ޚަބަރު

ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމުން އެމްޑީޕީން މަރުޙަބާ ކިޔައިފި


  • ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ފުރަތަމަ ދިނީ ޤާނޫނީ މަރުހަލާ ފުރިހަމަނުކޮށް

  • ނަމަވެސް މިހާރު ވަނީ ޤާނޫނަށް އިސްލާހުގެނެސް، ރައީސް ތަސްދީޤްކުރައްވާފައި

  • ކައުންސިލަށް ދަރަޖަ ދިނުމަށް ރައީސް ނިންމެވީ މިދިޔަ ހަފްތާގައި

ގދ. ތިނަދޫއަކީ އަކީ ސިޓީއެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައި، އެ ރަށުގެ ރަށު ކައުންސިލަށް ސިޓީ ކައުންސިލެއްގެ ދަރަޖަ ދިނުމުން އެމްޑީޕީން އެކަމަށް މަރުޙަބާ ކިޔައިފިއެވެ.

މިކަމާއި ގުޅޭގޮތުން އެމްޑީޕީން ނެރުނު ނޫސްބަޔާނުގައި ބުނީ، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް އިޞްލާޙު ގެނެސް, ތިނަދޫއަކީ ސިޓީއެއްކަމަށް ކަނޑައެޅިގެން ދިއުމުން، ތިނަދޫ ސިޓީގެ ރައްޔިތުންނަށާއި، ތިނަދޫ ސިޓީގެ މޭޔަރ އަދި ތިނަދޫ ސިޓީ ކައުންސިލުގެ މެމްބަރުންނަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ ފަރާތުން މަރުޙަބާ ކިޔާކަމަށެވެ.

އެމްޑީޕީން ބުނީ، މިހާތަނަށް ތިނަދޫ ސިޓީ ކައުންސިލަށް ދަރަޖަ ނުދީ ހިފަހައްޓާފައިވަނީ ލާމަރުކަޒީ ނިޒާމަށް ބީރައްޓެހި ކަމުންކަމަށެވެ. އަދި ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގަން ފެށި ފަހުން ސިޓީއެއްގެ ދަރަޖަ ދެވިފައިވަނީ ހަމައެކަނި އެމްޑީޕީގެ ސަރުކާރުތަކުގައި އެކަނިކަމަށް އެޕާޓީގެ ބަޔާނުގައި ވަނީ ބުނެފައެވެ.

އެމްޑީޕީން އެހެން ބުނިނަމަވެސް ފުވައްމުލަކަށް، ސިޓީއެއްގެ ދަރަޖަ ދީފައިވަނީ ޕީޕީއެމްގެ ސަރުކާރުގައި 2016 ވަނަ އަހަރުއެވެ. އޭގެ ފަހުން 2019 ވަނަ އަހަރު ޑިސެމްބަރު މަހު ކުޅުދުއްފުއްޓަށް ސިޓީއެއްގެ ދަރަޖަ ދިނެއެވެ.

ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް ކުރީ ސަރުކާރުން ނިންމެވީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 30 ވަނަ ދުވަހުއެވެ. ނިިމިދިޔަ ސަރުކާރުން މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު ތާއީދު ހޯދުމަށް ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދިނީ ޤާނޫނީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަނުކޮށްކަމަށް ސަރުކާރުން ވިދާޅުވެއެވެ. ނަމަވެސް މިހާރު ވަނީ ޤާނޫނަށް އިޞްލާހު ގެނެސް ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދީފައެވެ.

ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ގެނައި އިޞްލާހު ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަސްދީޤު ކުރައްވީ މިދިޔަ ހަފްތާގައެވެ.