އެއަރ އެމްބިއުލާންސްގެ ޚިދުމަތުގައި ސީޕްލޭން ބޭނުންކުރަން ފަށައިފިއެވެ. އެއަރ އެމްބިއުލާންސްގެ ޚިދުމަތުގައި ސީޕްލޭން ރަސްމީކޮށް ބޭނުންކުރަން ފަށާފައިވަނީ މިއަދުއެވެ.
މިނިސްޓްރީ އޮފް ހެލްތާއި އެންސްޕާއާއި އާސަންދަ ގުޅިގެން އެއަރ އެމްބިއުލާންސްގެ ޚިދުމަތް ފަށާފައިވަނީ މިމަހުގެ ފުރަތަމަ ދުވަހުގައެވެ. ޑޭޝް-8 މަރުކާގެ ބޯޓަކުން ކުއްލި ޙާލަތުގައި ފަރުވާ ބޭނުންވާ ފަރާތްތައް އުފުލުގެ މަސައްކަތް ފަށާފައިވާއިރު މިހާތަނަށް 25 މީހަކު ކުއްލި ފަރުވާގައި އުފުލާފައިވާކަމަށް އައިލެންޑް އެވިއޭޝަނުން ބުނެއެވެ.
މިޚިދުމަތުގައި ހުކުރު ދުވަހުން ފެށިގެންވަނީ ސީޕްލޭން ބޭނުންކުރަން ފަށާފައެވެ. މިކަމަށްޓަކައި ބޭނުންކުރާ ސީޕްލޭންވަނީ މެޑިކަލް އިވެކުއޭޝަންތަކަށް ތައްޔާރުކޮށް ޤާއިމުކުރަންޖެހޭ ޒަމާނީ ހުރިހާ ވަޞީލަތްތައް ޤާއިމުކޮށްފައެވެ. އައިލެންޑް އެވިއޭޝަނުން ބުނީ ސަލާމަތީ ގޮތުން ރައްކާތެރި އަދި އިތުބާރު ކުރެވޭގޮތަށް ފަރުމާކޮށްފައިވާ ޑީއެޗްސީ-6 ޓްވިން އޮޓަރގައި އެއަރއެމްބިއުލާންސްގެ ޚިދުމަތް ފެށިގެން ދިޔުމަކީ ކުއްލި ފަރުވާގެ ދާއިރާ ހަރުދަނާކުރުމަށް އެޅިގެންދިޔަ މުހިއްމު ފިޔަވަޅެއްކަމަށެވެ.
މި ޚިދުމަތް 24 ގަޑިއިރު ދިނުމަށްޓަކައި ކުއްލި ފަރުވާގައި މީހުން އުފުލުމުގެ ޚިދުމަތުގެ ތަމްރީން ލިބިފައިވާ 15 މުވައްޒަފުން މަސައްކަތްކުރެއެވެ. އޭގެ ތެރޭގައި ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން އިމަރޖެންސީ މެޑިކަލް ޓެކްނީޝަނުން ހިމެނެއެވެ.
އެއަރ އެމްބިއުލާންސްގެ ޚިދުމަތުގައި ސީޕްލޭން ބޭނުންކުރުމުގެ މައިގަނޑު މަޤްސަދަކީ ރާއްޖޭގެ ހުރިހާ ރަށަކުންވެސް ކުއްލި ފަރުވާއަށް ބޭނުންވާ ފަރާތްތަކަށް އެޚިދުމަތްދިނުމުގައި ލަސްނުވެ ފަރުވާ ފޯރުކޮށްދިނުމެވެ. ސަބަބަކީ ރާއްޖޭގެ ހުރިހާ ރަށެއްގައި އެއަރޕޯޓު ނެތުމާއެކު ޑޭޝް-8 މަރުކާގެ ބޯޓަކުން އެކަނި ވަށާޖެހޭ ޚިދމަތެއް މުޅި ރާއްޖެއަށް ނުދެވޭނެތީކަމަށް ސަރުކާރުންވަނީ ވިދާޅުވެފައެވެ.