ޚަބަރު

ދެ ސްކޫލެއްގެ ޖާގަ އިތުރުކުރުމަށް އަމިއްލަ ބަޔަކާ ޙަވާލުކޮށްފި


  • މަސައްކަތް ޙަވާލުކޮށްފައިވަނީ ޅ. އޮޅުވެލިފުށި ސްކޫލާއި، ޏ.އަތޮޅު ތަޢުލީމީ މަރުކަޒުގެ

  • ދެ މަޝްރޫއަށް 45 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެ

އަތޮޅުތަކުގެ ދެ ސްކޫލެއްގެ ޖާގަ އިތުރުކުރުމުގެ މަސައްކަތް ކުރުމަށް އަމިއްލަ 2 ކުންފުންޏަކާ ޙަވާލުކޮށްފިއެވެ.

ތަޢުލީމާބެހޭ ވުޒާރާގައި ވަކިވަކިން ބޭއްވި ރަސްމިއްޔާތެއްގައި މަސައްކަތް ޙަވާލުކޮށްފައިވަނީ ޅ. އޮޅުވެލިފުށީ ސްކޫލާއި ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގެއެވެ.

މީގެ ތެރެއިން އޮޅުވެލިފުށީ ސްކޫލުގައި 10 ކްލާސްރޫމް ހިމެނޭ 2 ބުރީގެ ޢިމާރާތުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ ވީއަވަރ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއެވެ.

އެކުފުންޏާއި މި މަސައްކަތް ޙަވާލުކޮށްފައިވަނީ 365 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. މި މަސައްކަތަށް ގާތްގަނޑަކަށް 10.4 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ތަޢުލީމާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގައި 5 ބުރީގެ ޢިމާރާތުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ ޓިކް ޓެކް އިންވެސްޓްމަންޓާއެވެ.

މި އެއްބަސްވުމުގައިވެސް ތަޢުލީމާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޑރ. އަހުމަދު މުހައްމަދެވެ. ޓިކް ޓެކް އިންވެސްޓްމަންޓްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ޗީފް ފައިނޭންޝިއަލް އޮފިސަރ އިސްމާއިލް ޒަހުރާން ޒުބައިރެވެ.

ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގެ 5 ބުރީގެ އައު ޢިމާރާތުގެ މަސައްކަތް ޓިކް ޓެކް އިންވެސްޓްމަންޓާއި ޙަވާލުކޮށްފައިވަނީ 420 ދުވަހުން މަސައްކަތް ނިންމާގޮތަށެވެ. މި މަޝްރޫޢަށް 35.9 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެކަމަށް ތަޢުލީމާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.