ޚަބަރު

ސަޢުދީން ރާއްޖެއަށް 55 ޓަނުގެ ކަދުރު ހަދިޔާކޮށްފި


  • ކޮންމެ އަހަރަކުވެސް ސަޢުދީން ރާއްޖެއަށް ކަދުރު ހަދިޔާ ކުރޭ

  • މި ކަދުރު ގޭބިސީތަކަށް ބަހާނީ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން

ސަޢުދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް 55 ޓަނުގެ ކަދުރު ހަދިޔާކޮށްފިއެވެ.

މި 55 ޓަނުގެ ތެރެއިން 50 ޓަނަކީ ސަޢުދީ ސަރުކާރުން ރާއްޖެއަށް ހަދިޔާ ކުރި ކަދުރެވެ. އަދި 5 ޓަނަކީ ސަޢުދީ ޢަރަބިއްޔާގެ އިސްލާމިކް މިނިސްޓްރީން ރާއްޖޭގެ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަށް ހަދިޔާކުރި ކަދުރެވެ.

ރާއްޖޭގައި ހުންނަ ސަޢުދީ އެމްބަސީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ޤައުމުގެ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި 50 ޓަނުގެ ކަދުރާ ދިވެހި ސަރުކާރުގެ ފަރާތުން ހަވާލުވެވަޑައިގެން އެއްބަސްވުމުގައި ސޮއިކުރެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.


މި ރަސްމިއްޔާތުގައި ސަޢުދީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ޤައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަތްރެކް ބިން ޢަބްދުﷲ އަލް ޢަޖާލީން އަލްދައުސަރީއެވެ.

ސަޢުދީގެ އިސްލާމިކް މިނިސްޓްރީން ރާއްޖޭގެ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަށް ހަދިޔާކުރި ކަދުރާ ހަވާލުވެވަޑައިގެންނެވީވެސް ވަޒީރު ޑރ. ޝަހީމެވެ.

ސަޢުދީން ހަދިޔާކުރި ކަދުރު ހަވާލުކުރުމުގެ ރަސްމިއްޔާތުތަކަށްފަހު އެ ޤައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަނީ މި ރަމަޟާން މަހު އެ ޤައުމުން ސްޕޮންސަރ ކޮށްގެން އިސްލާމީ މަރުކަޒުގައި ކުރިއަށްގެންދާ އިފްތާރު ޕްރޮގްރާމް ކުރިއަށްދާގޮތްވެސް ބައްލަވާލައްވާފައެވެ.

ކޮންމެ އަހަރެއްގެ ރަމަޟާން މަހާ ދިމާކޮށް ސަޢުދީ ޢަރަބިއްޔާއިން ރާއްޖެއަށް ކަދުރު ހަދީޔާކުރެއެވެ.
މި ކަދުރު ގޭބިސީތަކަށް ބެހުމުގެ މަސައްކަތް ކުރިއަށްގެންދަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިންނެވެ.