ޚަބަރު

ފެނަކައިން 25 ރަށެއްގައި ހިންގި މަޝްރޫޢުތަކުގެ މައްސަލަ އޭސީސީއަށް ފޮނުވައިފި


  • މަޝްރޫޢުތައް ކުރިއަށް ގެންދިޔައީ އެއްވެސް ދިރާސާއެއް ނުހަދާ

  • މަޝްރޫޢުތަކުގެ ސަބަބުން އެތައް މިލިއަން ރުފިޔާގެ ގެއްލުން ފެނަކައަށް

  • އޭސީސީއަށް ފޮނުވާފައިވަނީ 9 އަތޮޅެއްގެ ހިންގަމުންދިޔަ 25 މަޝްރޫޢުއެއްގެ މައްސަލަ

މާކެޓުގައި މަސައްކަތުގެ އަގަށް ބެލުމެއް ނެތި މިދިޔަ ސަރުކާރުގައި ފެނަކަ ކޯރޕަރޭޝަނުން ހިންގާފައިވާ 25 މަޝްރޫޢުއެއްގެ މައްސަލަ އެކުންފުނިން އެންޓި ކޮރަޕްޝަން ކޮމިޝަން، އޭ.ސީ.ސީއަށް ހުށަހަޅައިފިއެވެ.

މި މައްސަލަތައް އޭސީސީއަށް ހުށަހެޅިކަން ހާމަކޮށް އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ މުޢާޒް މުޙައްމަދު ރަޝީދު މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ކުންފުންޏަށް އިންތިހާއަށް ގެއްލުންވާގޮތަށް ބީއޯކިއުއެއް އަދި މާކެޓްގައި މި މަސައްކަތްތައް ކުރެވޭނެ އަގަށް ބެލުމެއްނެތި 25 މަޝްރޫއެއްގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ.

މިއީ ކުންފުނީގެ ކުރީގެ މެނޭޖްމަންޓުން ކުންފުނި މެދުވެރިކޮށް އަމިއްލައަށް ހިންގި 60 މަޝްރޫޢުގެ ތެރެއިން މަޝްރޫޢުތަކެއް ކަމަށް މުޢާޒަ ވިދާޅުވިއެވެ. އަދި މި މަޝްރޫޢުތަކުގެ ސަބަބުން ފެނަކައަށް އެތަށް މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

މުޢާޒް ވިދާޅުވީ، މީގެ ސަބަބުން އެތައް ސަޕްލަޔަރުންނަށް ދޭން ޖެހޭ ފައިސާ ނުދެވި ކުންފުނި ބޮޑުތަނުން ދަރާފައިވާ ކަމަށެވެ. އަދި މިކަމުގައި ޒިންމާވާން ޖެހޭ ފަރާތްތަކުގެ މައްސަލަ އަވަހަށް ބަލައި ޤާނޫނީ ފިޔަވަޅު އަޅަން ޖެހޭ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

އޭސީސީއަށް ހުށަހެޅި މަޝްރޫޢުތަކުގެ ތެރޭގައި 9 އަތޮޅެއްގެ 25 ރަށެއްގެ މަޝްރޫޢުތައް ހިމެނެއެވެ. މީގެ ތެރޭގައި ތ. އަތޮޅުގެ 5 ރަށެއްގެ މަޝްރޫޢު އަދި ގދ. އަތޮޅުގެ 5 ރަށެއްގެ މަޝްރޫޢުތައް ހިމެނެއެވެ. ދެން ހިމެނެނީ ލ. އަތޮޅުގެ 3 ރަށެއްގެ މަޝްރޫޢު ށ، ނ އަދި ހއ. އަތޮޅުން ކޮންމެ އަތޮޅެއްގެ ދެ ރަށެއްގެ މަޝްރޫޢުއެވެ. މީގެ އިތުރުން ގއ. އަދި ހދ. ގެ މަޝްރޫޢެއްގެ މައްސަލަވެސް އޭސީސީއަށް ފޮނުވި މައްސަލަތަކުގެ ތެރޭގައި ހިމެނެއެވެ.

ސަރުކާރު ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑަށް ދަރާފައި އޮތް އެއް ކުންފުންޏަކީ ފެނަކައެވެ. އެގޮތުން މި ސަރުކާރު ހަވާލުވިއިރު އެކުންފުނި 4.3 ބިލިއަން ރުފިޔާގެ ބޮޑު ދަރަންޏެއް އޮތެވެ. އޭގެ ތެރެއިންވެސް މިދިޔަ ސަރުކާރުގައި ފެނަކައާއި ހަވާލުކޮށް އެތެރެއިން ހިންގި 60 މަޝްރޫޢަށްވެސް ނިމިދިޔަ ސަރުކާރުން 1 ބިލިއަން ރުފިޔާ ޙަރަދުކޮށްފައިވާ ކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޢާޒް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

އެކުންފުނިން ހާމަކޮށްފައިވާ ގޮތުގައި، ފައިސާ ދޭން ޖެހޭ ކުންފުނިތަކަށް އެއް ފަހަރާ ފައިސާ ދޭނެ ޤާބިލްކަން ކުންފުނީގައި ނެތްނަމަވެސް ކުރިއަށް އޮތް ދެ އަހަރާއި ބައިގެ ތެރޭގައި ހުރިހާ ފައިސާއެއް ހަލާސްކުރާން ރާވާފައިވާ ކަމަށެވެ.