ޚަބަރު

ފާޑުކިޔަސް ސިޔާސީ ވިސްނުމުގައި ހިފާ ހައްޔަރުކުރާނެ އެއްވެސް މީހަކު ނުހުންނާނެ: ރައީސް


  • އެންމެ އިސްކަންދެއްވަނީ ޤައުމަށް ހަމަޖެހުން ގެނައުމަށްކަމަށް

  • ސިޔާސީގޮތުން ފާޑުކިޔަސް ދަތިކުރާނެ ކަމެއް ނޯންނާނެކަމަށް

  • ކުރައްވާނީ އަދުލުވެރި ވެރިކަމެއްކަމުގެ ޔަޤީންކަން ދެއްވި

ސިޔާސީ ގޮތުން ކިތަންމެ ފާޑުކިޔަސް، ސިޔާސީގޮތުން ހިފާ ހައްޔަރުކުރާނެ އެއްވެސް މީހަކު ނުހުންނާނެކަމަށާއި، ކޮންމެ މީހަކަށްވެސް އެ މިނިވަންކަން އޮންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައެވެ.

ރާއްޖޭގެ ހަމަޖެހުން ޤާއިމްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ. ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައިވެސް އެމަނިކުފާނު ދެއްވި ޔަޤީންކަމަކީ ބަދަލު ހިފުމުގެ ރޫހު ނުގެންގުޅުއްވާނެކަމުގެ ޔަޤީންކަމެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ 4 މަސްދުވަހުގެ މަސައްކަތްޕުޅުތަކާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި އެމަނިކުފާނު ވިދާޅުވީ އަބަދު ބަދަލު ހިފުމުގެ ރޫހު ޤައުމުގަ އޮވެގެން ނުވާނެކަމަށެވެ. ސިޔާސީ ވިސްނުން އިސްކޮށް، މައްސަލަތައް ބަލައި ސިޔާސީގޮތުން ކަންކަންކުރަމުން އައިއައުން ނިމުމަކަށް އަންނަންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރައްޔިތުންނަށް ލުއިފަސޭހަވާނެގޮތަށް ކަންކަން ކޮށްދީ އިންސާފުގެ ޤާއިމްކޮށްދޭންޖެހޭކަމަށްވެސް ވިދާޅުވިއެވެ. ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ޤައުމަށް އަދުލުވެރިކަން ގެންނަންޖެހޭކަމަށާއި، އެމަނިކުފާނު ކުރައްވާނީ އަދުލުވެރި ވެރިކަމެއްކަމަށެވެ.

ރައީސް ވިދާޅުވީ ފާއިތުވި 4 މަސް ދުވަހުވެސް މަސައްކަތްކުރެއްވީ އަދުލުވެރިކަން ޤާއިމްކުރެއްވުމަށްކަމަށެވެ. އެނޫންގޮތަކަށް އެކަން ދިޔަތަން އެއްވެސް މީހަކަށް ފެނިވަޑައި ނުގަންނަވާނެކަމަށް ރައީސް ވިދާޅުވިއެވެ.

"ސިޔާސީ ވިސްނުމުގައި ހައްޔަރުކުރި އެކަކުވެސް ނުހުންނާނެ. ސުވާލެއްކުރަން ސިޔާސީ ވިސްނުމުގަ ގެންދިޔަ އެކަކުވެސް ނުހުންނާނެ. އަދި ނުވެސް ގެންދަން. އަޅުގަނޑަށް އެންމެ ރަނގަޅު ކިތަންމެވަރަކަށް ސިޔާސީ ވިސްނުމުގަ ކިތަންމެ ވަރަކަށް ކްރިޓިޒައިސް ކުރިއަސް. އަޅުގަނޑު އެބޭފުޅަކަށް ކުރިމަތިކުރުވާނެ ދަތިކަމެއް ނޯންނާނެ." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ބޭނުންފުޅުވަނީ ޤައުމުގައި ހަމަޖެހުން ޤާއިމްކުރެއްވުމަށްކަމަށާއި، ސިޔާސީ އަދި އެނޫންވެސް މީހުންނަށް ޤައުމުގައި ހަމަޖެހިގެން އުޅެވެންޖެހޭކަމަށެވެ. އެހެންކަމުން ކުރިއަށް އޮތްތާގަވެސް ޤައުމު ފެންނާނީ އެގޮތުގައިކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސިޔާސީގޮތުން ބައެއް މީހުން ހައްޔަރުކުރުމަށް މަޖުބޫރުކުރާ ހާލަތަށް ކަންކަން ގެންދިއުމަށް ބައެއް ސިޔާސީ ފަރާތްތަކުން ޕްރެޝަރ ކުރައްވާކަމަށެވެ. ނަމަވެސް ރައީސް ދެއްވި ޔަޤީންކަމަކީ އަބަދުވެސް އެމަނިކުފާނު އިޚްތިޔާރުކުރައްވާނީ ރީތި އުސޫލުތައްކަމެވެ.

"ރައްޔިތުން ކަމަކަށް ދަތިވެގެން ނުކުތީމަ ސިފައިންނާ ފުލުހުން ފޮނުވައިގެން އެރައްޔިތުން ހިފާ ހައްޔަރުކުރުމެއްވެސް ނުފެންނާނެ. މި 4 މަސް ދުވަހުވެސް ނުފެންނާނެ އެކަމެއް. އެކަންކުރަން ވަރަށް މަޖުބޫރުކުރުވާ ހާލަތަކަށް ބައެއް ބޭފުޅުންގެ ޕްރެޝަރ އައި މަސްވެރިންނަށް ފައިސާ ނުލިބިގެން ހިންގި އިހްތިޖާޖުގަ. އަޅުގަނޑު ދުށީ އެގޮތަކަށް ނޫން. އަޅުގަނޑު ބޭނުންވީ މަޝްވަރާގެ އުސޫލުން އެކަންކުރަން. އެއީ އެބޭފުޅުންގެ ޖާއިޒް ފައިސާ. ވާހަކަ ދައްކައިގެން ރިވެތި އުސޫލުން އެކަންވެސް ހައްލުވެފަ އެ އޮތީ." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ޤައުމުގެ ހަމަޖެހުން ޤާއިމްކުރުމަކީ އަމަލީގޮތުން ކުރައްވާނެ ކަމެއްކަމަށް ވިދާޅުވިއެވެ. މިދިޔަ ސަރުކާރުން ރިޔާސީ އިންތިޚާބާ ދިމާކޮށް ސިޔާސީ ވިސްނުމުގައި އެތައް ކުށްވެރިންނެއް ދޫކޮށްލިކަމަށާއި އެކި ކަހަލަ ކުށްތައް ކޮށްފައި ތިބި މީހުން، އޭގެ ސަބަބުން މުޖުތަމަޢުގައި އެކިކަހަލަ ކުށްކުށަށް އަރައިގަންނަވަމުންދާކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެކަންތައް ހަމައަކަށް އެޅުވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ކުޑަކުދިންނާ ބެހުމާއި، މާރާމާރީއާއި އެނޫންވެސް ނުރައްކާތެރި އެކި ކުށްތަކުގައި ޖަލަށް ލާފައިވާ 400އަށްވުރެ ގިނަ ޤައިދީން ނިމިދިޔަ ސަރުކާރުން މިދިޔަ އަހަރުގެ ތެރޭގައި މިނިވަންކޮށްފައިވާކަން ވަނީ ހާމަވެފައެވެ.