ޚަބަރު

ޒަމާނީ އަސްކަރީ ޑްރޯންގެ ޚިދުމަތް ފެށުމަކީ ތާރީޚީ އަދި ފަޚުރުވެރި ނިންމުމެއް: ޤާސިމް


  • ޤާސިމް އިބްރާޙިމް ރައީސް ފެށްޓެވި މަސައްކަތައް ވަރަށްބޮޑަށް ތައުރީފްކުރައްވާފައި

  • ޑްރޯންގެ ޚިދުމަތަކީ ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށް ރައީސްއަކު ކުރެއްވި އެންމެ މުހިންމު މަސައްކަތްޕުޅު

  • އަސްކަރީ ޑްރޯންގެ ޚިދުމަތާއެކު މަސްވެރިކަމަށް ލުއިފަސޭހަކަމެއް ލިބިގެންދާނެ

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުން އެއީ ދިވެހި ޤައުމުގެ މިނިވަންކަމާއި، އިސްތިޤްލާލް އަދި ދިވެހި ޤައުމުގެ މަސްވެރިކަމަށްޓަކައި، ދިވެހީން މާކުރީންވެސް އަމިއްލައަށް ކުރަން ޖެހިފައިވާ ކަމެއްކަމަށާއި، އެބޮޑު މަސްއޫލިއްޔަތުރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ލަސްނުކޮށް ފެށްޓެވިކަމީ ތާރީޚީ އަދި ފަޚުރުވެރި ނިންމެވުމެއްކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. ޤާސިމް މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު، ވައިގެ އެއަރ ކޯރ ފެށްޓެވުމާއި ގުޅިގެން އެކަމަށް ތަޢުރީފް ކުރައްވާ ކުރެއްވި ޕޯސްޓްއެއްގައެވެ.

ޤާސިމް އިބްރާހީމް ވަނީ، އެމް.އެން.ޑީ.އެފް އެއާރ ކޯރ" ގެ ނަމުގައި ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ވައިގެ ސިފައިންގެ ހިދުމަތް ( ތައާރަފު ކޮށްދެއްވާ، ރާއްޖޭގައި ޒަމާނީ އަސްކަރީ ޑްރޯން އޮޕަރޭޓް ކުރުން، އިފްތިތާޙް ކޮށްދެއްވީތީ ރައީސުލް ޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒަށް ޝުކުރު އަދާކުރައްވާފައެވެ.

މިމުހިންމު ބޮޑު މަސްއޫލިއްޔަތު ޢިއްޒަތްތެރި ރައީސް ގެ ސަރުކާރުގައި ލަސްނުކޮށް ފެއްޓެވި ކަމީ ނުހަނު ތާރީޚީ އަދި އެހާމެ ފަޚުރުވެރި ނިންމެވުމެއްގެގޮތުގައި ސިފަކުރައްވާ ޤާސިމް ވިދާޅުވީ މިއީ ރާއްޖެ ދެމިއޮތްހާ ދުވަހަކު މެދު ނުކެނޑި ކުރިއަށް ގެންދަން ޖެހޭނޭ މުހިންމު ޚިދުމަތެއްކަމަށެވެ.

މީގެއިތުރުން ދިވެހި މަސްވެރިކަމުގެ އުޅަނދުތަކާއި، ދިވެހިރާއްޖޭގެ ކަނޑުދަތުރުތަކަށް، އަމާން، ފަހި ދުވަސްތަކެއް ހޯއްދަވައިދެއްވުމަށް ރާއްޖޭގެ އެންމެ ފުރަތަމަ ވައިގެ ސިފައިންގެ ތެރެއަށް އަސްކަރީ ޑްރޯން ނުވަތަ "އަންމޭޑް އޭރިއަލް ކޮމްބެޓް ވެހިކަލް (ޔޫއޭވީ) ތަޢާރުފު ކޮށްދެއްވުމަކީ ހަމަ ކޮންމެ ދިވެހިރައްޔިތަކު ޝުކުރުވެރިކަމާއެކު ބަލައިގަންނަށް ޖެހޭ ކަމެއްކަމަށް ޤާސިމް ވިދާޅުވިއެވެ. މިއީ ދިވެހިޤައުމު ތާއަބަދު ފަޚުރުވެރިވާނޭ ޚިދުމަތެއްކަމަށްވެސް ޤާސިމް ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވީ، އެކުވެރި ޤައުމުތަކަށް އަބަދުމެ ކޮންމެ ކަމެއްގައި ބަރޯސާވެ ތިބުމުގެ ބަދަލުގައި، ޤައުމެއްގެ ހައިސިއްޔަތުން އަމިއްލައަށް ކުރަންޖެހޭ މިބާވަތުގެ ކަންކަން ކުރުމަށް އެހެން ފަރާތްތަކަށް ދޫކޮށްލައިގެން ތިބުމަކީ އެފަދަ އެހީދޭ ފަރާތްތަކަށްވެސް ތަކުލީފަކަށް ވާނޭ ކަމެއްކަމަށެވެ. ޤައުމުގެ ފުދުންތެރިކަން އިތުރުވަމުންދާ މިންވަރަކުން ޤައުމުގެ ދިފާޢަށްޓަކައި ފަސްނުޖެހި، ހަލުވި ފިޔަވަޅުތައް އަޅާ، ޤައުމައިގެން ކުރިއަށް ވަޑައިގަތުމަށް ރައީސް ޑރ. މުޢިއްޒު ދެއްކެވި މަތިވެރި ލާމަސީލު މިސާލަށް ޤާސިމް ވަނީ އައްސަރިބަހާ ސާބަސް ދަންނަވާފައެވެ.

މިފަދަ މުހިންމު މަސައްކަތްޕުޅުތައް ދިވެހި ޤައުމަށް ތަޢާރަފު ކޮށް ދެއްވުމަށާއި، އަދި އެކަންކަން ކުރިއަށް ގެންދެވުމަށްޓަކައި، ރައީސް މުޢިއްޒުގެ ޒަޢާމަތަށް ރޯޝަނީކަމާ، ބާއްޖަވެރިކަން މިންވަރު ކުރައްވުން އެއީ އަބަދުވެސް އެދިވަޑައިގަންނަވާގޮތްކަމުގައި ޤާސިމް ވިދާޅުވެފައިވެއެވެ.

ދިވެހި އަސްކަރިއްޔާގެ ވައިގެ ބާރު އިފްތިތާޙްކޮށް، އަންމޭންޑް އޭރިއަލް ވެހިކަލް ސިފައިންގެ ޚިދުމަތް ތަޢާރަފްކުރެއްވުމާއި ގުޅިގެން ރާއްޖޭގެ ސިޔާސީ އެތައް ލީޑަރުންނެއް ގެންދަވަނީ ރައީސް ޑރ. މުޢިއްޒަށް ތަޢުރީފްކުރައްވާ މަރުޙަބާ ދަންނަވަމުންނެވެ.