ޚަބަރު

"ވިސްނާ ފިކުރު ކުރުމުގެ އެންމެ މުހިންމު އެއް ބޭނުމަކީ ހެވާއި ނުބައި ވަކިކުރުން"


  • މާލޭގައި ބޭއްވި 3 ވަނަ އިޙްޔާ ފޯރަމްގެ މަޢުޞޫއަކީ ވިސްނާ ފިކުރުކުރުން

  • ޤްރުޢާނާއި ހަދީސްތަކުގައި ވިސްނާ ފިކުރު ކުރުމަކީ ކިހާ މުހިންމު ކަމެއްކަން ބަޔާންކޮށްފައިވޭ

  • ޒަމާނަށް އަންނަ ބަދަލުތަކާއެކު ހެވާ ނުބައި ވަކިވާ މިންވަރަށް ވިސްނުމަށް ދީނުގައި ބާރުއަޅާ

ވިސްނާ ފިކުރު ކުރުމުގެ އެންމެ މުހިންމު އެއްބޭނުމަކަށް ވާންވީ އެވިސްނާ ވިސްނުމަކުން ހެވާ ނުބައި ވަކިކުރުންކަމަށް ދިވެހިރާއްޖޭގެ ޤައުމި ޔުނިވަރސިޓީގެ ސީނިއަރ ލެކްޗަރ ޑރ. ސަޢުދުﷲ ޢަލީ ވިދާޅުވެއްޖެއެވެ.

ޑރ. ސަޢުދުﷲ މިހެން ވިދާޅުވީ ރަމަޟާން މަހުގެ ރޭތައް އިޙްޔާކުރުމުގެ ގޮތުން ބޭއްވި ފޯރަމްގައި ވާހަކަދައްކަވަމުންނެވެ. ރަމަޟާން މަހުގެ ރޭތައް އިޙްޔާކޮށް ދިރުވުމުގެ ގޮތުން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ފޯރަމްގެ މަޢުޟޫއަކީ ވިސްނާ ފިކުރުކުރުމުގެ މުހިންމުކަމެވެ.

މި މަޢުޟޫއަށް ވާހަކަދައްކަވަމުން ޑރ. ސަޢުދުﷲ ޢަލީ ވިދާޅުވީ، ވިސްނާ ފިކުރުކުރުމަކީ އިސްލާމްދީނުގައި ވަރަށް މާތް ސިފައެއްކަމަށާ، ޒަމާނަށް އަންނަ ބަދަލާއެކު މިހާރު އެންމެ ބޮޑަށް ވިސްނަންޖެހޭ އެއްކަމަކީ ދިރިއުޅުމުގެ ހަޔާތުގައި ދިމާވާ ކަންތައްތަކަމަށެވެ. އެގޮތުން ދިރިއުޅުމުގެ ވައްޓަފާޅިއަށް އަންނަ ބަދަލުތަކާ މެދު ވިސްނާ ފަރާތްތައް ގިނަކަން އޭނާ ފާހަގަކުރެއްވިއެވެ.

އަބަދުވެސް ހަނދާކުރަން ޖެހޭ އެއްކަމަކީ ރަނގަޅާ ނުބައި ސައްހަ ގޮތުގައި ބޭނުންކުރުން މުހިންމުކަމަށް ވިދާޅުވިއެވެ. އޭގެއިތުރުން ތިމާ ކުރިއަރައި ދާނެގޮތްތަކާ، ދުނިޔެއަށް އަންނަ ބަދަލުތަކާ މެދުގައިވެސް ވިސްނުން ގެންގުޅެންޖެހޭކަމަށް ސަޢުދުﷲ ވިދާޅުވިއެވެ. އަދި ކީރިތި ޤުރުއާނާ ރަސޫލާގެ ހަދީސްތަކުން ވިސްނާ ފިކުރު ކުރުމަކީ ކިހާ މުހިންމުކަމެއްކަން އެނގެންޖެހޭކަމަށް ވިދާޅުވިއެވެ.

"އިސްލާމީ ނަޒަރަކުން ބަލާލާއިރު ވިސްނާ ފިކުރުކުރުމަކީ ﷲ އަށް އަޅުވެތިވެ މިބިމުގެ ޙަލީފާކަން އަދާކުރުމުގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނިގެން ދާކަމެއް، ކީރިތި ޤުރުއާނަށް ބަލާލާއިރު ވިސްނާފިކުރުމަށް ވަރަށް ބޮޑަށް ބާރު އަޅުއްވާފައިވާކަން ހާމަވޭ، ފިކުރު ކުރަން 18 ފަހަރު ކީރިތި ޤުރުއާނުގައި އައިސްފައިވޭ އަދި ވިސްނާ ފިކުރުކުރުމަށް ބާރުއަޅާ އެތައް އާޔަތެއް ޤުރުއާނުގައި ބަޔާންކޮށްފައިވޭ." ޑރ. ސަޢުދުﷲ ޢަލީ ވިދާޅުވިއެވެ.

ކަންކަމާމެދު ވިސްނާ ފިކުރުކުރުމަށް ދީނުގައި އަންގަވާފައި އޮންނަކަން އެންމެ ބޮޑަށް އެނގެނީ ކީރިތި ޤުރުއާނުގައި އެކަން ބަޔާންކޮށްފައިވުމެވެ. އެގޮތުން ޑރ. ސަޢުދުﷲ ވަނީ ޤުރުއާނުގައި ވިސްނާ ފިކުރު ކުރުމަށް ބަޔާންކޮށްފައިވާ ގޮތްތަކާ ގުޅޭގޮތުންވެސް ވާހަކަފުޅުދައްކާފައެވެ.

ކީރިތި ޤުރުއާނުގެ މޫރިތި އެތައް އާޔަތަކުން، ވިސްނާފިކުރުކުރުމަކީ އިސްލާމްދީން މުސްލިމުންގެ މައްޗަށް ކަނޑައަޅުއްވާފައިވާ ފަރުޟެއްކަން ހާމަވާ އެތައް އާޔަތެއް ކީރިތި ޤުރުއާނުގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން ބޭކާރު ގޮތުގައި ނުވިސްނުމަށް ކީރިތި ޤުރުއާނުގައި ބަޔާންކޮށްފައިވާކަމަށްވެސް ވިސްނާ ފިކުރުކުރުމުގެ މަޢުޟޫއަށް ވާހަކަފުޅުދައްކަވަމުން ޑރ. ސަޢުދުﷲ ވިދާޅުވިއެވެ.