ޚަބަރު

ހައުންސިންގ ކޮމިޓީއަށް އިތުރު 3 މެންބަރުން އައްޔަންކޮށްފި


  • ޗެއަރ އަކަށް އައްޔަން ކުރެއްވި އަނީސާ ވަނީ އިސްތިއުފާ ދެއްވާފައި

  • މިހާރު ކޮމިޓީގައި ތިއްބަވަނީ 7 މެންބަރުން

"ގެދޮރުވެރިޔާ" އަދި "ބިންވެރިޔާ" ސްކީމާ ގުޅިގެން ހުށަހަޅާ މައްސަލަތަކާއި ނިންމަންޖެހޭ ނިންމުންތައް ނިންމުމަށް ބޭނުންވާ ލަފާ ދިނުމަށް އުފެއްދި "ހައުސިންގ ކޮމިޓީ" އަށް އިތުރު 3 މެންބަރުން އައްޔަންކޮށްފިއެވެ.

ކުރީ ސަރުކާރުން ހިންގާފައިވާ ބޯހިޔަވަހިކަމުގެ މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭ "ބިންވެރިޔާ" އަދި ގެދޮރުވެރިޔާ" ސްކީމްގައި ހިމެނޭ ކަންކަން ކުރިއަށްގެންދިޔުމަށް ހައުސިންގ ކޮމިޓީ އެކުލަވާލާފައިވަނީ 26 ފެބްރުއަރީ 2024ގައެވެ. މި ކޮމިޓީގެ ޗެއަރއަކަށް އައްޔަން ކުރެއްވީ ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ އަނީސާ އަހުމަދުއެވެ. ނަމަވެސް އަނީސާގެ ސިއްހީ ޙާލަތު ހުރިގޮތުން އެ މަސައްކަތް ކުރުމަށް އުޒުރުވެވަޑައިގެންފައިވާތީ ކޮމިޓީން އިސްތިއުފާ ދެއްވާފައިވާ ކަމަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

ހައުސިންގ ކޮމިޓީއަކީ ބިމާއި ގެދޮރިވެރިކަމާ ބެހޭ މަޝްރޫޢުތަކާއި ގުޅިގެން ހުށަހަޅާ މައްސަލަތައް ބެލުމަށާއި އަދި އެމައްސަލަތަކާއި ގުޅިގެން ކަންކުރަންޖެހޭ ގޮތާއި ގުޅޭގޮތުން އަދި ގޮތް ނިންމުމަށްޓަކައި ލަފާދޭނެ ކޮމިޓީއެއް އެލުލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ލަފާފުޅާއެކު އުފެއްދި ކޮމިޓީއެކެވެ. މި ކޮމިޓީން އަނީސާ އިސްތިއުފާ ދެއްވުމުން އިތުރު ތިން މެންބަރުން ވަނީ ކޮމިޓީއަށް އައްޔަން ކޮށްފައެވެ.

ހައުސިންގ ކޮމިޓީގައި މިހާރު ހިމެނިވަޑައިގަންނަވާ ބޭފުޅުން:

ކޮމިޓީގެ ޗެއަރ، އާމިނަތު އީނާސް
ކޮމިޓީގެ ވައިސް ޗެއަރ، ޢަބްދުލްޢަޒީޒް ޔޫސުފް
މުޙައްމަދު މަޢުރޫފް ޖަމީލް
އަހުމަދު އަލީމަނިކު
މަރްޔަމް ފިޒާނާ ރަޝީދު
ފާތިމަތު ސަޢީދު
އާމިނަތު ޝަޢީރާ

އައު މެންބަރުންނާއެކު ހައުސިންގ ކޮމިޓީގެ ހަތްވަނަ ބައްދަލުވުން އާދީއްތަ ދުވަހު ބާއްވާފައިވާ ކަމަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ. އެ ކޮމިޓީގެ މަސައްކަތްތައް ކުރިއަށްދާވަރަކުން ކޮމިޓީގެ ނިންމުންތައް އާންމުންނާ ހިއްސާ ކުރާނެ ކަމަށް ވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.