ޚަބަރު

އިލެކްޝަންސް ކޮމިޝަނުގެ މެންބަރަކަށް ޒަކަރިއްޔާ އައްޔަންކުރަން މަޖިލީހުން ފާސްކޮށްފި


  • ޒަކަރިއްޔާއަށް ރުހުން ދީފައިވަނީ 39 މެންބަރުންގެ ވޯޓުން

އިލެކްޝަންސް ކޮމިޝަނުގެ ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް މ. މުލައް މުސްތަރީގެ ޙަސަން ޒަކަރިއްޔާ އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މަޖިލީހުން މިގޮތަށް ފާސްކޮށްފައިވަނީ މިދިޔަ ހަފުތާގައި ބޭއްވި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ އަޣުލަބިއްޔަތުން ޒަކަރިއްޔާއަށް ރުހުން ދިނުމަށް ނިންމައި އެކުލަވާލާފައިވާ ރިޕޯޓް ތަޅުމަށް މިއަދު ހުށަހެޅުމަށްފަހު ނެގި ވޯޓުގައެވެ. އިލެކްޝަންސް ކޮމިޝަނުގެ ސްކްރެޓަރީ ޖެނަރަލްގެ މަޤާމުގައި ހުންނެވި ޙަސަން ޒަކަރިއްޔާ އެކޮމިޝަނުގެ މެންބަރުކަމަށް އައްޔަން ކުރެއްވުމަށް ފާސްކޮށްފައިވަނީ 39 މެންބަރުންގެ ވޯޓުންނެވެ.

ޙަސަން ޒަކަރިއްޔާ އެ މަގާމަށް ޢައްޔަންކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވެވީ ފެބްރުއަރީ 18 ވަނަ ދުވަހުއެވެ.

އިލެކްޝަންސްގެ މެންބަރުގެ މަގާމު ހުސްވެފައިވަނީ އެ ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އިސްމާއީލް ޙަބީބު ޢަބްދުއްރަހީމްގެ ދައުރު މާރިޗު 13ގައި ހަމަވުމާއި ގުޅިގެންނެވެ.

ހުސްވެފައިވާ އިލެކްޝަންސް ކޮމިޝަންގެ މެންބަރުގެ މަޤާމަށް ކުރިމަތިލުމަށް އާއްމުކޮށް ހުޅުވާލުމުން ޒަކަރިއްޔާގެ އިތުރުން 13 ބޭފުޅަކު ކުރިމަތިލެއްވިއެވެ. އެ ކޮމިޝަނުގެ މެންބަރެއްގެ މުއްދަތަކީ 5 އަހަރެވެ.