ޚަބަރު

ރޯދަމަހު ފަހު 10ގައި ވަޒީފާއަށް ނުކުންނަންޖެހޭ މުވައްޒަފުންނަށް އިނާޔަތެއް


  • ރޯދަމަހުގެ ފަހު 10އަކީ ރަސްމީ ބަންދުދުވަސްތައް ކަމަށް ވަނީ ކަނޑައަޅާފައި

  • ކޮންމެހެން ޑިއުޓީއަށް ނުކުންނަން ޖެހޭ މުވައްޒަފުންނަށް ޚާއްސަ އިނާޔަތެއް ދޭންވަނީ ނިންމާފައި

  • މުސާރައިން ދުވާލަކަށްޖެހޭ މިންވަރުގެ ދެބައިކުޅަ އެއްބަޔާ އެއްވަރުގެ ޢިނާޔަތެއް ދޭނެ

ރަމަޟާންމަހުގެ ފަހު 10ގެ ދުވަސްތަކުގައި، ވަޒީފާއަށް ނުކުންނަންޖެހޭ މުވައްޒަފުންނަށް އިނާޔަތެއް ދިނުމަށް ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

ސަރުކާރުންވަނީ ރަމަޟާންމަހުގެ ފަހު 10ގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެގޮތުގައި ހަމަޖައްސަވާފައެވެ. އަދި އެ ދުވަސްތަކުގައި ކޮންމެހެން ވަޒީފާއަށް ނުކުންނަންޖެހޭ މުވައްޒަފުންނަށް އިނާޔަތެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާތީ، އެޢިނާޔަތް ދޭނެ މުވައްޒަފުން މާލީ ވުޒާރާއިން މިހާރުވަނީ ކަނޑައަޅުއްވާފައެވެ.

މިކަން ހާމަކުރައްވާ މާލީ ވުޒާރާއިން ނެރުއްވި ސާކިއުލާއެއްގައި ވަނީ އެޢިނާޔަތް ދޭންވާނީ ދައުލަތުގެ އިދާރާތަކުގައި ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ޚިދުމަތްތައް ދިނުމަށްޓަކައި، މަސައްކަތަށް ނުކުންނަންޖެހޭ މުވައްޒަފުންނަށް އެކަނި ކަމަށެވެ.

ކޮންމެހެން ވަޒީފާއަށް ނުކުންނަންޖެހޭ މުވައްޒަފުންގެ ތެރެއިން ދައުލަތުގެ ޕޭ ފްރޭމްވަރކަށް ބަދަލުނުވާ މުވައްޒަފުންނަށް ކުރިންވެސް ދެމުން ގެންދާ އުސޫލުން ވަޒީފާއާ ބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ އިތުރުގަޑީގެ ފައިސާއާއި ބަންދު ދުވަހުގެ ޢިނާޔަތް ދޭން ޖެހޭނެ ކަމަށް މާލީ ވުޒާރާއިން ވިދާޅުވެއެވެ.

މިގޮތަށް ޢިނާޔަތް ދިނުމުގައި މުސާރައިން ދުވާލަކަށްޖެހޭ މިންވަރުގެ ދެބައިކުޅަ އެއްބައިގެ އިނާޔަތްދޭނީ ޑިއުޓީ އުސޫލުން އާންމުކޮށް މަސައްކަތްކުރަންޖެހޭ މުވައްޒަފުންނަށެވެ.

މާލީ ވުޒާރާއިން ވިދާޅުވީ، ދައުލަތުގެ ޕޭ ފްރޭމްވަރކަށް ބަދަލުވެފައިވާ މުވައްޒަފުންނަށް ރަމަޟާންމަހުގެ ފަހު 10 ދުވަސްތަކަކީ ވަޒީފާއާ ބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ "ރަސްމީ ބަންދު ދުވަސް"ތައް ފަދަ ދުވަސްތަކެއްގެ ގޮތުގައި ބަލައިގެން، ރަސްމީ ބަންދު ދުވަސްތަކުގައި މަސައްކަތްކުރުމުން ލިބޭނެކަމަށް އެ ޤާނޫނުގެ 38ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުސާރައިން ދުވާލަކަށްޖެހޭ މިންވަރުގެ ދެބައިކުޅަ އެއްބަޔާ އެއްވަރުގެ ޢިނާޔަތެއް ދޭން ޖެހޭނެ ކަމަށެވެ.

ދައުލަތުގެ ޕޭ ފްރޭމްވަރކަށް ބަދަލުވެފައިވާ މުވައްޒަފުންނަށް ރަމަޟާންމަހުގެ ފަހު 10 ދުވަހުގައި އިތުރުގަޑީގެ ފައިސާ ދިނުމުގައި ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުގައި ހިމެނޭ އިތުރުގަޑީގެ ފައިސާ ދޭނެ ގޮތުގެ މިންގަނޑަށް އަމަލުކުރަން ޖެހޭނެ ކަމަށްވެސް މާލީ ވުޒާރާގެ ސާކިއުލާގައިވެއެވެ.

ދައުލަތުގެ ޕޭ ފްރޭމްވަރކަށް ބަދަލުވެފައިވާ ފަންނުތަކުގެ މުވައްޒަފުންގެ ތެރެއިން، ދައުލަތުގެ އިދާރާތަކުގައި ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ޚިދުމަތްތައް ދިނުމަށްޓަކައި، އެ އިދާރާއަކުން ކަނޑައަޅާގޮތެއްގެ މަތިން، މަސައްކަތަށް ނުކުންނަންޖެހޭ މުވައްޒަފުން ރަމަޟާންމަހުގެ ފަހު 10ގެ ދުވަސްތަކުގެ ތެރޭގައި ހިމެނޭ ދުވަސްތަކުގައި ހާޒިރީ އިނާޔަތް ދޭން ޖެހޭނެކަމަށްވެސް މިސަރކިއުލާގައިވެއެވެ.

އަދި ފަންނުތަކުގެ މުވައްޒަފުންގެ ތެރެއިން އާންމު ހާލަތުގައި ހަފުތާގެތެރޭގައި މަސައްކަތް ކުރަން ޖެހޭ ކަމަށް ކަނޑައަޅާފައިވާ ދުވަސްތަކުގެ ތެރެއިން ރޯދަމަހުގެ ފަހު 10ގެ ދުވަސްތަކުގެ ތެރޭގައި ހިމެނޭ ދުވަސްތަކަށް އެ މުވައްޒަފަކަށް ކަނޑައަޅާފައިވާ ހާޒިރީ އިނާޔަތް ދިނުމަށް ވެސް ސަރުކާރުންވަނީ ނިންމަވާފައެވެ.

މިޢިނާޔަތ ދެނީ އޭޕްރީލްމަހުގެ މުސާރައާއެކުގައި ކަމަށްވެސް މާލީ ވުޒާރާއިން ހާމަކުރެއެވެ.
މި އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ ފަހު 10 އަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވީ، އިސްލާމީ އުސޫލުތައް ގާއިމުކުރުމާއި، ދީނީ ކަންކަމަށް ރައްޔިތުން ލޯބި ޖެއްސުމާއި، ދީނީ ކަންކަމަށް އިސްކަން ދިނުމަށް ފުރުޞަތު ދެއްވުމުގެ ގޮތުންނެވެ.