅުގަނޑު މިކަން ހައްލުކުރަން ބޭނުންވީކީއެއް. ދައުރު ނިމޭއިރު އެންމެންނަށް ހައްލުވެފައި އޮންނަން އަޅުގަނޑު ބޭނުންވާތީ ފުރަތަމަ މަހު ފެއްޓީ. ފުރަތަމަ މަހު އެއޮތީ އިތުރު ބިމެއް ހިއްކަން ފަށާފައި. " ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ފުށިދިއްގަރުފަޅު ހިއްކަން ފަށާފައިފައިވަނީ މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް ކަމަށެވެ. އެގޮތުން ހުޅުމާލެއިން މިހާރު ހިއްކާ ބިމާއި، ގިރާވަރުފަޅުން ހިއްކާ ބިމާއި، ގުޅިފަޅުން ހިއްކާ ބިމުން ވަރަށް އަވަހަށް ގޯތި ދޫކުރަން ފަށްޓަވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި މިމަސައްކަތް ކުރުމަށް މިހާރު ގިރާވަރުފަޅާއި ގުޅިފަޅުގެ ލޭންޑް ޔޫޒް ޕްލޭން ހަދައި ނިންމާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.


ރައީސް ވިދާޅުވި ގޮތުގައި މުޅި ދައުލަތް ކުރީ ސަރުކާރުން ކޮންޓްރޯލް ކުރިއިރުވެސް ގެދޮރުވެރިކަމުގެ މައްސަލައަށް ހައްލެއް ހޯދައި ނުދެވެއެވެ. އަދި ރަނގަޅު ލޭންޑް ޔޫޒް ޕްލޭނެއް ނެތި ގޮޅި ޖަހައި ބިން ދޫކޮށްފައި ހުރިކަމަށް ވިދާޅުވެ އެމަނިކުފާނު ވަނީ އެމަސައްކަތްވެސް އޭރު ސަރުކާރުން ފެށީ ދައުރުގެ ފަހުކޮޅުގައިކަމަށް ވިދާޅުވެފައެވެ.

އެހެން ނަމަވެސް އެމަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގެން އެންމެ ފުރަތަމަވެސް ފެށި އެއް މަސައްކަތަކީ ފުށިދިއްގަރުފަޅު ހިއްކަން ފެށުންކަން ރައީސް ވިދާޅުވިއެވެ. އަދި އެމަސައްކަތް ފެއްޓެވީ ހުޅުމާލެއާއި، ގިރާވަރުފަޅު އަދި ގުޅިފަޅުން މާލެ ސަރަހައްދުގެ ގެދޮރުވެރިކަމުގެ މައްސަލަ ހައްލު ނުކުރެވޭނެކަމަށް ފެނިވަޑައިގަތުމުން ކަމަށް ރައީސް ވިދާޅުވިއެވެ.

މި ހަރަކާތުގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވަނީ ގެދޮރުވެރިކަމުގެ މައްސަލަ ހައްލުކުރުމަށް ޤާނޫނުތައް ހެދުމަށް މަޖިލީހަށް ހުށައަޅުއްވާނެ ކަމަށާއި، ބަޖެޓު ކުރުމަށްވެސް ހުށައަޅުއްވާނެކަމަށް ވިދާޅުވެފައެވެ. އެހެން ކަމުން ސަރުކާރުގެ ސިޔާސަތުތަކަށް ތާޢީދު ކުރައްވާ ފަރާތްތައް މަޖިލީހުގައި ތިބެން ޖެހޭ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވިއެވެ.

މި ސަރުކާރުން މިއަހަރަށް ބަޖެޓުކޮށްފައިވާ ބޯހިޔާވަހިކަމުގެ މަސައްކަތްތަކުގެ ޢަމަލީ މަސައްކަތް ޖުލައި މަހުގެ ފަހުކޮޅު ފެށޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.