ޚަބަރު

ސުޕްރީމް ކޯޓުގެ ޙުކުމާ އެއްގޮތަށް އިލެކްޝަނުން ޙަސަންގެ ކެންޑިޑަސީ ބާޠިލުކޮށްފި


  • މިހާރު މެދުހެންވޭރަށް ވާދަކުރައްވާނީ ހަތަރު ކެންޑިޑޭޓުން

  • ހަސަންގެ ކެންޑިޑަސީ ބާތިލުކުރީ ސާބިތު ދަރަންޏެއް އޮވެ، ދަރަނި ނުދައްކާތީ

އަންނަ މަހު ބާއްވާ މަޖިލިސް އިންތިޚާބުގައި މެދުހެންވޭރު ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވާ ހަސަން ޝިޔާމުގެ ކެންޑިޑަސީ ބާތިލުކުރުމަށް ސުޕްރީމް ކޯޓުން ކުރި ހުކުމާ އެއްގޮތަށް އިލެކްޝަންސް ކޮމިޝަނުން އޭނާގެ ކެންޑިޑަސީ ބާޠިލުކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ ހަސަން ޝިޔާމްގެ ކެންޑިޑަސީ ބާތިލުކޮށް މެދުހެންވޭރު ދާއިރާއަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށްފައެވެ. އެގޮތުން، ކުރިން އެ ދާއިރާއަށް 5 ކެންޑިޑޭޓުން ވާދަކުރިއިރު މިހާރު ވާދަކުރާނީ ހަތަރު ކެންޑިޑޭޓުންނެވެ. ކެންޑިޑޭޓުންގެ ނަންބަރަށް ބަދަލު ނުގެނައި ނަމަވެސް ހަސަންގެ ކެންޑިޑޭޓު ނަންބަރު މިހާރު ވަނީ އުނިކޮށްފައެވެ.

ސުޕްރީމް ކޯޓުން ހަސަންގެ ކެންޑިޑަސީ ބާތިލުކުރަން ހުކުމް ކުރީ އޭނާގެ މައްޗަށް ސާބިތު ދަރަންޏެއް އޮވެ، ހުކުމާ އެއްގޮތަށް ދަރަނި އަދާނުކުރާތީއެވެ. ސުޕްރީމް ކޯޓުން ކުރެއްވި ޙުކުމްގައި ވަނީ، ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާ މީހެއްގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތު ޙަސަން ޝިޔާމްގެ ކިބައިގައި ހަމަނުވާ ކަމަށާއި، އެއީ އޭނާގެ މައްޗަށް ސާބިތު ދަރަންޏެއް އޮވެމެ، އެ ދަރަނި ހުކުމާ އެއްގޮތަށް ދައްކަމުން ނުދާތީކަމަށެވެ.

އެ ކޯޓުން މިހުކުމް ކޮށްފައިވަނީ މައްސަލަ ބެއްލެވި ތިން ގާޒީންގެ ވެސް އިއްތިފާގުންނެވެ.

ގާނޫނުއަސާސީގައިވާ ގޮތުން ދަރަންޏެއް އޮތް މީހަކު ހުކުމާ އެއްގޮތަށް ދަރަނި ނުދައްކާ ކަމުގައިވާނަމަ އޭނާއަށް މަޖިލީހުގެ އިންތިޚާބުގައި ވާދަކުނުކުރެވޭނެއެވެ.

ހަސަންގެ ކެންޑިޑަސީ ބާތިލު ކުރުމާއެކު އަންނަ މަހުގެ 21 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ އަދަދު މިހާރު ވަނީ 368 އަށް ދަށްވެފައެވެ.